
ރަނގަޅު ގޮތަކީ ކައުންސިލް މެމްބަރުންގެ އަދަދު މަދުކޮށް, މުސާރަ ބޮޑުކުރުން- ނާޒިމް
ރަށު ކައުންސިލްތަކުގެ މެމްބަރުންގެ އަދަދު މަދުކޮށް, މުސާރަ ބޮޑުކުރުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް ރައްޔިތުންގެ މަޖިލިހުގެ ނައިބުރައީސް އަހުމަދު ނާޒިމް ވިދާޅުވެއްޖެއެވެ. ނާޒިމް މިހެން ވިދާޅުވީ ލާމަރުކަޒީ ޤާނޫނު ހިންގުމަށް ދިމާވެފައިވާ ދަތިތަކާއި ގޮންޖެހުންތަކާމެދު ރައްޔިތުންގެ މަޖިލިހުގެ މެމްބަރުން ދެކިވަޑައިގަންނަވާ ގޮތް ދެނެގަތުމަށް ހުށަހަޅުއްވާފައިވާ ޤަރާރަށް ވާހަކަދައްކަވަމުންނެވެ.
ނާޒިމް ވިދާޅުވީ އެންމެ އުފެއްދުންތެރި ގޮތުގައި ކައުންސިލްތަކުގެ މެމްބަރުންގެ ވަގުތު ހޭދަކުރެވޭތަން ނުފެންނަ ކަމަށެވެ. ކުދި އާބާދީ ތަކާއި ބޮޑަތި އާބާދީ ތަކުގައި އެއް އަދަދަކަށް ކައުންސިލަރުން ތިބުމުން މަސައްކަތެއް ނެތިވެސް ގިނަ ކައުންސިލަރުން ތިބެންޖެހޭކަމަށް ދިއްގަރު ދާއިރާގެ މެމްބަރު ނާޒިމް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ގައުމަށް ބޭނުންވަނީ އުފެއްދުންތެރި ބަޔަކު ނިކުމެ އުފެއްދުންތެރި މަސައްކަތެއް ކުރަން ކަމަށެވެ.
"އޮފީހަށް ނިކުލެމާލަ އެމީހާގެ އިނގިލީގެ ނިޝާންދީފަ ދާނެ މީހުންނެއް ނޫން އަޅުގަނޑުމެން ބޭނުންވަނީ. ކޮންމެ މީހަކީވެސް އުފެއްދުންތެރި މަސައްކަތެއް ކުރާނެ ބަޔަކަށް ވާންއެބަޖެހޭ." ނާޒިމް ވިދާޅުވިއެވެ.
މަޖިލިހުގެ ނައިބުރައީސް ވިދާޅުވީ ކޮލިޓީ މީހުން, ދުރު ރަށްރަށުގައި ރިސޯރޓްތަކުގައި މަސައްކަތްކުރަން ތިބި ޒުވާނުން ރަށަށްގޮސް, ރަށަށް ޚިދުމަތްކޮށްދޭނެ ގޮތެއް ހަދަން ޖެހޭ ކަމަށެވެ. ނާޒިމް ވިދާޅުވީ ކިޔަވައިގެން ތިބި ޒުވާނުން ރަށްރަށަށް ދާނީ އެމީހުންނަށް އެކަށީގެންވާ މުސާރައެއް ދެވިގެން ކަމަށެވެ.
"އެހެންވީމަ އަޅުގަނޑުމެންނަށް މީހުން މަދުކޮށްފަ, މުސާރަ ބޮޑުކޮށްދީފަ އެގޮތަށް އެފުރުޞަތު ހޯދައިދެވިއްޖިއްޔާ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އެކަން އެގޮތަށް ހަމަޖެހިގެންދާނެ" ނާޒިމް ވިދާޅުވިއެވެ.
ރިއެކްޝަންސް






