
ފްލެޓްތައް ހަވާލުކުރަން ފަށައިފި
ފުރަތަމަ ތަޅުދަނޑި ވަނީ ހަވާލުކޮށްފަ
ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ 4000 ފްލެޓް ހައްގުވެރިންނާ ހަވާލުކުރަން ފަށައިފިއެވެ.
ފަހިދިރިއުޅުން ކޯޕަރޭޝަނުން އިއްޔެ ވަނީ ފުރަތަމަ ފްލެޓްގެ ތަޅުދަނޑި ހަވާލުކޮށްފައެވެ. ފުރަތަމަ ތަޅުދަނޑި ހަވާލުކުރީ އަމާން ދުދަރެއް 14 ވަނަ ޓަވަރުގެ އެޕާޓްމަންޓަކުންނެވެ. ފުރަތަމަ ތަޅުދަނޑި ހަވާލުކުރަނީ އެޓަވަރުގެ އެޕާޓްމަންޓްތައް ލިބުނު ފަރާތްތަކާއެވެ. ތަޅުދަނޑި ހަވާލުކުރުމަށް ޝެޑިއުލްކޮށް އެކަން ފަހިދިރިއުޅުން ކޯޕަރޭޝަނުން ދަނީ ފްލެޓް ލިބިފައިވާ ފަރާތްތަކަށް އަންގަމުންނެވެ. ފުރަތަމަ ތަޅުދަނޑި ހަވާލުކޮށްދެއްވީ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ހަމްދާން ޝަކީލް އެވެ.
ތަޅުދަނޑި ހަވާލުކުރުމަށްފަހު ހައުސިންގ ޔުނިޓް ލިބުނު ފަރާތުގެ ފްލެޓް ވަނީ ދައްކާލާފައެވެ.
ފުރަތަމަ ތަޅުދަނޑި ލިބުނު ފަރާތުން ބުނީ ބޯހިޔާވަހިކަމެއް ލިބޭތޯ މަސައްކަތްކުރާތާ ވަރަށް ދުވަސް ވެއްޖެ ކަމަށެވެ. ބޯހިޔާވަހިކަމެއް ލިބުމުން ވެފައިހުރި އުފާ ބުނެދޭން ނޭންގޭ ކަމަށް ފްލެޓް ލިބުނު ފަރާތުން ބުންޏެވެ.
ތަޅުދަނޑި ހަވާލުކުރުމާއެކު އަމާން އަތްމަތީފޮތް ވެސް ވަނީ އިފްތިތާހުކޮށްފައެވެ. އެއީ އެތަނުގައި ދިރިއުޅޭ ފަރާތްތަކަށް ޚާއްސަ ފޮތެކެވެ. ފޮތުގައި ހުންނާނީ އަމާން ޓަވަރު ތަކުގައި ދިރިއުޅޭ ފަރާތްތަކަށް ބޭނުންވާނެ މައުލޫމާތު ކަމަށް އެފްޑީސީން ވިދާޅުވިއެވެ.
އެޗްޑީސީން ވިދާޅުވީ ފްލެޓްތަކުގެ ތަޅުދަނޑި ހަވާލުކޮށް ނިމުމުން ޒަމާނީ ފެންވަރަށް ފެތޭ, ރައްކާތެރި ގެދޮރުވެރިކަން އަތްފޯރާ ފަށިގައި 4000 އާއިލާއަކަށް ލިބިގެންދާނެ ކަމަށެވެ.
ތަޅުދަނޑި ހަވާލުކުރަނީ ޑިޕޮސިޓް ފައިސާ ދެއްކުމުންނެވެ. ޑިޕޮސިޓް ދައްކަންވެސް އެފްޑިސީން ދަނީ ޕޯޓަލް މެދުވެރިކޮށް އަންގަމުންނެވެ.
އެފްޑީސީން އެންމެފަހުން ޢާއްމުކުރި ހިސާބުތައް ދައްކާގޮތުން ފްލެޓް ދިނުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ 3164 މީހުންނާ އެކުއެވެ. އަދި ޑިޕޮސިޓް ފައިސާ ދައްކާފައިވަނީ 588 މީހުންނެވެ. ޑިޕޮސިޓް ފައިސާ ދައްކަން 909 މީހަކަށް އަންގާފައިވެއެވެ.
ރިއެކްޝަންސް






