
ޙައްޖުގައި ތިބޭ މުއްދަތު ކުރުކަމަށް ބުނާ ވާހަކައަކީ ދޮގެއް- މިނިސްޓަރ ޝަހީމް
ޙައްޖުގައި ތިބޭ މުއްދަތު ސަރުކާރުން ކުރިކޮށްލާފައިވާ ކަމަށް ބުނާ ވާހަކައަކީ ދޮގެއްކަމަށް އިސްލާމިކް މިނިސްޓަރ ޑރ.މުޙައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
މައްކާގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުއިއްޒު ދިވެހި ހައްޖުވެރިންނާ ރޭ ބައްދަލުކުރެއްވުމަށްފަހު ޝަހީމް މީޑިޔާއަށް ވިދާޅުވީ ޙައްޖުގައި ތިބޭ މުއްދަތު 15 ދުވަހަށް ކުރުކޮށްލިކަމަށް ބުނެ ދައްކަމުންދާ ވާހަކަ އަކީ ހަޤީޤަތާ ޚިލާފު ވާހަކައެއް ކަމަށެވެ. 15 ދުވަހު ތިބޭ އެއްވެސް ބަޔަކު ނުތިބޭނެކަމަށް ހައްޖު ކޯޕަރޭޝަން އިން އެމަނިކުފާނަށް މައުލޫމާތު ދީފައިވާކަމަށް ވިދާޅުވިއެވެ. ތަފްސީލް ދެއްވަމުން ވިދާޅުވީ އެއް ފްލައިޓްގައި އައި މީހުން 18 ދުވަސް، އަނެއް 3 ފްލައިޓްގެ މީހުން 19 ދުވަހު ތިބޭނެ ކަމަށެވެ. ހައްޖަށްދާ މީހުން މީގެ އަހަރުތަކެއް ކުރިން 30 ދުވަހު ތިބޭކަން ފާހަގަކުރައްވާ ވިދާޅުވީ އެކަމަކު މި ފަހު އަހަރުތަކުގައި ޢާއްމުކޮށް ހޭދަކުރަނީ 22 އާއި 25 ދުވަހު ދެމެދު މުއްދަތެއް ކަމަށެވެ. އެއީ ހައްޖު ނިންމާފަ މަދީނާއަށް އައިސް މައްކާއަށް އެނބުރިދާ ކަމަށް ވިދާޅުވިއެވެ.
"ނަމަވެސް މިފަހަރު ހައްޖު ނިންމާފަ މަދީނާއަށް އައިސް މައްކާއަށް އެނބުރި ނުގޮސް ރާއްޖެއަށް ފުރާގޮތަށް ހަމަޖައްސާފައިވަނީ ހައްޖުވެރިންގެ ރައްކާތެރިކަމާއި މަޞްލަޙަތާއި މޫސުމަށް ބަލައި ޞިއްޙަތަށް ބެލުމުގެ ގޮތުން ސައޫދީ އަރަބިއްޔާއިން ދެއްވަމުން ގެންދަވާ އިރުޝާދުތަކަށް ރިޢާޔަތްކުރުމުގެ ގޮތުން." މިނިސްޓަރ ވިދާޅުވިއެވެ.
ޤައުމީ މިފަދަ ކަންކަމުގައި ޙަޤީޤަތް އޮޅޭ ގޮތައް ވާހަކަ ނުދެއްކެވުމަށް މިނިސްޓަރ ވަނީ އިލްތިމާސްކުރައްވާފައެވެ. ރައްޔިތުންގެ ކަންބޮޑުވުން އޮތް ކަމެއް ނަމަ އެކަމާމެދު މަޝްވަރާކޮށްގެން ޙައްލެއް ހޯދާނެކަމުގެ ޔަޤީންކަންވެސް އެމަނިކުފާނު ދެއްވިއެވެ.
ރިއެކްޝަންސް






