
އޭޖީގެ ވަރުގަދަ ރަށްދެއް އަލީ ހުސައިން އަށް!
ސްޕްރީމް ކޯޓްގެ އަމުރާ ބަންޑާރަނައިބު ހިލާފްވެފައިވާ ކަމަށް ބުނެ ފިޔަވަޅު އަޅައިދޭން ރައްޔިތުންގެ މަޖިލިހުގެ ކެންދޫ ދާއިރާގެ ކުރީގެ މެމްބަރު އަލީ ހުސައިން ސްޕްރީމް ކޯޓްގައި އެދުމުން, ބަންޑާރަނައިބު އަހުމަދު އުޝާމް މިއަދު ވަރުގަދަ ރައްދެއް ދެއްވައިފިއެވެ.
އަލީ ހުސައިން ސްޕްރީމް ކޯޓަށް ސިޓީ ފޮނުއްވާ އެކަން ސޯޝަލް މީޑިޔާގައި ހިއްސާކުރެއްވުމުން އެޕޯސްޓް ރިޓްވީޓް ކުރައްވާ ބަންޑާރަނައިބު ވިދާޅުވީ އަލީ ހުސައިން ހައްދަވަނީ ފާޅުގައި ފެންނަން ހުންނަ ކަންތައްތަކުގައިވެސް ދޮގު ކަމަށެވެ.
" ތިކުރާ ކަންތައްތަކަކީ ކޮންމެ ސަބަބަކާ ގުޅިގެން ކުރާ ކަންތަކެއް ނަމަވެސް ފާޅުގަ ފެންނަން ހުންނަ ކަންކަމުގަވެސް ތިވަރަށް ދޮގު ހަދައި އޮޅުވާލުމަކީ ތިމާމީހާގެ ނިޔަތް ސާފުވެގެންދާ ކަމެއް." ބަންދާރަނައިބު ވިދާޅުވިއެވެ.
ބަންޑާރަނައިބު ވިދާޅުވީ ސްޕްރީމް ކޯޓްގައި އޮތް, ދައުލަތުން ޖަވާބުދާރީވާން ޖެހޭ މައްސަލާގައި ސުޕްރީމް ކޯޓުން ދެއްވާފައިވަނީ ރަސްމީ 10 ދުވަހުގެ މުއްދަތެއް ކަމަށެވެ. އެމުއްދަތުގެ ތެރޭގައި އޭޖީ އޮފީހުން ކުރަންޖެހޭ ކަންކަން ކޮށްފައިވާކަމުގެ ޔަގީންކަން ބަންޑާރަނައިބު ދެއްވިއެވެ. ބަންޑާރަނައިބު ވިދާޅުވީ އެމުއްދަތު ހަމަވަނީ 28 ފެބްރުއަރީ 2025 އަށްވެސް ނޫން ކަމަށެވެ.
ރަސްމީ ދުވަސް ގުނަންޖެހޭ ގޮތް އަލީ ހުސައިންއަށްވެސް އެނގިވަޑައިގަންނަވާނެ ކަމަށް ބަންޑާރަނައިބު ވިދާޅުވިއެވެ. އެފަދައިން ވިދާޅުވީ ދައުލަތުން ޖަވާބުދާރީވާން ޖެހޭ މުއްދަތު ހަމަވަނީ ފެބްރުއަރީ 28 ވަނަ ދުވަހުގެ ނިޔަލަށް ކަމަށް އަލީ ހުސައިން ވިދާޅުވެފައިވާތީއެވެ.
ބަންޑާރަނައިބު އުޝާމް ވިދާޅުވީ މިބަރަކާތްތެރި ރަމަޟާން މަހު ދޮގު ވާހަކަތައް ފަތުރައި، ފިތުނަފަސާދަ އުފެއްދުމަށް މަސައްކަތްކުރުމުގެ ބަދަލުގައި ކޮންމެވެސް ހެޔޮ އަމަލެއް ކުރުމުގައި ޝާމިލްވުމަށް ނަސޭހަތްތެރިވާ ކަމަށެވެ.
ސްޕްރީމް ކޯޓްގައި އޮތް މައްސަލައަކީ ރައްޔިތުންގެ މަޖިލިހުގެ މެމްބަރުން ޕާޓީން ވަކިވެއްޖެ ނަމަ ނުވަތަ ވަކިކޮށްފިނަމަ ގޮނޑި ގެއްލޭގޮތަށް ޤާނޫނު އަސާސީއަށް ގެނައި އިސްލާހުގެ މައްސަލައެވެ. އެމައްސަލަ ބެލޭނެ ކަމަށް ސްޕްރީމް ކޯޓުން ކަނޑައަޅާފައި ވަނިކޮށް, ތިން ފަނޑިޔާރުން ސަސްޕެންޑް ކުރުމުން މައްސަލަ ކުރިއަކަށް ނުދެއެވެ.
ރިއެކްޝަންސް






