ފުވައްމުލައް ސިޓީގައި ވޯޓުލުން ފަށައިފި
ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިއަދު ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު، އަދި ޤާނޫނުއަސާސީއަށް ގެންނަ އިސްލާހާ ގުޅޭގޮތުން އާންމުންގެ ޚިޔާލު ހޯދުމުގެ ވޯޓުލުން ފުވައްމުލައް ސިޓީގައި ފަށައިފިއެވެ.
މިއަދު ހެނދުނު 8:00 ޖެހިއިރު ފުވައްމުލައް ސިޓީގެ ޖުމްލަ 6 މަރުކަޒެއްގައި ވޯޓުލުން ފަށާފައިވާއިރު، އިލެކްޝަންސް ކޮމިޝަނުން ހާމަކުރައްވާފައިވާ ގޮތުގައި ހުރިހާ މަރުކަޒެއްގައިވެސް ވޯޓުލުން ފެށިފައިވަނީ ކަނޑައެޅިފައިވާ ގަޑިއަށެވެ. މި ވޯޓުލުން މިއަދު ހަވީރު 4:00 އާ ހަމައަށް ކުރިއަށްދާނެއެވެ.
ފުވައްމުލައް ސިޓީގައި ވޯޓުލުން ކުރިއަށްދާ މަރުކަޒުތަކަކީ:
- މުހައްމަދު ޖަމާލުއްދީން ސްކޫލް (3 ވޯޓިންގ ސްޓޭޝަން)
- ފުވައްމުލައް ސިޓީ ޒުވާނުންގެ މަރުކަޒު
- ފުވައްމުލައް ސިޓީ އަތޮޅު ތަޢުލީމީ މަރުކަޒު
- ހާފިޘް އަހުމަދު ސްކޫލް
- ޒިކުރާ މާލެގަން މަރުކަޒު
- ފުވައްމުލައް ސްކޫލް (2 ވޯޓިންގ ސްޓޭޝަން)
މި އިންތިޚާބުގައި ފުވައްމުލައް ސިޓީ ކައުންސިލަށް 8 މެންބަރުން ހޮވުމަށް ހަމަޖެހިފައިވާއިރު، މީގެ ތެރެއިން މޭޔަރު ހޮވާނީ މުޅި ސިޓީގެ ރައްޔިތުންގެ ވޯޓުންނެވެ. އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއަށްވެސް 8 މެންބަރުން އިންތިޚާބުކުރާއިރު، އެ ކޮމިޓީގެ ރައީސް ހޮވުމަށް ވަކިން ވޯޓުލުން ކުރިއަށްދެއެވެ.
މީގެ އިތުރުން، ދިވެހިރާއްޖޭގެ ޤާނޫނުއަސާސީއަށް ގެންނަ 8 ވަނަ އިސްލާހު ތަސްދީޤުކުރުމާ މެދު ރައްޔިތުންނަށް ފެންނަގޮތް ބެލުމަށްޓަކައި ނަގާ އާންމު ޚިޔާލު ހޯދުމުގެ ވޯޓުލުންވެސް މި މަރުކަޒުތަކުގައި ކުރިއަށްދެއެވެ.
އިލެކްޝަންސް ކޮމިޝަނުގެ ތަފާސްހިސާބުތަކަށް ބަލާއިރު، މި އިންތިޚާބުގައި ފުވައްމުލައް ސިޓީން ވޯޓު ދިނުމުގެ ހައްޤު ލިބިގެންވަނީ ޖުމްލަ 6,444 މީހުންނަށެވެ. އިންތިޚާބުގެ ކަންކަން އަމާންކަމާއެކު ކުރިއަށްދާކަން ފާހަގަކުރެވެއެވެ.
ރިއެކްޝަންސް



