ރާއްޖޭގެ އިގުތިސާދީ ހާލަތު ރަނގަޅު ކުރުމަށް އަޅަމުންދާ ފިޔަވަޅުތަކަށް ވޯލްޑް ބޭންކުގެ ތައުރީފް ސަރުކާރަށް
ރާއްޖޭގެ އިޤްތިޞާދީ ޙާލަތު ރަނގަޅުކުރުމަށް ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކަށް ވޯލްޑް ބެންކުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ރެސިޑެންޓް ކޯޑިނޭޓަރ އެރޑެމް އަތާސް ތައުރީފް ކުރައްވައިފި އެވެ.
އޭނާ މިހެން ވިދާޅުވެފައި މިވަނީ ރާއްޖޭގެ މާލީ ޙާލަތު ރަނގަޅުކުރުމަށް ސަރުކާރުން ފިޔަވަޅުތަކެއް އަޅަމުންދާ ދަނޑިވަޅެއްގައެވެ.
ރާއްޖެއަށް މިހާރު ކުރިމަތިވެފައިވާ އިޤްތިޞާދީ ނުރައްކަލަކީ ފާއިތުވި ދިހަވަރަކަށް އަހަރު ދުވަހުގެ ތެރޭގައި ދަރަނި ބޮޑުވުމުގެ ސަބަބުން ދިމާވެގެން އުޅޭ މައްސަލަތަކެއްކަމަށާއި އެގޮތުން މި މުއްދަތުގެ ތެރޭގައި ރާއްޖޭގެ ފިސްކަލް އަދި ކަރަންޓް އެކައުންޓް ޑެފިސިޓް ވަރަށް ބޮޑަށް މައްޗަށް ގޮސްފައިވާކަންވެސް އޭނާ ފާހަގަކުރެއްވިއެވެ.
އަތާސް ވިދާޅުވީ އިޤްތިޞާދު ކުރިއެރުމަކުން ނުވަތަ ބޭރުން ފައިނޭންސް ހޯދައިގެން މާލީގޮތުން ދިމާވެފައިވާ މައްސަލަތަކަށް ހައްލެއް ނުލިބޭނެކަމަށެވެ. އޭގެ ބަދަލުގައި ފިސްކަލް އަދި ކަރަންޓް އެކައުންޓް ޑެފިސިޓް ފޫބެއްދުމަށް ދައުލަތުގެ ޚަރަދުތައް ކުޑަކުރަން ޖެހޭކަމަށާއި އަދި އޭގެ ސަބަބުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމްއެމްއޭގެ ރިޒާވް ރަނގަޅުވެ، މެދުރާސްތާގައި ދަރަނީގެ ހާލަތު ރަނގަޅުކުރުމަށް މަގުފަހިވެގެންދާނެކަމަށްވެސް މަޝްހޫރު އިގްތިސާދީ މާހުރު ވިދާޅުވި އެވެ.
އޭނާ އިތުރަށް ވިދާޅުވީ، ރާއްޖެއަށް މިހާރު ކުރިމަތިވެފައިވާ އިޤްތިޞާދީ ނުރައްކަލަކީ ވޭތުވެދިޔަ 10 އަހަރު ދުވަހުގެ ތެރޭގައި ދަރަނީގެ ސްޓޮކް ޖަމާވުމާއި، އެ މުއްދަތުގައި ފިސްކަލް އަދި ކަރަންޓް އެކައުންޓް ޑެފިސިޓް އިތުރުވުން ކަމަށެވެ.
"އިގްތިސާދީ ކުރިއެރުމެއް ނުވަތަ އިތުރު ފައިނޭންސިންއަކުން މި މައްސަލަ އަށް ހައްލެއް ނުލިބޭނެ،" އަތާސް ވިދާޅުވި އެވެ.
ރާއްޖެއަށް މިހާރު ކުރިމަތިވެފައިވާ މާލީ ހާލަތުން އަރައިގަތުމަށް ސަރުކާރުން އަޅަމުންދަނީ ރަނގަޅު ފިޔަވަޅުތަކެއްކަމަށާއި، އެ ފިޔަވަޅުތައް ވޯލްޑް ބެންކުން ބަލައިގަންނަކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ރިއެކްޝަންސް