އެންމެ ބޮޑު އެއް އަމާޒަކީ ކޮރަޕްޝަން ނައްތާލުން- ރައީސުލްޖުމްހޫރިއްޔާ
ރައްޔިތުންނާއެކު ޕޮޑްކާސްޓްގައި ރައީސް ވާހަކަދައްކަވަނީ: ފޮޓޯ-ރައީސް އޮފީސް

އެންމެ ބޮޑު އެއް އަމާޒަކީ ކޮރަޕްޝަން ނައްތާލުން- ރައީސުލްޖުމްހޫރިއްޔާ

އަމާޒަކީ އެސްޓޯނިއާއިން 25 އަހަރުން ކުރި ކަންތައް، 4 އަހަރުން ކުރެ

4 hours ago - 13:54
May 8, 2025 - 13:55
Advertisement
Advertisement

ދިވެހިރާއްޖެ ޑިޖިޓަލައިޒް ކުރެއްވުމަށް ފައްޓަވާފައިވާ "ދިވެހިރާއްޖެ 2.0" ގެ އެންމެ ބޮޑު އެއް މަޤްޞަދަކީ ކޮރަޕްޝަން ނައްތާލުންކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، "ރައްޔިތުންނާ އެކު" ޕޮޑްކާސްޓުގެ ފަސްވަނަ އެޕިސޯޑުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައްޔިތުންނަށް ދޭ ޚިދުމަތްތަކުގެ ނިޒާމަކީ އޮޓޮމޭޓުކުރެވި ޑިޖިޓަލައިޒްކޮށްފައިވާ ނިޒާމަކަށް ބަދަލުކުރެވިއްޖެނަމަ، މަޤާމުގެ ނުފޫޒު ފޯރުވުމާއި ނާޖާއިޒު ފައިދާ ނެގުމަށް ލިބޭ ފުރުޞަތު ހަނިކުރެވި، ދެފުށް ފެންނަ މިންވަރު އިތުރުވެ، މަޢުލޫމާތު ހޯދައި ލިބިގަތުމުގައި ލުއިފަސޭހަވެ، ބޮޑުތަނުން ކޮރަޕްޝަން ނައްތާލެވޭނޭކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މިގޮތަށް ޑިޖިޓަލައިޒްކުރެވިފައިވާ ނިޒާމެއްގައި މުޅި ސަރުކާރާއި މުޅި ދައުލަތުގެ އިތުރުން، ޕްރައިވެޓް ސެކްޓަރގައި ހިމެނޭ މައިގަނޑު ޚިދުމަތްތައް ދޭ އިދާރާތަކާއި މުއައްސަސާތައް، ޝާމިލުވާ އަދި ލާމެހިފައިވާ ވިއުގައަކުން ގުޅާލެވިފައިވާނޭކަން ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މި ކަމަށް ބޭނުންވާ ޤާނޫނުގެ ދެލިކޮޕީވެސް އެކުލަވާލަމުންދާކަމުގައި ރައީސް ވިދާޅުވިއެވެ.

ހަތަރު އަހަރުގެ މި ބިޔަ މަޝްރޫޢުގެ ތެރެއިން، ރާއްޖެ ޑިޖިޓަލައިޒްކުރުމުގައި މަސައްކަތްކުރައްވަމުން ގެންދަވަނީ ޑިޖިޓަލައިޒޭޝަންގައި ބޮޑު ކުރިއެރުމެއް ހޯދާފައިވާ އެސްޓޯނިއާ އާ އެކުގައިކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ރައީސް ވިދާޅުވީ ހުކުރު ދުވަހުގެ ރޭ ފަށާ މޯލްޑިވްސް ޑިޖިޓަލް ޓްރާންސްފޯމޭޝަން ސަމިޓަކީ މީގެ ފެށުން ކަމަށާއި، އެސްޓޯނިއާ ޑިޖިޓަލައިޒްކުރުމުގެ މަސައްކަތުގެ އެއް ބާނީ ހިމެނިވަޑައިގަންނަވާހެން އެސްޓޯނިއާގެ މާހިރުންގެ ޓީމެއްވެސް އެ ކޮންފަރަންސްގައި ބައިވެރިވެވަޑައިގަންނަވާނޭކަމަށެވެ.

ދިވެހިރާއްޖެ 2.0 ގެ ތަސައްވުރު ޙަޤީޤަތަކަށް ހެއްދެވުމަށް ބޭނުންފުޅުވަނީ، ކުރު ރާސްތާއެއްގައިކަމަށް ރައީސް ވިދާޅުވިއެވެ. މި ސަރުކާރުން މަސައްކަތްކުރައްވަނީ، އެސްޓޯނިއާއިން ފަންސަވީސް އަހަރުން ކުރި ކަންތައް، ހަތަރު އަހަރުން ކުރެވޭތޯ ކަމަށާއި، އެސްޓޯނިއާގެ ތަޖުރިބާއިން ދަރިވަރުވެގެން އެކަން ޙާޞިލުކުރެވޭނޭ ކަމަށް ޚުދު އެސްޓޯނިއާއާގެ ކަމާބެހޭ ފަރާތްތަކުންވެސް ޤަބޫލުކުރާކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

Advertisement
Advertisement

އަދި މި ފަދަ ބޮޑެތި ބަދަލުތައް ގެނެވޭނީ ބަދަލުތައް ބަލައިގަންނަ މިންވަރަކުންކަން ފާހަގަކުރައްވައި، ރައީސް ވިދާޅުވީ ބިޔަ މަޝްރޫޢުގެ ތެރެއިން "ޗޭންޖް މެނޭޖްމަންޓް" ނުވަތަ ބަދަލުތައް އިންތިޒާމުކޮށް ބެލެހެއްޓުން މުހިއްމު ކަމަށެވެ. 2030 ވަނަ އަހަރު އަންނަ އިރު ދިވެހި ޤައުމީ އުފެއްދުންތެރިކަމުގެ 15 އިންސައްތަ އަކީ ޑިޖިޓަލް އިޤްތިޞާދަށް ބަރޯސާވާ މިންވަރަކަށް ހެދުމަށް ކުރައްވާ އުންމީދު، މިއަދުގެ ޕޮޑްކާސްޓުގައިވެސް ރައީސް ވަނީ ތަކުރާރުކުރައްވާފައެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement