ހަމަހަމަކަމާ މެދު ބައިނަލްއަޤުވާމީ މައިދާނުގައި އަޑުއުފުލުމުގައި ޗައިނާއަކީ ރާއްޖޭގެ ބައިވެރިއެއް- ރައީސް
ޗައިނާގެ ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ރައީސް މުއިއްޒު ވާހަކަދައްކަވަނީ: ފޮޓޯ-ރައީސް އޮފީސް

ހަމަހަމަކަމާ މެދު ބައިނަލްއަޤުވާމީ މައިދާނުގައި އަޑުއުފުލުމުގައި ޗައިނާއަކީ ރާއްޖޭގެ ބައިވެރިއެއް- ރައީސް

14 hours ago - 22:44
Sep 30, 2025 - 22:44
Advertisement
Advertisement

ދެމެހެއްޓެނިވިކަމާއި ވިލުންތެރިކަމާއި ހަމަހަމަކަމާ މެދު ބައިނަލްއަޤުވާމީ މައިދާނުގައި އަޑުއުފުލުމުގައި ޗައިނާއަކީ ރާއްޖޭގެ ބައިވެރިއެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ޗައިނާގެ 76 ވަނަ ޤައުމީ ދުވަހާއި މިޑް އޯޓަމް ފެސްޓިވަލް ފާހަގަކުރުމަށް ބޭއްވި ޖާފަތުގައި ބައިވެރިވެވަޑައިގެން ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ޗައިނާއަކީ ދިވެހިރާއްޖެ އާއި ޖަޒީރާ އެހެން ޤައުމުތަކާއެކު ވެސް މަސައްކަތްކުރާ، ސާބިތު ބައިވެރިއެއް ކަމަށެވެ. ރައީސުލްޖުމްހޫރިއްޔާ ވަނީ ޗައިނާގެ ރައީސް ޝީ ޖިންޕިންގ އަށާއި، އެ ޤައުމުގެ ސަރުކާރާއި ރައްޔިތުންނަށް ޤައުމީ ދުވަހުގެ ހެޔޮއެދުންތަކާއި ތަހުނިޔާ އަރިސްކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ ގިނަ ޤައުމުތަކުން ގުޅިގެން އެއް އަމާޒަކަށް މަސައްކަތްކުރުން ނުވަތަ މަލްޓިލޭޓަރަލިޒަމަށް ޗައިނާއިން ދޭ އަހުމިއްޔަތުކަމާއި، ތަރައްޤީވަމުން އަންނަ ޤައުމުތަކުގެ ޙައްޤުގައި ޗައިނާއިން އަދާކުރާ ދައުރު ފާހަގަކުރައްވާފައެވެ. އަދި ކިތަންމެ ކުޑަ ޤައުމެއް ކަމުގައިވިޔަސް ބާކީ ނުވާނޭ ފަދަ ދުނިޔެއެއް ބައްޓަންކުރުމަށް ދިވެހިރާއްޖެއާއެކު ޗައިނާއިން ކުރާ މަސައްކަތުގެ އަގު ވަޒަންކުރެއްވިއެވެ.

އެމަނިކުފާނުގެ ވާހަކަފުޅުގައި ޗައިނާގެ ތާރީޚު ސިފަކުރައްވާފައިވަނީ، ތަސައްވުރާއި، ހިންމަތްތެރިކަމާއި، އިންސާނީ ޤާބިލުކަމުގެ މިންނެތް ރޫޙުގެ ރިވާޔަތެއްގެ ގޮތުގައެވެ. ދިވެހިރާއްޖެ އާއި ޗައިނާއާ ދެމެދު އޮންނަ ގުޅުމުގެ ރަމްޒަކީ ހަމައެކަނި ދެ ޤައުމުން ވެފައިވާ އެއްބަސްވުންތައް ނޫންކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މީގެ އިތުރުން، ދެ ޤައުމުން ހިއްސާކުރާ ތަޖުރިބާތަކާއި، އެކުގައި ކުރާ ދަތުރުތަކާއި، ދެ ޤައުމުގެ ދެމެދު ޤާއިމުވެފައިވާ އިޚުލާޞްތެރި ރަޙުމަތްތެރިކަމުގެ ސަބަބުން އުފެދިފައިވާ އިތުބާރަކީވެސް، ދެ ޤައުމުގެ ގުޅުން ރަމްޒުކޮށްދޭ ކަންކަން ކަމުގައި ރައީސް ވިދާޅުވިއެވެ.

Advertisement
Advertisement

އަދި ދިވެހިރާއްޖޭގައި، އެއް މުޖުތަމަޢު އަނެއް މުޖުތަމަޢާ ގުޅުވައިދޭ ފާލަންތަކާއި، ދިވެހި އާއިލާތަކަށް ބޯހިޔާވަހިކަން ފޯރުކޮށްދޭ ގެދޮރާއި، ޒުވާން ދިވެހި ދަރިވަރުން މުސްތަޤުބަލަށް ތައްޔާރުވާން ތިބޭ ކުލާސްރޫމްތަކުންވެސް މި ރަޙުމަތްތެރިކަން ފެނިވަޑައިގަންނަވާކަމަށް ވިދާޅުވިއެވެ. މީގެ އިތުރުން، ޗުއްޓީ ހޭދަކުރާ މަންޒިލެއްގެ ގޮތުގައި ދިވެހިރާއްޖެ އިޚުތިޔާރުކުރާ ޗައިނާގެ އެތައް ހާސް ރައްޔިތުންގެ އެހީގައި، ފަތުރުވެރިކަމުގެ ސިނާޢަތްވެސް ވެފައިވަނީ، ދެ ޤައުމުގެ ގުޅުން ރަމްޒުކޮށްދޭ، ދިރުންހުރި ފާލަމަކަށް ކަމަށް، ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement