ކޮންމެ ރަށެއްގައި ސާފު ބޯފެން ކަށަވަރުކުރުމަކީ ސަރުކާރުގެ އަމާޒެއް: ރައީސް
މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ރައްކާތެރި، އިތުބާރު ހުރި، އަދި ސާފު، އަގުހެޔޮ ބޯފެން ކަށަވަރުކުރުމަކީ ސަރުކާރުގެ މުހިންމު އަމާޒެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ދުނިޔޭގެ ފެނުގެ ދުވަހުގެ މުނާސަބަތުގައި މިއަދު ފޮނުއްވި މެސެޖެއްގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ފެނުގެ ރައްކާތެރިކަމަކީ އަންހެނުންނާއި އަންހެން ކުދިންގެ ކަރާމާތާއި ރައްކާތެރިކަމާއި، އަދި ހަމަހަމަ ފުރުސަތުތަކާ ވަކިނުކުރެވޭނެ ފަދަ ގުޅުމެއް އޮތް ކަމެއް ކަމަށެވެ. ރާއްޖެއަކީ ވަށައިގެން ކަނޑުއޮތް ގައުމަކަށްވުމުން، ސާފު ބޯފެން ކަށަވަރުކުރުމަކީ ގައުމީ ފެންވަރުގައި ސަރުކާރުން އެންމެ އިސްކަންދޭ އެއް ކަންތައް ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މޫސުމީ ބަދަލުތަކާއި ފެނުގެ ސަޕްލައިއަށް ދިމާވާ އެކި މައްސަލަތަކުގެ ސަބަބުން ފެން ދަތިވާ ހާލަތްތަކުގައި، އެކަމުގެ ތަކުލީފު އެންމެ ބޮޑަށް އުފުލަންޖެހެނީ އަންހެނުންނާއި އަންހެން ކުދިންކަން ރައީސް ފާހަގަކުރެއްވިއެވެ. އެހެންކަމުން، ފެނާ ގުޅުންހުރި ކަންކަމުގައި އަންހެނުން ބާރުވެރިކުރުވުމަކީ ރަށްރަށް ތަރައްގީވުމަށާއި ހަމަހަމަކަން ގާއިމުކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، ފެން ރައްކާތެރިކުރުމަށް މިހާރު ހުރި ނިޒާމުތައް ހަރުދަނާކުރުމަށާއި، ފެން ފަށަލަ ރައްކާތެރިކުރުމުގެ މުހިންމުކަމުގެ މައްޗަށް ބައްލަވާލެއްވިއެވެ. އަދި ވާރޭފެން ރައްކާކުރުމަށް ކޮމިއުނިޓީ ފެންވަރުގައި ކުރެވޭ މަސައްކަތްތަކާއި، މިދާއިރާއިން ފަންނީ ގާބިލިއްޔަތު އިތުރުކުރުމާއި، ކްލައިމެޓް ފައިނޭންސިންގ ކަށަވަރުކުރުމުގެ މުހިންމުކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، ބޯފެން ލޮނުވުމުގެ ހާދިސާތަކުގައި އަމަލުކުރާނޭ ކުއްލި ހާލަތްތަކުގެ ގަވާއިދުތަކުގެ މުހިންމުކަމަށް އަލިއަޅުއްވާލައްވަމުން، ރައީސް ވަނީ ސާފު ފެން ރައްކާތެރިކުރުމަށް ޖަމިއްޔާތަކާއި، ޔޫޓިލިޓީ ޚިދުމަތްދޭ ފަރާތްތަކާއި، ތަރައްގީގެ ބައިވެރިން ގުޅިގެން މަސައްކަތްކުރުމަށް ގޮވާލައްވާފައެވެ.
ކޮންމެ އަހަރެއްގެ މާރިޗު މަހުގެ 22 ވަނަ ދުވަހު ފާހަގަކުރާ ދުނިޔޭގެ ފެނުގެ ދުވަހުގެ މިއަހަރުގެ ޝިއާރަކީ "ފެން އަދި މިންތި" އެވެ. ރައީސުލްޖުމްހޫރިއްޔާގެ މެސެޖު ނިންމަވާލެއްވީ، ރައްކާތެރި ބޯފެނާއި ނަރުދަމާގެ ނިޒާމު ކަށަވަރުވުމަކީ ހުރިހާ ދިވެހިންނަށް އަމާން އަދި ހަމަހަމަ ކުރިމަގެއް ލިބިގެންދާނެ ކަމެއްކަން ފާހަގަކުރައްވަމުންނެވެ.
ރިއެކްޝަންސް









