
ކީރިތި ޤުރްއާނުގެ އިރުޝާދަށް އަމަލުތައް ބައްޓަންކުރަން ސަމާލުކަން ދޭން ފަސްޓްލޭޑީ އިލްތިމާސްކުރައްވައިފި
ކީރިތި ޤުރްއާނުގެ އިރުޝާދަށް އަމަލުތައް ބައްޓަންކުރަން އަބަދުވެސް ސަމާލުކަން ދޭން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު އިލްތިމާސްކުރައްވައިފިއެވެ. އީގަލްސް ކޮމިއުނިޓީގެ ފުރަތަމަ ޤުރުއާން މުބާރާތް 1446ގެ ނަތީޖާ ފާޅުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެކަމަނާ ވިދާޅުވީ މާނަވީ ގޮތެއްގައި ކީރިތި ޤުރުއާނާ ގާތްވުމަށްޓަކާ ކީރިތި ޤުރުއާން ތަޖުވީދުމަގުން ރީތިކޮށް ކިޔަވަން ސަމާލުކަން ދޭ ފަދައިން ކީރިތި ޤުރްއާނުގެ އިރުޝާދަށް އަމަލުތައް ބައްޓަންކުރަން އަބަދުވެސް ސަމާލުކަން ދޭން ޖެހޭ ކަމަށެވެ.
ދިރިއުޅުމުގެ ހުރިހައި ކަމެއްގައި ރީތިކަމާއި ފުރިހަމަކަން ކީރިތި ޤުރުއާނުގެ އިރުޝާދުގެ އަލީގައި ލިބިގަތުމަށް އެކަމަނާ ބާރުއަޅުއްވިއެވެ. އަދި މި ފަދައިން އަމަލުތައް ބެހެއްޓުމުން ދިރިއުޅުމަށާއި މުޅި މި ޤައުމަށް ހެޔޮބަދަލު އަންނާނެކަން ފާހަގަކުރެއްވިއެވެ. ކީރިތި ޤުރްއާން ކިޔެވުމުގެ މުބާރާތްތައް އިތުރުވަމުން އަންނަކަން ފާހަގަކުރައްވާ އެކަމަނާ ވިދާޅުވީ ދިވެހި ދަރީންނާއި މުޅި މުޖުތަމަޢަކީ ކީރިތި ޤުރްއާނުގެ ހިޔާވަހިކަމަށް އެދޭ ބަޔަކަށްވުމަކީ ވަރަށް އުންމީދީ މަންޒަރެއްކަމަށެވެ. އަދި އެއީ ހެޔޮ ބަދަލެއްކަން ފާހަގަކުރެއްވިއެވެ.
އީގަލްސް ކޮމިއުނިޓީގެ ފުރަތަމަ ޤުރުޢާން މުބާރާތް ބާއްވާފައިވަނީ ނިމިގެންދިޔަ ރަމަޟާންމަހު ތާޖުއްދީން ސުކޫލްގެ ދަރިވަރުންނަށް ޚާއްޞަކޮށްގެންނެވެ. މުބާރާތުގައި 174 ދަރިވަރުން ވާދަކުރިއެވެ. މުބާރާތް ކުރިއަށްގެންގޮސްފައިވަނީ ބަލައިގެން ކިޔެވުމުގެ ގޮފިންނެވެ.
ރިއެކްޝަންސް






