
ޗެލްސީ އާއި ފުލްމިނެންސޭ ކްލަބް ވަރލްޑްކަޕްގެ ސެމީ ފައިނަލަށް
ޗެލްސީ އާއި ފުލްމިނެންސޭ ކްލަބް ވަރލްޑްކަޕްގެ ސެމީ ފައިނަލަށް ދަތުރުކޮށްފިއެވެ.
ޗެލްސީ ސެމީފައިނަލަށް ދަތުރުކުރީ ކްއާޓާ ފައިނަލްގައި 2-1 ން ބްރެޒިލްގެ ޕަލްމެއިރާސް ބަލިކޮށްގެންނެވެ. މެޗުގައި ޗެލްސީއަށް ލީޑް ނަގައިދިނީ 16 ވަނަ މިނިޓްގައި ކޯލް ޕާމާ އެވެ. ދެވަނަ ހާފްގެ ކުރީކޮޅު އެސްޓެވާއޯގެ ލަނޑުން ނަތީޖާ ހަމަހަމަ ކޮށްފައިވަނިކޮށް, ޗެލްސީ ސެމީއަށްދިޔަ ލަނޑަކީ ބައިކޮޅަށް ވަން ލަނޑެކެވެ. އެއީ 83 ވަނަ މިނިޓްގައި ކީޕަރު ގިއޭ އަތުންނެވެ. މެޗުގައި ޗެލްސީ ކޮޅަށް ލަނޑު ޖެހި 18 އަހަރުގެ އެސްޓެވާއޯ އަކީ ކުރިއަށް އޮތް ސީޒަންގައި ޗެލްސީން ފެންނާނެ ކުޅުންތެރިއެކެވެ.
ސެމީފައިނަލްގައި ޗެލްސީ ވާދަކުރަން ޖެހޭނީ ބްރޒިލްގެ ފުލްމިނެންސޭ އާއެވެ. ފުލްމިނެންސޭ ސެމީން ޖާގަ ހޯދީ ސައުދީ އަރަބިޔާގެ އަލް ހިލާލް 2-1 ން ބަލިކޮށްގެންނެވެ. ފުރަތަމަ ހާފް ނިމެން ފަސް މިނިޓަށް ވެފައިވަނިކޮށް ފުލްމިނެންސޭ އަށް ލީޑް ނަގައިދިނީ މާޓިނެލީ އެވެ. އެކަމަކު ދެވަނަ ހާފް ފަށައިގެން ހަވަނަ މިނިޓްގައި ލަނޑު ޖަހާ މާކޮސް ލިއޮނާޑޯ އަލް ހިލާލަށް ނަތީޖާ ހަމަހަމަ ކޮށްދިނެވެ. އޭނާ ލަނޑު ޖެހީ ޕެނަލްޓީ އަކުންނެވެ. މިއީ މުބާރާތުގައި އޭނާގެ ހަތަރު ވަނަ ލަނޑެވެ. ފުލްމިނެންސޭ އިން ސެމީ ޔަގީންކުރީ 70 ވަނަ މިނިޓްގައި ހާކިއުލެސް ޖެހި ލަނޑުންނެވެ.
އަލް ހިލާލް އާއި ފުލްމިނެންސޭ މެޗު ފެށުމުގެ ކުރިން ޖޮޓާގެ ހަނދާނުގައި ގެނައި ސްކޫކްތްގެ ވަގުތުގައި ޖޮޓާއާއެކު ޕޯޗްގަލް ގައުމީ ޓީމަށް ކުޅުނު ކަންސެލޯ އާއ ނެވޭސްގެ ލޮލުން ހިފެހެއްޓުމެއް ނެތި ކަރުނަ އައެވެ. އެދެމީހުން މިހާރު ކުޅެނީ އަލް ހިލާލް އަށެވެ.
ރިއެކްޝަންސް






