65 އަހަރުން ރިޓަޔާވާން ބޭނުންނުވާ މީހުންނަށް 75 އަހަރާ ހަމައަށް ހިދުމަތުގަ ދެމިތިބެވޭނެ
65 އަހަރު ވުމުން ރިޓަޔާކުރަން ބޭނުންނުވާ މީހުންނަށް، 75 އަހަރާ ހަމައަށް ހިދުމަތް ކުރެވޭނެ އިންތިޒާމް ހަމަޖައްސަނީ
65 އަހަރުން ރިޓަޔާވާން ބޭނުންނުވާ މީހުންނަށް 75 އަހަރާ ހަމައަށް ހިދުމަތުގަ ދެމިތިބެވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުއްވައިދެއްވައި އިއްވި ރިޔާސީ ބަޔާނުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ހިދުމަތުގައި މެދުކެނޑުމެއްނެތި ދިގު ޒަމާނެއް ހޭދަކުރުމަށްފަހު އުމުރުން 65 އަހަރުވާއިރަށް ކުރާނެ އެއްވެސް މަސައްކަތެއް ނެތި ރިޓަޔާވާން ޖެހޭ ވަގުތަކީ އެފަދަ ގިނަ ބޭފުޅުންނަށް އުނދަގޫ ހާލަތެއް ކަމަށެވެ.
ރައީސް ވިދާޅުވީ އިސްރަށްވެހީންގެ ތަޖުރިބާއާއި ވިސްނުން ރާއްޖެއަށް ބޭނުންވާ ކަމަށާއި 65 އަހަރު ވުމުން ރިޓަޔާކުރަން ބޭނުންނުވާ މީހުންނަށް، 75 އަހަރާ ހަމައަށް ހިދުމަތް ކުރެވޭނެ އިންތިޒާމް ހަމަޖައްސައި ދިނުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
"އުމުރުން 65 އަހަރުވީ ނަމަވެސް ހިދުމަތުގައި ދެމިތިއްބަވަން ބޭނުންފުޅު ކޮންމެ ބޭފުޅަކަށް ވެސް އެގްރީމެންޓް އުސޫލުން ވަޒީފާ ހަމަޖައްސައިދީ، އުމުރުން 75 އަހަރާ ހަމަޔަށް ހިދުމަތުގައި ކުރިއަށް ވަޑައިގެންނެވޭނެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތް ސަރުކާރުން ދަނީ ކުރަމުން،" އެ މަނިކުފާނު ހާމަކުރެއްވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި ސަރުކާރުން މިއަހަރު އިސްރަށްވެހީންގެ ހާއްސަ ދަފްތަރެއް އެކުލަވާލައި، އަދި އިސްރަށްވެހީންގެ ހާއްސަ އިޖްތިމާއީ މަރުކަޒުތަކެއް މާލެ އާއި އަތޮޅުތަކުގައި ގާއިމުކުރުމުގެ މަސައްކަތް ވަނީ ފެށިފަ އެވެ.
އިސްރަށްވެހީންގެ އިތުރުން ރައީސް ވިދާޅުވި ގޮތުގައި ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް މި ދައުރުގައި ހާއްސަ އިސްކަމެއް ދޭނެ އެވެ.
ރިއެކްޝަންސް