
މިއަހަރު އިޙްޔާ ފޯރަމް މިރޭ ފެށޭނެ، މާލޭގައި ޑރ. ޝަހީމް
އިސްލާމިކް މިނިސްޓްރީން އިންތިޒާމްކޮށްގެން ބާއްވާ އިހްޔާ ފޯރަމް ސިލްސިލާގެ މިއަހަރުގެ ފުރަތަމަ ފޯރަމް މިރޭ އޮންނާނެކަން އިސްލާމިކް މިނިސްޓްރީން އިއުލާނުކޮށްފިއެވެ. މި އަހަރު މާލެ ފިޔަވާ ރާއްޖެގެ އިތުރު ހަތް ރަށެއްގައި ފޯރަމް ކުރިއަށްގެންދަން ވަނީ ނިންމާފައެވެ.
އެގޮތުން މާލޭގައި ބާއްވާ ފޯރަމްގައި ތަގުރީރު ކުރައްވާނީ މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުއެވެ. ފޯރަމް ފެށުމަށް ހަމަޖެހިފައިވަނީ މިރޭ 9:30 ގައެވެ.
މިއަހަރު މާލޭގައި 8 އިޙްޔާ ފޯރަމް ބާއްވަން ވަނީ ނިންމާފައެވެ. މާލޭގެ އިތުރުން ދެން އިޙްޔާ ފޯރަމްތައް ކުރިއަށް ގެންދިއުމަށް އިސްލާމިކް މިނިސްޓްރީން ހަމަޖައްސަވާފައިވާ ރަށްތަކަކީ ގދ. ގައްދޫ، ފުވައްމުލައް ސިޓީ، ހދ. ނައިވާދޫ، ނ. މަނަދޫ، ހއ. ބާރަށް، ރ. މީދޫ އަދި ތ. ގުރައިދޫއެވެ.
މިއަހަރު މާލޭގައި ބާއްވާ ފޯރަމްތަކުގައި ތަޤުރީރު ކުރެއްވުމަށް ހަމަޖެހިފައިވަނީ ޑރ. ޢަބްދުއްސައްތާރު ޢަބްދުއްރަޙްމާން، ފަޟީލަތުއްޝައިޚް އަޙްމަދު ސަމީރު އިބްރާހީމް ޙުސައިން، އައްޝައިޚް މުޙައްމަދު ޤުބާދު އަބޫބަކުރު، ފަޟީލަތުއްޝައިޚް މުޙައްމަދު ލަޠީފު، ޑރ. މޫސާ ޢަންވަރު ޙަސަން، ޑރ. އަނާރާ ނަޢީމު އަދި ޑރ. ޢަލީ ޒާހިރު ބިން ސަޢީދު ޤާޞިމްއެވެ.
އަތޮޅުތެރޭގައި ބާއްވާ ފޯރަމްތަކުގައި ތަޤުރީރު ކުރެއްވުމަށް ހަމަޖެހިފައިވަނީ އައްޝައިހް އަބްދުﷲ ސައުދާން، އައްޝައިހް މުހައްމަދު ފިރުޒުލް އަބްދުﷲ ހަލީލް، އައްޝައިހް އަލީ ޝަހީދު، އައްޝައިހް ނިމާލު މުހައްމަދު، އަލްއުސްތާޒު އުސާމް މުހައްމަދު ސައީދު، އައްޝައިހް އާޒިމް ހާލިދު އަދި އައްޝައިހް އިމްތިތާއު އައްބާސްއެވެ.
މީގެއިތުރުން، ސްކޫލް ދަރިވަރުންގެ އިޙްޔާ ފޯރަމްތައް ކޮންމެ ހޯމަ އަދި ބުދަ ދުވަހުގެ ރޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން މައުލޫމާތުދެއްވިއެވެ.
ރިއެކްޝަންސް






