"އަމާން އުދަރެސް" ފްލެޓްތަކުގެ އެއްވެސް މަސައްކަތެއް ނިމިދިޔަ ސަރުކާރުން ނިންމާފައެއް ނުވޭ: ހަމްދާން

"އަމާން އުދަރެސް" ފްލެޓްތަކުގެ އެއްވެސް މަސައްކަތެއް ނިމިދިޔަ ސަރުކާރުން ނިންމާފައެއް ނުވޭ: ހަމްދާން

4 hours ago - 10:38

ހުޅުމާލެ ފޭސް 2 ގައި ތަރައްގީކޮށްފައިވާ "އަމާން އުދަރެސް" ފްލެޓްތަކުގެ އެއްވެސް މަސައްކަތެއް ނިމިދިޔަ ސަރުކާރުން ފުރިހަމަކޮށްފައި ނުވާކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) ގެ މެނޭޖިން ޑިރެކްޓަރު ހަމްދާން ޝަކީލް ވިދާޅުވެއްޖެއެވެ.


ސަންގު ޓީވީއަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ހަމްދާން ވިދާޅުވީ، އެ ފްލެޓްތަކުގެ ފިނިޝިންގ ގެ ހުރިހާ މަސައްކަތްތަކެއް ނިންމާފައިވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މި ސަރުކާރުން ކަމަށެވެ. ކުރީ ސަރުކާރުން މި މަޝްރޫއު ނިންމާފައިވާ ކަމަށް ދެއްކި ނަމަވެސް، އަމަލީ ގޮތުން އެތަންތަނުގެ ގިނަ މަސައްކަތްތަކެއް ހުރީ ނުނިމި ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.


މަޝްރޫއުގެ ތަފްސީލް ހިއްސާކުރައްވަމުން ހަމްދާން ވިދާޅުވީ، ޕްރޮޖެކްޓްގެ އެއްބަސްވުމުގެ ދަށުން ސްޓެލްކޯގެ ވިއުގައާ ގުޅުވައި ކަރަންޓު ދިނުމަކީ ސްކޯޕްގައި ހިމެނޭ ކަމެއް ކަމަށެވެ. ނަމަވެސް، ނަރުދަމާ ނިޒާމާއި، އިންޓަނެޓް އަދި މީޑިއާނެޓްގެ ހިދުމަތަކީ އަސްލު ޕްރޮޖެކްޓްގެ ތެރޭގައި ހިމެނިފައިވާ ކަންކަން ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.


މީގެ އިތުރުން، އިމާރާތުގެ ބޭރުގެ ލޭންޑްސްކޭޕިންގެ މަސައްކަތްތަކާއި، ޕާކިން ޒޯންތައް ހެދުމާއި މަގުތައް އަލިކުރުމަކީވެސް ކުރީގެ އެއްބަސްވުމުގައި ހިމެނިފައިވާ ކަންކަމެއް ނޫންކަން ހަމްދާން ފާހަގަކުރެއްވިއެވެ. އިންޑިއާގެ އެކްޒިމް ބޭންކުގެ ލޯނު އެހީގައި ކުރިއަށްގެންދާ މި ޕްރޮޖެކްޓްގައި ސޮއިކުރުމުގެ ކުރިން، ގާތްގަނޑަކަށް 50 މިލިއަން ޑޮލަރުގެ މަސައްކަތްތައް ސްކޯޕުން އުނިކޮށްފައިވާ ކަމަށްވެސް އޭނާ ހާމަކުރެއްވިއެވެ.


ހަމްދާން އިތުރަށް ވިދާޅުވީ، މަޝްރޫއުގެ ސްކޯޕުން އުނިކޮށްފައިވާ ކަންކަމުގެ ސަބަބުން މިހާރު ކުރިމަތިވެފައިވާ ދަތިތަކަށް ހައްލު ހޯދުމަށް ސަރުކާރުން ހާއްސަ އިސްކަމެއް ދީގެން މަސައްކަތް ކުރަމުންދާ ކަމަށެވެ.            

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow