
އެވަރޓަން ބަލިކޮށް, ޗެލްސީން ޗެމްޕިއަންސް ލީގުގެ އުއްމީދު އާކޮށްފި
އިނގިރޭސި ޕްރިމިއަރ ލީގުގައި ހޮނިހިރު ދުވަހު 1-0 ން އެވަރޓަން ބަލިކޮށް, އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގުގެ ޖާގައެއް ކަށަވަރުކުރުމުގެ އުއްމީދު ޗެލްސީން އާކޮށްފިއެވެ.
ޕްރިމިއަރ ލީގުގެ ގަދަ ފަސްޓީމަށް އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގުން ޖާގަ ލިބޭއިރު, މިއަދުގެ މޮޅާއެކު ޗެލްސީ މިހާރުއޮތީ 60 ޕޮއިންޓާއެކު ތާވަލްގެ ފަސް ވަނައިގައެވެ. ޗެލްސީއަށްވުރެ އެއްމެޗު މަދުންކުޅެ ނޮޓިންހަމް ފޮރެސްޓް ހަވަނައިގައި އޮތީވެސް 60 ޕޮއިންޓާއެކުއެވެ. ހަތަރު ވަނައިގައި މެންޗެސްޓަރ ސިޓީ 61 ޕޮއިންޓާއެކުއެވެ.
އެންޒޯ ފެނާންޑޭޒް ތަނަވަސްކޮށްދިން ފުރުޞަތުގައި މެޗުގެ ހަމައެކަނި ގޯލް ކާމިޔާބުކުރީ ނިކޮލަސް ޖެކްސަންއެވެ. މެޗުގެ 27 ވަނަ މިނިޓްގައި ގޯލްގެ ތިރީ ކަނަށް ޖެކްސަން ފޮނުވާލި ބޯޅަ އަކީ ހަތަރު މަސްދުވަހުގެ ތެރޭގައި އޭނާ ކާމިޔާބުކުރި ފުރަތަމަ ގޯލެވެ.
ޗެލްސީގެ ދަނޑުގައި ކުޅުނު މިމެޗުގައި އެވަރޓަންގެ ފަރާތުން މޮޅު ޑިފެންސިވް ގޭމެއް ވަނީ ފެނިގެން ގޮސްފައެވެ. ނަމަވެސް ޗެލްސީންވެސް ވަނީ މެޗުގައި ރަނގަޅު ޝޮޓްތަކެއް ހަދާ, އިތުރުގޯލެއް ކާމިޔާބު ކުރެވޭތޯ މަސައްކަތްކޮށްފައެވެ. ޗެލްސީގެ ހަމަލާތައް ނާކާމިޔާބުކޮށްލުމުގައި އެވަރޓަންގެ ގޯލް ކީޕަރު ޖޯޑަން ފިކްޕޯޑްވެސް ވަނީ މުހިއްމު ދައުރެއް އަދާކޮށްފައެވެ.
އެއް މެގެ ސަސްޕެންޝަނެއްގައި ހުރި ޗެލްސީގެ ހެޑް ކޯޗު, އެންޒޯ މަރެސްކާ މެޗު ބެލީ ޕްރެސް ބޮކްސްއިންނެވެ.
ރިއެކްޝަންސް






