
މުސިއާލާގެ ހެޓްރިކާއެކު ބަަޔާނުން އޯކްލެންޑް ސިޓީ ކޮޅަށް 10 ގޯލް
ފީފާ ކްލަބް ވޯލްޑް ކަޕްގައި ޖަރުމަނުގެ ޗެމްޕިއަން ބަޔާން މިއުނިކާއި ނިއުޒީލެންޑްގެ އޯކްލެންޑް ސިޓީ އެފްސީ ބައްދަލުކުރި މެޗު ޖަމާލް މުސިއާލާގެ ހެޓްރިކާއެކު 10-0 ން ބަޔާން ކާމިޔާބުކޮށްފިއެވެ. މިއީ ކްލަބް ވޯލްޑްކަޕެއްގެ އެންމެ ގިނަ ގޯލް ފެނުނު މެޗެވެ.
ވަރަށް އާދައިގެ ކްލަބެއްކަމަށްވާ އޯކްލެންޑްގެ މައްޗަށް ބަޔާނުން ކުރި ހޯދީ ފަސޭހަކަމާއެކުއެވެ. 6-0 ން ފުރަތަމަ ހާފު ނިންމާލި އިރު ފުރަތަމަ ހާފުގައި ކިންގްސީ ކޯމަން އާއި މައިކަލް އޮލިސީ ވެސް ވަނީ ކޮންމެ ކުޅުންތެރިއަކު ދެ ގޯލް ކާމިޔާބުކޮށްފައެވެ. މައިކަލް އޮލިސީ އިތުރު ދެ ގޯލް ޖެހުމަށް ފުރަތަމަ ހާފުގައި ފުރުޞަތު ތަނަވަސްކޮށްދިން އިރު އަނެއް ދެ ގޯލް ޖެހީ ތޯމަސް މުލާ އަދި ސަޗާ ބޯއޭ އެވެ.
ދެވަނަ ހާފުގެ 67 ވަނަ މިނިޓްގައި ޒުވާން ކުޅުންތެރިޔާ ޖަމާލް މުސިއާލާގެ ފުރަތަމަ ގޯލްއާއެކު އޭނާވަނީ 17 މިނިޓް ތެރޭގައި އިތުރު ދެ ގޯލް ކާމިޔާބުކޮށް ހެޓްރިކް ހަދާފައެވެ. އޭގެ ތެރޭގައި 73 ވަނަ މިނިޓްގައި ލިބުނު ޕެނަލްޓީވެސް ހިމެނެެއެވެ.
ބަޔާނުގެ ފަހު ގޯލް މެޗު ނިމެންދަނިކޮށް ސާޖް ނަބްރީ ތަނަވަސްކޮށްދިން ފުރުޞަތުގައި ކާމިޔާބުކުރީ ތޯމަސް މުލާއެވެ.
މިއީ މި ހޫނު މޫސުމުގައި ކްލަބް ދޫކޮށްލުމުގެ ކުރިން މުލާ ބާޔާންއަށް ކުޅެދޭ ފަހު މުބާރާތެވެ. މެޗުގައި މުލާ ވަނީ ބަޔާނަށް ދެ ގޯލް ކާމިޔާބުކޮށްދީ މުސިއާލާގެ ފުރަތަމަ ގޯލް ކާމިޔާނުކުރުމުގައި ވެސް އެހީތެރިވެފައެވެ.
ފަލަމަސްގަނޑަށް ލިބުނު އަނިޔާއަކާ ގުޅިގެން ބުންޑަސްލީގާގައި އެންމެ ފަހުން ކުޅުނު ހަ މެޗު މުސިއާލާ އަށް ގެއްލުމަށްފަހު އެނބުރިއައިސް 61 ވަނަ މިނިޓްގައި ބަދަލުކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުއިން ފުރަތަމަ މެޗުގައި އޭނާ ވަނީ ތަފާތު ދައްކާފައެވެ. ކުޅެން ނިކުއިންތާ 6 ވަނަ މިނިޓްގައި މުސިއާލާގެ ފުރަތަމަ ގޯލް ވަނީ ފެނިގެން ގޮސްފައެވެ.
ރިއެކްޝަންސް






