
ޓްރާންސްޕޯޓް މިނިސްޓަރަށް އިތުބާރު އޮތް ކަމަށް ފާސްކޮށްފި
އިތުބާރު ނެތްކަމަށް ވޯޓްދެއްވީ އެމްޑީޕީގެ 11 މެމްބަރުން
ޓްރާންސްޕޯޓް މިނިސްޓަރ މުޙައްމަދު އަމީނަށް އިތުބާރު އޮތް ކަމަށް ރައްޔިތުންގެ މަޖިލިހުން ފާސްކޮށްފިއެވެ.
އެމްޑީޕީގެ 12 މެމްބަރުން ސޮއިކުރައްވާ އަމީނުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅިޔަސް, އެމައްސަލައާ އެއްކޮޅަށް ވޯޓްދެއްވީ 11 މެމްބަރުންނެވެ. އެމައްސަލައާ ދެކޮޅަށް 54 މެމްބަރުން ވޯޓް ދެއްވިއެވެ. އެހެންކަމުން އިތުބާރު ނެތްކަމަށް ފާހެއް ނުވިއެވެ.
ޓްރާންސްޕޯރޓް މިނިސްޓަރ އަމީނުގެ އިތުބާރު ނެތްކަމުގެ މައްސަލަ އެމްޑީޕީގެ ފަރާތުން ހުށަހެޅީ މައިގަނޑު 7 ކަމެއް ފާހަގަކުރުމަށްފަހުއެވެ. އެއީ ޔުމްނު ރަޝީދު ވެއްޓުނު ހާދިސާއާ ގުޅުންހުރި ތުހުމަތު ތަކެވެ. އެހާދިސާ ހިނގުމުގެ ކުރިން ޔުމްނު އާއި އުތުރު ޒުވާނުންތަކެއް ހިމެނޭ ގޮތަށް މިނިސްޓަރ އަމީން ދިރިއުޅުއްވާ ގޭގައި މަސްތުވާތަކެތި ބޭނުންކޮށް, ޕާޓީ ކުރިކަމުގެ ތުހުމަތު ކުރެއެވެ. އަދި އެކަމުގައި މިނިސްޓަރ އަމީނުގެ އާއިލީ ދެ ޒުވާނުން ބައިވެރިވާ ކަމަށް ތުހުމަތު ކުރެއެވެ. އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅީ އެމައްސަލައިގެ ތަހުގީގަށް މިނިސްޓަރ އަމީން ނުފޫޒު ފޯރުވާ ކަމަށް ބުނެއެވެ.
ނަމަވެސް ތުހުމަތުތަކަށް ޖަވާބުދެއްވަމުން މިނިސްޓަރ އަމީން ވިދާޅުވީ އިތުބާރު ނެތްކަމުގެ މައްސަލައިގައި ހުށަހަޅާފައިވާ ތުހުމަތު ތަކަކީ ޒައްރެއްގެ މިންވަރަށްވެސް ގުޅުމެއް ނެތް, އެއްވެސް ހަގީގަތެއްވެސް ނެތް ތުހުމަތުތަކެއް ކަމަށެވެ. އެމައްސަލައާ ގުޅޭ މައުލޫމާތު ދިނުމަށް ފުލުހުން ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވަމުން ދަނިކޮށް އޭރުގެ ޕޮލިސް ކޮމިޝަނަރަށް ގުޅުއްވި ނަމަވެސް އެއީވެސް ނުފޫޒު ފޯރުވަން ނޫން ކަމަށް ވިދާޅުވިއެވެ. އޭރުގެ ސީޕީއަށް ގުޅުއްވީ ކޯޓް އަމުރު ނެތި އެމަނިކުފާނު ގެ ފާސްކުރެވޭނެކަމަށް ދަންނަވަން ކަމަށް ވަޒީރު ވިދާޅުވިއެވެ.
ރިއެކްޝަންސް






