
ޢީދު ޗުއްޓީ ނިމޭހިސާބުން މޫސުން ގޯސްވާނެކަމަށް ލަފާކޮށް ސަމާލުވުމަށް އެދިއްޖެ
އަންނަ ހޯމަދުވަހުން ފެށިގެން ރާއްޖޭގެ މޫސުން ގޯސްވާނެ
މިފަހަރުގެ ޢީދުޗުއްޓީ ނިމޭ ދުވަސްކަމަށްވާ އަންނަ ހޯމަ ދުވަހުން ފެށިގެން ކުރިއަށް އޮތް ފަސް ދުވަހަށް ރާއްޖޭގެ މޫސުން ގޯސްވާނެ ކަމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް އޮފީސް) އިން ބުނެފިއެވެ.
މެޓް އޮފީހުން ބުނީ މި މުއްދަތުގައި އާންމުކޮށް ވައިބާރުވެ، ކަނޑުތައް ގަދަވެ، ވިއްސާރަކުރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
ވައި ޖެހޭނެ ކަމަށް ލަފާކުރެވެނީ ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައިކަމަށާއި، އަދި ވިލާގަނޑުގައި ވައިގެ ބާރުމިން ގަޑިއަކު 40 މޭލާއި 45 މޭލާ ދެމެދަށް އަރާނެ ކަމަށް ބެލެވޭކަމަށް މެޓް އޮފީހުން ބުންޏެވެ.
ކަނޑުތައް ގަދަވެ، ދިޔަވަރު ބޮޑުވާ ވަގުތުތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރުކުރުން އެކަށީގެންވާ ކަމަށްވެސް މެޓް އޮފީހުން ބުންޏެވެ.
މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވޭތީ، ހުރިހާ ފަރާތްތަކުން، ޚާއްޞަކޮށް ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން އިލްތިމާސްކޮށްފައިވެއެވެ. އަދި ގަދަވަޔާއެކު ބޯކޮށް ވާރޭވެހުމުގެ ސަބަބުން ކުރިމަތިވެދާނެ ނުރައްކާތަކުން ސަލާމަތްވުމަށް ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށްވެސް އެއިދާރާއިން އެދިފައިވެއެވެ.
ރިއެކްޝަންސް






