ޓެކްސް މުރާޖާކުރަނީ ވޯލްޑް ބޭންކާއި އައިއެމްއެފުން ލަފާދީފައިވާތީ
ޚަރަދު ކުޑަކުރުމުގެ ސިޔާސަތުތައް ތަންފީޒު ކުރަން ފަށައިގެން މިހާތަނަށްވެސް 2.5 ބިލިއަން ރުފިޔާ ސަލާމަތް ކުރެވިފައިވޭ: މާލީ ވަޒީރު
ސަރުކާރުން ޓެކްސް ރޭޓް މުރާޖާކުރަން ނިންމާފައި ވަނީ، ވޯލްޑް ބޭންކާއި އިންޓަރނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް) އިން އެގޮތަށް ލަފާދީފައި ވާތީ ކަމުގައި މާލީ ވަޒީރު ޑރ. މުޙައްމަދު ޝަފީޤު ވިދާޅުވެއްޖެ އެވެ.
މާލީ ވަޒީރު ވިދާޅުވީ، ޓެކްސް މުރާޖާ ކުރުމަކީ ގަވާއިދުން ކުރަން ޖެހޭނެ ކަމެއްކަމަށާއި އެއީ ޓެކްސް ބޮޑުކުރުން ނުވަތަ ކުޑަކުރުން ނޫން ކަމަށެވެ.
"އެކަން އެނގޭނީ ޓެކްސް މުރާޖާ ކުރީމަ" ވަޒީރު ވިދާޅުވި އެވެ."އޭރުން އިގުތިސާދަށް އަންނަ ބަދަލުތަކާއެކު ޓެކްސް ބޮޑުކުރަން ޖެހޭތޯ ނުވަތަ ޓެކްސް އިތުރަށް ކުޑަކުރަން ޖެހޭތޯ އެނގެންދާނީ."
ސަރުކާރުން މުރާޖާކުރުމަށް ހުށަހަޅާފައިވާ ޓެކްސްތަކަކީ، ރިސޯޓް ކުއްޔާއި ފަތުރުވެރިކަމުގެ ބޭނުންތަކަށް ދޫކޮށްފައިވާ ބިމުގެ ކުއްޔާއި، ދުންފަތާއި ރަލާއި އޫރުމަސް ފަދަ ބަވަތްތަކުން ނަގަ ޓެކްސް އަދި ޓެލެކޮމް އޮޕަރޭޓަރުންގެ ޚިދުމަތްތަކުން ނަގާ ޓެކްސް އެވެ.
ރާއްޖޭގެ އިޤްތިޞާދީ ޙާލަތު ރަނގަޅު ކުރުމަށް، ސަރުކާރުން ވަނީ ޚަރަދު ކުޑަކުރުމަށް ފިޔަވަޅުތަކެއް އަޅަން ފަށްޓަވާފައެވެ. އެގޮތުން މިއަހަރު ކުރީކޮޅުން ފެށިގެން ޚަރަދު ކުޑަކުރުމަށް ކުރެވުނު މަސައްކަތުން މިއަހަރުގެ، މިހާތަނަށްވެސް 2.5 ބިލިއަން ރުފިޔާ ސަލާމަތް ކުރެވިފައިވާ ކަމަށް މާލީ ވަޒީރު ވަނީ ވިދާޅުވިއެވެ.
ރިއެކްޝަންސް