ރިޔާސީ ވަޢުދުތަކުގެ މަތިން ހަނދާން އެބަހުރި – ރައީސް މުއިއްޒު
ވަޢުދުތައް ފުއްދެވުމުގައި ސަރުކާރު ސީރިއަސް ކަމަށް ވިދާޅުވި
ރިޔާސީ ވަޢުދުތަކުގެ މަތިން ހަނދުމަފުޅު އެބަހުރި ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ރިޔާސީ ވައުދުތައް ނުފުއްދަވާކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ފާޑުކިޔަމުން ދަނިކޮށް މިއަދު ހއ.މާރަންދޫގައި އެރަށު ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ވައުދުތައް ހަނދުމަފުޅު އެބަހުރި ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ކުރިއަށް އޮތް ދުވަސްތައް ވެގެންދާނީ ތަރައްޤީގެ ދުވެލީގައި ބައިވަރު މަސައްކަތްތަކެއް ހިނގަމުންދާނެ ދުވަސްތަކަކަށް ކަމަށެވެ. ވަކިވަކި ބައެއް ދާއިރާތައް ފާހަގަކުރައްވާ ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ކުޅިވަރުގެ ދާއިރާ އާއި ބަނދަރާއި ރަށްގިރުމުގެ މައްސަލަތަކާއި, ޢުމްރާނީ ކަންކަން ކުރުމުގެ މަސައްކަތްވެސް ކުރައްވާނެ ކަމަށެވެ. އަދި ކުނި މެނޭޖުކުރުމާއި، އިޖުތިމާޢީ، ޞިއްޙީ އަދި ތަޢުލީ ދާއިރާއިން ރަށަށް ބޭނުންވާ ކަންކަމުގައި ޙަޤީޤީ ކުލަ ޖައްސަވައިދެއްވައި، ޙައްލު ހޯއްދަވައިދެއްވާނެ ކަމުގެ ޔަޤީންކަން، ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ވަޢުދުތައް ފުއްދެވުމުގައި ސަރުކާރުން ސީރިއަސްކަމާއެކު ދެމިއެބައޮތް ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ މި ހިނގާ 2025 ވަނަ އަހަރު، މި ކަންކަމަށް ޢަމަލީ ސިފަ ގެނެސްދެއްވުމަކީ ސަރުކާރުގެ ޕްލޭން ކަމަށެވެ. އެކި ސަބަބުތަކާ ހެދި މިދިޔަ އަހަރު ކުރިއަށް ނުގެންދެވި ހުރި މަސައްކަތްތައްވެސް ބާރު ދުވެލީގައި ކުރިއަށް ގެންގޮސްދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ އެއް ބޭނުމަކީވެސް ވައުދުތައް ފުއްދަވައި ދެއްވާނެ ކަމުގެ ޔަގީންކަން ރައްޔިތުންނަށް ދެއްވުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ގެންދަވަނީ ތަކުރާރުކޮށް ވިދާޅުވަމުންނެވެ.
ރިއެކްޝަންސް