ހަނގުރާމައިގެ ނޭދެވޭ އަސަރު ކުޑަކުރުމަށް އަޅާ ފިޔަވަޅުތަކުން ރައްޔިތުންނަށް އިތުރު ތަކުލީފެއް ނާންނާނެ
މެދުއިރުމައްޗާއި ގަލްފުގެ ސަރަޙައްދުގައި ހިނގަމުންދާ ހަނގުރާމަ ދިގުލައިގެން ދިއުމުގެ ސަބަބުން ރާއްޖެއަށް ކުރިމަތިވެދާނެ ނޭދެވޭ އަސަރުތައް ކުޑަކުރުމަށް ސަރުކާރުން އަޅާ ޚަރަދު ކުޑަކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން، ރައްޔިތުންނަށް އިތުރު ބުރައެއް ނުވަތަ ތަކުލީފެއް ނާންނާނެ ކަމުގެ ޔަޤީންކަން ސަރުކާރުން މިއަދު ދީފިއެވެ.
މިކަން ހާމަކުރެއްވީ، މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން ރާއްޖެއަށް ކުރިމަތިވާ ގޮންޖެހުންތަކުން އަރައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އެކުލަވާލައްވާފައިވާ ވަޒީރުންގެ ޚާއްޞަ ކޮމިޓީން މިއަދު ހަވީރު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.
ކޮމިޓީގެ ޗެއަރ އަދި ޚާރިޖީ ވަޒީރު ޑޮކްޓަރ ޢަބްދުﷲ ޚަލީލް ވިދާޅުވީ، ސަރުކާރުގެ ވިސްނުން ހުރީ ރައްޔިތުންނަށް ދަތިނުވާނެ ގޮތަކަށް އިޤްތިޞާދީ ފިޔަވަޅުތައް ތަރުތީބުކުރުމަށް ކަމަށެވެ. އަދި ހަނގުރާމަ ދިގުލައިގެން ދިޔަ ނަމަވެސް، ރައްޔިތުންނަށް ދޭންޖެހޭ އަސާސީ ޚިދުމަތްތަކަށް ބުރޫނާރާނެ ގޮތަށް ކަންކަން ރޭވުމަށް ރައީސުލްޖުމްހޫރިއްޔާ އިރުޝާދު ދެއްވާފައިވާ ކަމަށް މާލީ ވަޒީރު މޫސާ ޒަމީރު މި ބައްދަލުވުމުގައި ފާހަގަކުރެއްވިއެވެ.
ވަޒީރު ޒަމީރު އިތުރަށް ވިދާޅުވީ، ކާޑުގެ ބާވަތްތަކާއި، ބޭހާއި، ތެޔޮ ފަދަ ޒަރޫރީ ތަކެތި މެދުނުކެނޑި ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށާއި، ރާއްޖެއިން ބޭރުގައި ކިޔަވާ ދަރިވަރުންގެ ފީއާއި ސްޓައިޕެންޑް ފޮނުވުމުގައި ދަތިތަކެއް ނުވާނެހެން ކަންކަން މަގަށް އަޅުވަމުންދާ ކަމަށެވެ. މި މަސައްކަތުގައި މަރުކަޒީ ބޭންކާއި މީރާ އަދި މާލީ ވުޒާރާ ގުޅިގެން ޚަރަދު ކުޑަކުރުމުގެ ހަރުދަނާ ފިޔަވަޅުތަކެއް އަޅަމުންދާ ކަމަށާއި، ސަރުކާރުގެ ކޭޝްފްލޯ ބެލެހެއްޓުމަށް ޚާއްޞަ އިސްކަމެއް ދީފައިވާ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
އެހެން ބައެއް ޤައުމުތަކާ ޚިލާފަށް، ރާއްޖެއިން ވަކި ޚާއްޞަ ފިޔަވަޅުތަކެއް އިޢުލާނު ނުކުރާ ސަބަބާ ގުޅޭގޮތުން ވަޒީރު ވިދާޅުވީ، އެފަދަ އިޢުލާނެއްގެ ސަބަބުން މާކެޓަށް އަތުވެދާނެ ނޭދެވޭ އަސަރަކަށް ވިސްނަވައި، މިވަގުތު އެންމެ މުހިންމީ ލިބޭ އާމްދަނީން ޚަރަދުތައް ދެކޮޅުޖައްސައިގެން ކުރިއަށް ދިއުން ކަމަށެވެ.
މެދުއިރުމަތީގެ ހާލަތާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ 9 ވަޒީރުންގެ މައްޗަށް އެކުލެވޭ މި ޚާއްޞަ ކޮމިޓީ އުފެއްދެވީ 28 ފެބުރުވަރީ 2026 ގައެވެ. މި ކޮމިޓީގެ ފަރާތުން ކޮންމެ އާދިއްތަ ދުވަހެއްގެ ހަވީރު 4:00 ގައި މަޢުލޫމާތު ހިއްސާކުރުމަށް ވަނީ ނިންމާފައެވެ.
މިއަދުގެ ބައްދަލުވުމުގައި ޚާރިޖީ ވަޒީރުގެ އިތުރުން، ދިފާޢީ ވަޒީރު މުޙައްމަދު ޣައްސާން މައުމޫނާއި، މާލީ ވަޒީރު މޫސާ ޒަމީރުގެ އިތުރުން ދަތުރުފަތުރާ ބެހޭ ވަޒީރު، ފަތުރުވެރިކަމާ ބެހޭ ވަޒީރު، މަތީ ތަޢުލީމާ ބެހޭ ވަޒީރު އަދި އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ބައިވެރިވެވަޑައިގެން، ކަމާގުޅޭ ދާއިރާތަކުން ކުރަމުންދާ މަސައްކަތްތަކުގެ ތަފްޞީލު ދެއްވިއެވެ.
ރިއެކްޝަންސް









