
ހަމަލާތައް ހުއްޓާލުމާގުޅޭ ވާހަކަތައް ކުރިއަށް! މިއަދު ހެދުނުން ފެށިގެން 100 އަށް ވުރެ ގިނަ މީހުން ޝަހީދުކޮށްލައިފި
ޣައްޒާގައި އިޒްރާއިލްއިން ހިންގަމުން ގެންދާ އުދުވާނު ހުއްޓާލުމާގުޅޭ މަޝްވަރާތައް ކުރިއަށް ދަނިކޮށް މިއަދު ހެނދުނުން ފެށިގެން ފަލަޞްޠީނުގެ 102 މީހަކު މިހާތަނަށް ޝަހީދުކޮށްލައިފިއެވެ. އޭގެ ތެރޭގައި 'ރައްކާތެރި ސަރަހަައްދެއް' ގެ ގޮތުގައި ކަނޑައަޅާފައިވާ އަލް-މަވާސީ ސަރަހައްދުން ޝހީދުކޮށްލި 36 މީހަކުވެސް ހިމެނޭކަމަށް ސިއްހީ މަސްދަރުތަކާ ހަވާލާދީ އަލްޖަޒީރާއިން ރިޕޯޓްކޮށްފައިވެއެވެ.
އިޒްރާއިލްއިން ޣައްޒާގައި ހިންގާ އުދުވާނު އިތުރު ހަރުފަތަކަށް ގެންގޮސް އެއްގަމު މަގުން ފައުޖުތައް ޣައްޒާއަށް އަރާ ދެމުންދާ ހަަމަލާތަކުގައި ޣައްޒާއިން އެވަރެޖްކޮށް ދުވާލަކު 100 އަށްވުރެ ގިނަމީހުން މިހާރު ދަނީ ޝަހީދުކުރަމުންނެވެ.
ހަމަލާތައް ހުއްޓާލުމާގުޅޭ މަޝްވަރާތައް ޤަތަރުގެ ވެރިރަށް ދޯހާގައި ކުރިއަށް ދިޔަނަމަވެސް އިޒްރާއިލްގެ ހަމަލާތަކަށް ކުޑަވެސް މަޑުޖެހުމެއް އައިސްފައެއް ނުވެއެވެ. ހަމާސް އަދި އިޒްރާއިލްއިންވެސް ވަނީ މަޝްވާރާތައް ކުރިއަށްދާކަށް ކަށަވަރުކޮށްދީފައެވެ.އިޒްރާއިލްއިން ބުނެފައިވަނީ އެފަރާތުން މަޝްވަރާގެ ތެރެއަށް ވަދެފައިވަނީ އެއްވެސް ޝަރުތަކާ ނުލާ ކަމުގައެވެ.
އުތުރު ޣައްޒާގައި އިޒްރާއިލްއިން އެއްގަމު މަގުން ދޭ ހަމަލާތައް އިތުރުކޮށްފައިވާއިރު, އުތުރުގެ އެކި ސަރަހައްދުތަކަށް އިޒްރާއިލްއިން އަންނަނީ ވަރުގަދަ ވައިގެ ހަމަލާތައްވެސް ދެމުންނެވެ. ހަމަލާތާކައި ސަރަހައްދު ދޫކޮށް ދިއުމުގެ އަމުރު ތަކާއެކު ހުކުރު ދުވަހުން ފެށިގެން އުތުރުގެ އެތައްހާސް ބަޔަކު ދަނީ ބޯހިޔާވަހިކަން ހޯދައިގެން ތިބި ތަންތަން ދޫކޮށް ދާންފަށާފައެވެެ.
އިންޓަނޭޝަނަލް އޯގަނައިޒޭޝަން ފޮރ މައިގްރޭޝަން (އައިއޯއެމް) އިން ބުނި ގޮތުގައި ބުރާސްފަތި ދުވަހުގެ މެންދުރު ފަހުން ފެށިގެން އުތުރުން 19,000 ށްވުރެ ގިނަ މީހުން ވަނީ ވިއްސި ވިހާލިވެފައެވެ. "ގިނަ މީހުން ދަނީ ހުސްއަތާ. ބައެއް މީހުން އެމީހުންގެ މަދު އަންނައުނު ކޮޅު ހިފައިގެން. ޣައްޒާގައި ރައްކާތެރި އެއްވެސްތަނެއް ނެތް" އައިއޯއެމްއިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެއެވެ.
ހޮނިހިރު ދުވަހު އިޒްރާއިލްގެ އަސްކަރިއްޔާއިން އަރަބި ބަހުން ނެރުނު ބަޔާނެއްގައި ވަނީ 'އޮޕަރޭޝަން ގިޑިއޮންސް ޝެރިއޮޓްސް' ގެ ފުރަތަމަ މަރުހަލާ ޣައްޒާގައި ފަށާފައިވާކަން އިއުލާންކޮށްފައެވެ. މިއީ އިޒްރާއިލްގެ ސަލާމަތީ މަޖިލީހުން ފާސްކޮށްގެން އެކުލަވާލި ޣައްޒާ ހިފުމުގެ ޕްލޭން ތަންފީޒުކުރުމުގެ އޮޕަރޭޝަން އެވެ.
ރިއެކްޝަންސް






