
ހައްޖު ވެކްސިނާއި ބޭސް, އަދި ހައްޖުގެ އަޅުކަމުގައި އުޅޭއިރު ނަގާ ބޭސް މިއަދުން ފެށިގެން ހިލޭ
ރައީސުލްޖުމްހޫރިއްޔާ މިކަން އިއުލާންކުރެއްވީ ހައްޖުވެރިންނާ އެކު ބޭއްވި ބައްދަލުވުމުގައި
ދިވެހި ހައްޖާޖީންނަށް ވެކްސިން ޖެހުމާއި ބޭސްލިބުން ލުއިކޮށްދިނުމުގެ ގޮތުން ހައްޖައްގޮސް ތިބޭއިރު ޑޮކްޓަރަށް ދެއްކުމަށްފަހު ނަގާ ބޭސް މިއަދުންފެށިގެން ހިލޭ ލިބޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. މީގެ އިތުރުން ކުރިއަށް އޮތް ތަނުގައި އެމީހަކު ހުރި ރަށަކުން ހިލޭ ވެކްސިން ޖެހޭނެ އިންތިޒާމްވެސް ހަމަޖައްސަވައިދެއްވާނެކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
ރައީސް މިހެން ވިދާޅުވީ ރާއްޖެއިން ހައްޖުގެ އަޅުކަމަށް މައްކާއަށްގޮސްތިބި ހައްޖުވެރިންނާ ބައްދަލުކޮށް ދެއްކެވި ވާހަކަފުޅުގެ ތެރެއިންނެވެ. ދިވެހި ހައްޖާޖީން ތިބޭ ހޮޓަލަށް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަޑައިގެން ބޭއްވި ބައްދަލުވުމުގައި ހައްޖުވެރިންނަށް އަނބުރާ ރާއްޖެ ދެވެންދެން ވީހާވެސް ލުއިކޮށް ކަންކަން އިންތިޒާމްކޮށްދެއްވާނެ ކަމުގެ ޔަޤީންކަން ވަނީ ދެއްވާފައެވެ.
އެގޮތުން ސައުދީ ސަރުކާރުގެ ފުރިހަމަ އެއްބާރުލުމާއެކު މައްކާ ރޫޓް އިނީޝިއޭޓިވް ގެ ދަށުން މިހާރުވެސް ހައްޖުވެރިންނަށް ގިނަގުނަ ލުއިފަސޭހަ ތަކެއް ލިބިދީފައިވާކަން ރަޢީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން މިނާގެ އިންތިޒާމްތައްވެސް ކުރިއަށް މިފަހަރުގެ ހައްޖުގައި 'އަޕްގްރޭޑް' ކުރެވި ހައްޖުވެރިންނަށް ފެންވަރު ރަނގަޅު ހިދަމްތެއް ފޯރުކޮށްދިނުމަށް އިސްލާމިކް މިނިސްޓްރީ އާއި މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން މަސައްކަތްކުރާނެ ކަމުގެ ފުރިހަމަ ޔަޤީންކަންވެސް ހައްޖުވެރިންނަށް ރައީސް ވަނީ ދެއްވާފައެވެ.
އެހެންފަހަރުތަކެކޭވެސް އެއްފަދައިން ރާއްޖެއިން މިފަހަރުވެސް 1000 މީހުން ހައްޖުގެ އަޅުކަން އަދާކުރޭނެއެވެ. ނަމަވެސް މިފަހަރު ސައުދި އެރޭބިއާގައި ދިވެހި ހައްޖުވެރިންނަށް ޙާއްސަކޮށްގެން ވަކި ކްލިނިކެއްވެސް ސައުދީ ސަރުކާރުން ވަނީ ޤާއިމްކޮށްދެއްވާފައެވެ. އެހެންކަމުން އެންމެހާ ހައްޖުވެރިންނާއި އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައި ސައުދީ ރަސްގެފާނަށާއި ވަލިއަހުދަށް ރައީސް ވަނީ ހާއްސަ ޝުކުރެއް އަދާކޮށްފައެވެ.
ހައްޖުވެރިންނާއެކު ރައީސް ބޭއްވެވި ބައްދަލުވުމުގައި އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސައީދުވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ. ރައީސްގެ ދެކަނބަލުން ވަނީ ވަކިވަކި ހާޖީންނާވެސް ބައްދަލުކުރައްވާ ވާހަކަދައްކަވާފައެެވެ.
ރިއެކްޝަންސް






