ހައިހޫނުކަމުގައި ޣައްޒާއިން މިހާތަނަށް 169 މަރު, 93 ކުޑަކުދިން ހިމެނޭ
ހައިހޫނުކަން ތަހައްމަލްކުރަމުންދާ ޣައްޒާގެ ތުއްތުކުދިން. ފޮޓޯ: އައި އޮން ޕަލަޞްޓައިން

ހައިހޫނުކަމުގައި ޣައްޒާއިން މިހާތަނަށް 169 މަރު, 93 ކުޑަކުދިން ހިމެނޭ

ފާއިތުވި 24 ގަޑިއިރު ތެރޭގައި 7 މީހަކު ވަނީ ހައިހޫނު ކަމުގައި ދުނިޔޭ ދޫކޮށްފައި

5 hours ago - 11:26
Aug 3, 2025 - 11:28

އިޒްރާއިލްއިން ޣައްޒާ އިންސާނީ އެހީއަށް ބަންދުކޮށްފައި އޮތުމުގެ ސަބަބުން އެކަށީގެންވާ ކާނާ ނުލިބި, ނިއުޓްރިޝަން މަދުވެ ހައިހޫނުކަމުގެ ހާލަތުގައި ދުނިޔެދޫކުރި މީހުންގެ އަދަދު 169 އަށް އަރައިފިއެވެ. އޭގެ ތެރޭގައި 93 ކުޑަކުދިންވެސް ހިމެނޭކަމަށް ޣައްޒާގެ ސިއްހީ ވުޒާރާއިން ވަނީ މައުލޫމާތި ދީފައެވެ.

ފާއިތުވި 24 ގަޑިއިރު އެކަނިވެސް ޣައްޒާއިން ވަނީ ހައިހޫނުކަމުގެ ސަބަބުން ދިމާވި އެކި އެކި ސިއްހީ މައްސަލަތަކުގައި 7 މީހަކު ވަނީ  ދުނިޔެ ދޫކޮށްފައެވެ.

އޭގެ ތެރޭގައި 17 އަހަރުގެ އާތިފް އަބޫ ކާތިރް ވެސް ހިމެނެއެވެ. އާތިފް ގެ އާއިލާއާ ހަވާލާދީ އަލް ޖަޒީރާއިން ބުނި ގޮތުގައި ކުރިން އެެއްވެސް ސިއްހީ މައްސަލައެއް ނުހުންނަ އާތިޕް ހައިހޫނުކަމުގައި ބަނޑަށްޖެހި ދުނިޔެ ދޫކުރުމުގެ ކުރިން އޭނާގެ ގައިގައި 70 ކިލޯ ހުރެއެވެ. ނަމަވެސް ނިޔާވިއިރު އޭނާގެ ގައިގައި ހުރީ އެންމެ 25 ކިލޯއެވެ. އެއީ ގާތްގަނޑަކަށް ނުވަ އަހަރުގެ ކުއްޖެއްގެ ބަރުދަނެވެ.

އަލްޖަޒީރާއިން ބުނި ގޮތުގައި އާތިފް އަކީ ޣައްޒާގެ ކުޅިވަރުގެ ޗެމްޕިއަނެކެވެ. އެ ނޫހުގެ ނޫސްވެރިޔާ ހާނީ މުހައްމަދު ބުނި ގޮތުގައި ނިޔާވެފައި އޮތް އާތިފްގެ ހަށިގަނޑު އޮތީ ކަށީގެ އޮނިގަނޑަކަށްވެފައެވެ. މޭކަށިގަނޑުވެސް ކަށީގައި ހަން ތަތްލާފައި އޮޮތްއިރު މޫނުމަތިންވެސް ބަނޑަށް ޖެހިގެން މަރުވުމުގެ ހުރިހާ އަސަރެެއް ފެންނަން ހުރި ކަމަށް އޭނާ ވަނީ ބުނެފައެވެ.

Advertisement
Advertisement

ޣައްޒާއިން ވާހަކަ ދެއްކި ނޫސްވެރިޔާ ހިންދު ޙައުދަރީ ބުނި ގޮތުގައި ޣައްޒާއިން ބޭބީ ފޯމިއުލާ ހުސްވެ, ތުއްތު ކުދިންނަށް ކާނާ ދޭނެ ހުރިހާ ގޮތެއްވަނީ ބަންދުވެފައެވެ. އަދި ކިރުގެ ބަދަލުގައި އެންމެ ތުއްތު ކުދިންނަށްވެސް ދެނީ ހަމައެކަނި ފެންކަމުގައި ހިންދު ވަނީ ބުނެފައެވެ.

މިދިޔަ ހަފްތާގައި ގްލޯބަލް ހަންގަރ މޮނިޓަރިންގ ސިސްޓަމް, އިންޓެގްރޭޓަޑް ފުޑް ސެކިއުރިޓީ ފޭސް ކްލެސިފިކޭޝަން (އައިޕީސީ) ން ވަނީ ބަނޑަށް ޖެހުމުގެ އެންމެ މަތީ ދަރަޖައިގެ ހާލަތަށް ޣައްޒާ ވެއްޓިފައިވާކަމަށް ބުނެފައެވެ.

 

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow