
ޖެމްކިޔު ސްކީމަކީ އޮޅުވާލައިގެން ހިންގާ ޕިރަމިޑް ސްކީމެއް- ފުލުހުން
ސްކީމް ހިންގާ, ޕްރޮމޯޓްކޮށް ބައިވެރިވުމަށް މީހުން ހޯދާ ފަރާތްތަކަށްވެސް ފިޔަވަޅު އަޅަނީ
ޖީ.އެމް.ސީ.އީ ނުވަތަ ޖެމްކިޔު ސްކީމަކީ އޮޅުވާލައިގެން ހިންގާ ޕިރަމިޑް ސްކީމެއް ކަމަށް ދިވެހި ފުލުހުންނާއި ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީން ބުނެފިއެވެ. އެދެމުއައްސަސާ ގުޅިގެން މިރޭ ޢާއްމުކުރި ބަޔާނެއްގައި ބުނީ ޖެމްކިޔުއަކީ ކެޕިޓަލް މާކެޓް އޮތޯރިޓީގައި ރަޖިސްޓްރީކޮށް, ހުއްދަ ނަގައިގެން ހިންގާ ސްކީމެއްވެސް ނޫން ކަމަށެވެ.
ބަޔާނުގައި ބުނެފައިވަނީ މިފަދަ އިންވެސްޓްމަންޓް ސްކީމްތައް ހިންގަން ޖެހެނީ ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީގައި ރަޖިސްޓްރީކޮށް, ހުއްދަ ނަގައިގެން ކަމަށާއި, ހުއްދަ ނުނަގާ ހިންގުމުން މިއީ ގާނޫނީ ހަމަތަކުގެ ތެރެއިން ހިންގާ ސްކީމެއް ނޫންކަން އިނގޭ ކަމަށެވެ. ބަޔާނުގައި ބުނެފައިވަނީ ފުލުހުންގެ ޚިދުމަތުން ބޭރު ގައުމުތަކުގެ ކަމާބެހޭ ފަރާތްތަކާ ގުޅިގެން ކުރެވުނު މަސައްކަތުގެ އަލީގައި ޖެމްކިޔޫގެ ނަމުގައި ހިންގަމުންދާ ސްކީމަކީ އޮޅުވާލައިގެން ހިންގާ ޕިރަމިޑް ސްކީމެއްކަން ކަށަވަރުކުރެވިފައިވާ ކަމަށެވެ. މިސްކީމްގައި އާޓިފިޝަލް އިންޓެލިޖެންސް ޓެކްނޮލޮޖީ ބޭނުންކޮށްގެން ކްރިޕްޓޯ ގްރިޑް ޓްރޭޑިންގ ކުރާކަމަށް ދެއްކިނަމަވެސް އެއީ އޮޅުވާލުމެއްކަމަށް ބަޔާނުގައި ބުނެފައިވެއެވެ.
ޕިރަމިޑް ސްކީމްގައި ބައިވެރިވުމުގެ ހައްގު ވިއްކާލުމަކީވެސް ޤާނޫނީގޮތުން ކުށެއްކަން ފާހަގަކުރައްވާ ބަޔާނުގައި އިލްތިމާސްކުރައްވާފައި ވަނީ މިފަދަ ސްކީމްތަކަށް އިންވެސްޓް ނުކުރުމަށެވެ. މިފަދަ ސްކީމްތަކުގައި އިންވެސްޓް ކުރުމުން އިޔާދަ ނުކުރެވޭފަދަ މާލީ ބޮޑަތި ގެއްލުންތަކާ އެތައްބަޔަކު ކުރިމަތިލާންޖެހިފައިވާކަން ބަޔާނުގައި ފާހަގަކުރައްވާފައި ވެއެވެ.
ބަޔާނުގައި ބުނެފައިވަނީ ސްކީމް ހިންގާ, ޕްރޮމޯޓްކޮށް ބައިވެރިވުމަށް މީހުން ހޯދާ ފަރާތްތަކަށްވެސް ޤާނޫނީ ފިޔަވަޅު އެޅުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރަމުންދާ ކަމަށެވެ.
ރިއެކްޝަންސް






