
ސީޕީ އިސްތިއުފާ ދެއްވައިފި
އިސްތިއުފާ ރައީސުލްޖުމްހޫރިއްޔާ ވަނީ ޤަބޫލުކުރައްވާފަ
ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާއު އިސްތިއުފާ ދެއްވައިފިއެވެ. އެކަން ސަރުކާރުން މިހާރު ވަނީ ކަށަވަރުކޮށްދެއްވާފައެވެ.
ސަރުކާރުގެ ތަރުޖަމާނު ހީނާ ވަލީދޫ އެކްސްގައި ވިދާޅުވީ ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާޢު މަޤާމުގެ އިސްތިޢުފާ ހުށައެޅުއްވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އިސްތިޢުފާ ޤަބޫލުފުޅު ކުރައްވައިފި ކަމަށެވެ.
ސީޕީގެ މަޤާމުން އަލީ ޝުޖާއު އިސްތިއުފާ ދެއްވާފައި މިވަނީ ގެއެއްގެ 9 ވަނަ ފަންގިފިލާއިން 19 އަހަރުގެ ޔުމްނު ރަޝީދު ވެއްޓުނު މައްސަލައިގެ ތަހުގީގާ ގުޅިގެން ފާޑުކިއުންތައް އަމާޒުވެ, ޒުވާނުން މަގުމައްޗަށް ނިކުމެ ސިލްސިލާ އެއްވުންތަކެއް ބާއްވަން ފަށާފައި ވަނިކޮށެވެ.
ޒުވާނުންގެ އެއްވުންތަކުގެ އެއް ޑިމާންޑަކީ ޕޮލިސް ކޮމިޝަނަރާއި ހޯމް މިނިސްޓަރ އަލީ އިހުސާނާއި, ޓްރާންސްޕޯޓް މިނިސްޓަރ މުޙައްމަދު އަމީން އިސްތިއުފާ ދެއްވުމެވެ. ނަމަވެސް ދެ ވަޒީރުން ވަނީ އިސްތިއުފާ ދެއްވަން ނުޖެހޭ ކަމަށް ވިދާޅުވެފައެވެ.
ސީޕީ އިސްތިއުފާ ދެއްވީ ސީދާ އެކަމާ ގުޅިގެން ކަން ސާފެއް ނޫނެވެ. އެމައްސަލާގައި އެންމެ ފަހުން ނޫސްވެރިންނާ ބައްދަލުކުރެއްވީވެސް ސީދާ ސީޕީ އެވެ. އެދުވަހު ވިދާޅުވީ މައްސަލައިގެ ތަހުގީގު ފުރިހަމަކުރަން ފުލުހުންނަށް ވަގުތު ދޭން ޖެހޭނެ ކަމަށެވެ. އަދި އެމައްސަލައިގެ ތަހުގީގު ވަކިގޮތަކަށް ގެންދަން މަސައްކަތް ނުކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވިއެވެ. ފުލުހުންގެ ހުރިހާ ވަސީލަތްތަކާއި, ބޭރުން އެހީ ހޯދަން ޖެހިއްޖެ ނަމަ އެކަންވެސް ކުރައްވައިގެން ތަހުގީގު ކުރިއަށް ގެންދަވާނެ ކަމުގެ ޔަގީންކަން ދެއްވިއެވެ.
އަލީ ޝުޖާއު ކޮމިޝަނަރ އޮފް ޕޮލިސްގެ މަގާމަށް އައްޔަން ކުރެއްވީ މިސަރުކާރުން ރައީސް ޑރ.މުޙައްމަދު މުއިއްޒު އެވެ.
ރިއެކްޝަންސް






