ފުވައްމުލައް ސިޓީ ދޫނޑިގަން ދާއިރާގެ ޕީއެންސީ "ދޮރުން ދޮރަށް" ހަރަކާތުގައި މަޖިލީހުގެ ރައީސް ބައިވެރިވެވަޑައިގެންފި

ފުވައްމުލައް ސިޓީ ދޫނޑިގަން ދާއިރާގެ ޕީއެންސީ "ދޮރުން ދޮރަށް" ހަރަކާތުގައި މަޖިލީހުގެ ރައީސް ބައިވެރިވެވަޑައިގެންފި

1 hour ago - 22:09

ފުވައްމުލައް ސިޓީ ދޫނޑިގަން ދާއިރާގެ ޕީއެންސީ ކެންޑިޑޭޓުންނަށް ތާއީދު ހޯދުމުގެ ގޮތުން މިއަދު ކުރިއަށްގެންދިޔަ "ދޮރުން ދޮރަށް" ހަރަކާތުގައި، ޕީއެންސީގެ ޗެއަޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ޢަމަލީގޮތުން ބައިވެރިވެވަޑައިގެންފިއެވެ.


މި ހަރަކާތަކީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގެ އިތުރުން، ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމާ މެދު ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަށް ތާއީދު ހޯދުމަށް ފުވައްމުލައް ސިޓީގައި ސިލްސިލާކޮށް ކުރިއަށްގެންދާ ކެމްޕެއިން ހަރަކާތްތަކެކެވެ. 


ދޫނޑިގަން ދާއިރާގައި މިއަދު ބޭއްވި މި ހަރަކާތުގައި މަޖިލިސް ރައީސް ޢަބްދުއްރަޙީމްގެ އިތުރުން، ޕީއެންސީގެ އިސް ލީޑަޝިޕްގެ ބޭފުޅުންނާއި، ފުވައްމުލަކު ދެކުނު ދާއިރާގެ ރައްޔިތުންގެ މަޖިލިސް މެންބަރު އިބްރާހީމް ޙުސައިން (އިއްބެ) އާއި ޕާޓީގެ ގިނަ އަދަދެއްގެ އާންމު މެންބަރުން ބައިވެރިވެވަޑައިގެންފައިވެއެވެ. މި ހަރަކާތުގެ ތެރެއިން ޕާޓީގެ ލީޑަޝިޕުން ވަނީ ދޫނޑިގަން ދާއިރާގެ ގޭގެއަށް ޒިޔާރަތްކޮށް، ރައްޔިތުންގެ ޝުޢޫރުތައް އަޑުއަހައި، ސަރުކާރުގެ ސިޔާސަތުތަކާ ގުޅޭ މަޢުލޫމާތު ހިއްސާކުރައްވާފައެވެ.


ފުވައްމުލައް ސިޓީގައި ޕީއެންސީގެ ކެމްޕެއިން ހަރަކާތްތައް މިހާރު ވަނީ ވަރަށް ބޮޑަށް ފޯރިއަރުވާލާފައެވެ. އެގޮތުން ސިޓީގެ އެކި އަވަށްތަކުގައި ކެންޑިޑޭޓުންގެ ޕޯސްޓަރު ހަރުކުރުމާއި، ކެމްޕެއިންގެ އެކި ޙަރަކާތްތައް ވަރަށް ފޯރިއާއެކު ކުރިއަށްދާކަން ފާހަގަކުރެވެއެވެ. ޕީއެންސީން މަސައްކަތް ކުރަމުންދަނީ ކުރިއަށް އޮތް އިންތިޚާބުތަކުގައި ފުވައްމުލައް ސިޓީއިން  ބޮޑު ކާމިޔާބީއެއް ހޯދުމަށެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow