2 އިންތިޙާބު އެއްކޮށްލުމަށް ކުރީގެ ދެ ރައީސުންވެސް ތާޢީދު ކުރެއްވި: މެންބަރު އިއްބެ

2 އިންތިޙާބު އެއްކޮށްލުމަށް ކުރީގެ ދެ ރައީސުންވެސް ތާޢީދު ކުރެއްވި: މެންބަރު އިއްބެ

9 hours ago - 19:15
Feb 24, 2026 - 19:19

ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއްކޮށްލައިގެން ބޭއްވުމަކީ ކުރީގެ ދެ ރައީސުން ކަމަށްވާ ރައީސް މުޙައްމަދު ނަޝީދާއި ރައީސް އިބްރާހީމް މުޙައްމަދު ސޯލިހުވެސް އެއްބަސްވެވަޑައިގަންނަވާ ކަމެއް ކަމަށް ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ހުސެއިން (އިއްބެ) ވިދާޅުވެއްޖެއެވެ.


މެންބަރު އިއްބެ މިހެން ވިދާޅުވީ، ދެ އިންތިޚާބު އެއްކޮށްލުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކާ ދެކޮޅަށް އިދިކޮޅު އެމްޑީޕީން ތަކުރާރުކޮށް އަޑު އުފުލަމުންދާ ދަނޑިވަޅެއްގައެވެ. އެމްޑީޕީން ތުހުމަތުކުރާ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން މި ބަދަލު ގެންނަން އުޅެނީ ސަރުކާރުގެ ދައުރު އިތުރު ފަސް އަހަރަށް ދަންމާލުމުގެ ބޭނުމުގައެވެ.


މިކަމާ ގުޅިގެން މިއަދު އެމްއެމްޓީވީއަށް ދެއްވި ބަސްދީގަތުމެއްގައި މެންބަރު އިއްބެ ވިދާޅުވީ، ދެ އިންތިޚާބު އެއްކޮށްލުމަކީ ރައްޔިތުންނަށް ލިބިގެންދާނެ ވަރަށް ބޮޑު މޮޅެއް ކަމަށެވެ.

https://web.facebook.com/story.php?story_fbid=122217500036338348&id=61560150444241&mibextid=wwXIfr&rdid=X8kWVn7uoqTntx44&share_url=https%3A%2F%2Fweb.facebook.com%2Fshare%2Fr%2F1AFPupF13M%2F%3Fmibextid%3DwwXIfr%26_rdc%3D1%26_rdr#

އަދި މިކަމަށް ވަކާލާތު ކުރެއްވީ ހަމައެކަނި މިހާރުގެ ސަރުކާރުން ނޫން ކަމަށާއި، ކުރީގެ ދެ ރައީސުންވެސް މިކަމަށް ތާއީދުކުރައްވާފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.


"މިއީ ރައްޔިތުންނަށް ފައިދާ ކުރާނެ ކަމެއް ކަން ޔަގީން. އެހެން މި ދަންނަވަނީ ރައީސް ނަޝީދުވެސް ވިދާޅުވެފައިވަނީ ދެ އިންތިޚާބު އެއްކޮށްލުމަކީ ރަނގަޅު ކަމެއް ކަމުގައި. އަދި ހަމައެހެންމެ ރައީސް އިބްރާހީމް މުޙައްމަދު ސޯލިހުވެސް ވަނީ ތިން އިންތިޚާބު އެއްކޮށްލުމަށް ގޮވާލައްވައި އެކަމަށް ވަކާލާތު ކުރައްވާފައި،" އިއްބެ ވިދާޅުވިއެވެ.


މެންބަރު އިއްބެ އިތުރަށް ވިދާޅުވީ ރާއްޖޭގައި ވެރިކަން ކުރެއްވި ދެ ރައީސުންވެސް މީގެ ކުރިން މިކަމަށް ބާރުއަޅުއްވާފައިވާއިރު، މިއީ ކުރިއަށް އޮތް ސަރުކާރުތަކަށްވެސް ލިބިގެންދާނެ ލުޔެއް ކަމަށެވެ. އަދި މިހާރު އެ ބޭފުޅުން ވެރިކަމުގައި ނެތުމުން ސިޔާސީ ބޭނުމަކަށްޓަކައި ދެކޮޅު ހެއްދެވި ނަމަވެސް، ހަގީގަތުގައި އެ ބޭފުޅުންވެސް ބޭނުންފުޅުވީ އިންތިޚާބުތައް މަދުކޮށް، ޚަރަދު ކުޑަކުރަން ކަމަށް އޭނާ ވިދާޅުވިއެވެ.


"މިފަހަރު އެ ބޭފުޅުން ވެރިކަމުގައި ނެތީމާ މިއާ އިދިކޮޅަށް މަސައްކަތް ކުރެއްވި ނަމަވެސް، އެ ބޭފުޅުންވެސް ބޭނުންވަނީ ހަގީގަތުގައި ދެ އިންތިޚާބު ކީއްކުރަން ތިން އިންތިޚާބުވެސް އެއްކޮށްލައިގެން އިންތިޚާބުތައް ވީހާވެސް މަދުކޮށްގެން ކުރިއަށް ގެންދަން،" މެންބަރު ވިދާޅުވިއެވެ.

މި ބަދަލުގެ ސަބަބުން  އިންތިޚާބުތަކަށް ކުރާ ބޮޑު ހޭދަ ކުޑަވެގެންދާނެ ކަމަށާއި، އޭގެ ނަތީޖާއަކަށް ވާނީ ރައްޔިތުންގެ ޖީބަށް ލުއިވެ، ސަރުކާރުގެ ޚަރަދުވެސް ބޮޑުތަނުން ކުޑަ ވެގެންދާނެ ކަމެއް ކަމަށް އިއްބެ ފާހަގަކުރެއްވިއެވެ. އޭނާ ވިދާޅުވީ ވީހާވެސް ޚަރަދު ކުޑަ ނިޒާމެއްގެ ދަށުން ކަންކަން ހިންގުމަކީ ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުގެ އިސްކަމެއް ދެއްވާ ކަމެއް ކަމަށެވެ. 

ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއްކޮށް ބޭއްވުމާ މެދު ރައްޔިތުންގެ ޚިޔާލު ހޯދުމުގެ އާންމު ވޯޓެއް، މި އަންނަ އޭޕްރިލް މަހުގެ ހަތަރު ވަނަ ދުވަހު ބޭއްވުމަށް ވަނީ ނިންމާފައެވެ. މި ވޯޓު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އެ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބާ އެކުގައެވެ. 

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow