ޓިކްޓޮކްގައި އިސްލާމްދީނަށް ފުރައްސާރަކުރި މީހެއްގެ މައްސަލަ ބަލުމަށް ކަމާބެހޭ އިދާރާތަކުގައި އެދިއްޖެ
ޓިކްޓޮކްގައި އިސްލާމްދީނަށް ފުރައްސާރަކޮށް ވާހަކަދެއްކި ދިވެހި ފިރިހެނެއްގެ މައްސަލަ ބަލައި، އޭނާއާ މެދު ގާނޫނީ ފިޔަވަޅު އެޅުމަށް ކަމާ ގުޅުންހުރި އިދާރާތަކުގައި އެދިފައިވާ ކަމަށް އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
އިސްލާމިކް މިނިސްޓަރު މިއަދު ވިދާޅުވީ، އަމިއްލައަށް ވަހީ އަންނަ ކަމަށް ބުނެއާއި، އިސްލާމީ އަގީދާއަށާއި ކީރިތި މާތް ނަބިއްޔާ صلى الله عليه وسلم އަށް ކުޑަ މީސްވާ ގޮތަށް ވާހަކަދައްކާފައިވާ މީހާގެ މައްސަލަ ރަސްމީކޮށް ބަލަން ފަށާފައިވާ ކަމަށެވެ. އަދި އެ މީހާގެ ވީޑިއޯތައް ދައުރުވަމުންދާތީ، އެކަމާ ގުޅިގެން އަޅަންޖެހޭ ގާނޫނީ ފިޔަވަޅުތައް އެޅުމަށް ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކުގައި މިހާރު ދަންނަވާފައިވާނޭ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
މި މައްސަލާގައި ތުހުމަތު ކުރެވޭ ދިވެހި ފިރިހެނަކު ދަނީ އޭނާގެ ޓިކްޓޮކް އެކައުންޓު މެދުވެރިކޮށް ތަކުރާރުކޮށް އިސްލާމްދީނަށް ހަޖޫޖަހައި، މާތް ނަބިއްޔާއަށް ކުޑާމީސްކޮށް ވާހަކަދައްކަމުންނެވެ. ރާއްޖެއިން ބޭރު ގައުމެއްގައި ހުރެގެން އޭނާ އާންމުކުރާ މި ވީޑިއޯތަކާއި ޓިކްޓޮކް ލައިވްތަކުގައި، އިސްލާމްދީނުގެ އަސާސްތަކާ ހިލާފު ބޮޑެތި ފުރައްސާރަތައް ހިމެނޭ ކަން ފާހަގަކުރެވެއެވެ.
ދިވެހިރާއްޖޭގެ ގާނޫނުތައް ބުނާގޮތުން އިސްލާމްދީނަށް ފުރައްސާރަކުރުމާއި، ދީނީ އެއްބައިވަންތަކަން ގެއްލޭ ފަދަ އަމަލުތައް ހިންގުމަކީ ބޮޑު ކުށެކެވެ.
ރިއެކްޝަންސް









