
ކުރަނީ ތަރުތީބުކޮށް އިންތިޒާމް ކުރުމުގެ މަސައްކަތް, އިތުރު ފީއެއް ނުނަގަން- އެމްޕީއެލް
ނޯތް ހާބަރު ސަރަހައްދު ބޮޑުކޮށް, ކުރަމުން ދަނީ އިންތިޒާމްކޮށް ތަރުތީބު ކުރުމުގެ މަސައްކަތް ކަމަށާއި, އިތުރު ފީއެއް ނުނަގާ ކަމަށް މޯލްޑިވްސް ޕޯރޓްސް ލިމިޓެޑުން ބުނެފިއެވެ.
އެމްޕީއެލްއިން މިހެން ބުނީ ނޯތް ހާބަރު ލޯކަލް މާރުކޭޓާ ހަމައަށް ބޮޑުކުރި ޚަބަރާއެކު އެތަނުން ފީ ނަގަން ނިންމި ކަމަށް ބުނެ ދެކެވެމުންދާ ވާހަކަތަކަށް އިޝާރާތްކޮށެވެ. މަސްމާރުކޭޓް ސަރަހައްދާ ހަމައަށް އެމްޕީއެލްއިން ބަލަހައްޓާ ގޮތަށް ނިންމި ޚަބަރާއެކު ފީ ނަގާވާހަކަ ފެތުރެން ފެށުމުން އެމްޕީއެލްއިން ބުނީ އެމް.ޕީ.އެލްގެ ނޯތު ހާބަރއިން މިހާރު ނަގަމުންދާ ފީތަކުގެ އިތުރުން އެއްވެސް ފީއެއް ނެގުމަށް އެ ކުންފުނިން ނިންމާފައި ނުވާ ކަމަށެވެ. އޭގެބަދަލުގައި ކުރަމުންދާ މަސައްކަތަކީ ނޯތު ޕޯޓްގެ ސަރަހައްދަށް އިތުރު ކުރެވުނު ސަރަހައްދު ތަރުތީބުކޮށް، އިންތިޒާމް ކުރުމުގެ މަސައްކަތް ކަމަށް އެކުންފުނިން ބުންޏެވެ.
އެމްޕީއެލްއިން ބުނީ އެ ސަރަހައްދު ތަރުތީބުކުރެވުމުން، މަސް ދޯނި ފަހަރަށް އިތުރު ޖާގަ ލިބި، އިތުރު ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ. އަދި އަތޮޅުތަކަށް މުދާ އުފުލާ އުޅަނދުތަކަށް މުދާ ބޭލުމާއި އެރުވުމުގެ މަސައްކަތްތައްވެސް މިހާރަށްވުރެ އަވަހަށް ކުރެވޭނެ މަގު ފަހިވެގެންދާނެކަމަށް ބުންޏެވެ.
މީގެ އިތުރުން، މި ގެނެވޭ ބަދަލުތަކާއެކު އެ ސަރަހައްދުގައި ގަވައިދާ ޚިލާފަށް ވިޔަފާރިކުރަމުންދާ ބިދޭސީންގެ މައްސަލައަށް ވެސް ހައްލެއް ލިބި، އެ ސަރަހައްދު ބެލެހެއްޓުމުގެ އިންތިޒާމްތައް އިތުރަށް ހަރުދަނާކުރެވޭނެކަމަށް އެމްޕީއެލްއިން ބުންޏެވެ.
"މި ބަދަލުގެ ސަބަބުން، މަސްވެރިންނާއި އޮޑިވެރިންނަށް މިހާރަށްވުރެ އަވަސް، ލުއިފަސޭހަ ޚިދުމަތެއް ފޯރުކޮށްދެވޭނެކަމުގެ ޔަޤީންކަން އަރުވަން" އެމްޕީއެލްގެ ޑީ.ސީ.ޕީ ރިޓަޔާޑް މުޙައްމަދު ރިޝްވާންއާ ހަވާލާދެއްވާ އެމްޕީއެލްއިން ވިދާޅުވިއެވެ.
ރިއެކްޝަންސް






