
މާލެއިން ވޭމަންޑޫއަށް ދަތުރުކުރި ދޯންޏެއް ދިޔަވެ, ހާލުގައި ޖެހުނު 3 މީހަކު ސަލާމަތްކޮށްފި
މާލެއިން ވޭމަންޑޫއަށް ދަތުރުކުރި ދޯންޏެއް ދިޔަވެ, ހާލުގައި ޖެހުނު 3 މީހަކު ފުލުހުން ސަލާމަތްކޮށްފިއެވެ. ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ ހާލުގައި ޖެހިފައި ތިއްބާ ސަލާމަތްކުރީ ދިވެއްސަކާއި ބަނގްލަދޭޝް ދެމީހުން ކަމަށެވެ.
އެމީހުން ހާލުގައި ޖެހުނީ ވޭމަންޑޫއަށް ދަތުރުކުރަނިކޮށް ދޯނި ފަރަކަށް އަރާ ދިޔަވާން ފެށުމުންނެވެ. އެމައުލޫމާތު ފުލުހުންނަށް ލިބުނީ ރޭ ފަތިހު 5:34 ހާއިރު ކަމަށް ފުލުހުން ވިދާޅުވިއެވެ. އެރިޕޯރޓް ލިބުމުން ވ.އަތޮޅުގެ ފުލުހުން ގޮސް އެމީހުން ސަލާމަތްކުރީ ހާލުގައި ޖެހި ފަރުމަތީގައި ތިއްބާ ކަމަށް ފުލުހުން ވިދާޅުވިއެވެ.
އެ މީހުން ފުލުހުންގެ ލޯންޗަށް ނަގައި މިހާރު ވަނީ ފެލިދޫއަށް ގެންގޮސްފައެވެ. 3 މީހުންގެ ހާލު ވެސް ރަނގަޅު ކަމަށް ފުލުހުން ވިދާޅުވިއެވެ.
ދޯނި އަޑިއަށް ދިޔައިރު، އެ ދޯނީގައި ގިނަ އަދަދެއްގެ ޕީވީސީ ފިލާ އަދި އެބާވަތުގެ ގިނަ ސާމާނު ހުންނާނެ ކަމަށް ދޯނިން ދަތުރުކުރި މީހުންނާ ހަވާލާދީ ފުލުހުން ވިދާޅުވިއެވެ. ދޯނީގައި ހުރި ތަކެތި އޮޔާދާތީ، އެ ސަރަހައްދުން ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް ފުލުހުން ވަނީ އެދިފައެވެ.
ރާއްޖޭގެ މޫސުން އަދިވެސް ގޯހެވެ. ކަނޑު ދަތުރުކުރުމުގައި ސަމާލުވުމަށް އެމްއެންޑީއެފްއިން ވަނީ އިލްތިމާސްކޮށްފައެވެ.
ރިއެކްޝަންސް






