
އަބާރުނަ ޖަމްޢިއްޔާއާއި ގާބެ އިންސްޓިޓިއުޓް ގުޅިގެން މަސައްކަތް ކުރުމަށް އެމް.އޯ.ޔޫއެއްގައި ސޮއި ކޮށްފި
އަބާރުނަ ޖަމްޢިއްޔާއިން ހިންގާ ހޭލުންތެރިކުރުމުގެ އެކި ޕްރޮގްރާމްތަކަށް އެއްބާރުލުން ދިނުމުގެ ފަހުމުނާމާއެއްގައި ގާބެ އިންސްޓިޓިއުޓާއި އަބާރުނަ ޖަމްޢިއްޔާއިން މިއަދު ސޮއި ކޮށްފައިވާ ކަމަށް އެ ޖަމްއިއްޔާއިން ވިދާޅުވެއްޖެއެވެ.
މިއަދު ހެނދުނު ގާބެ އިންސްޓިޓިއުޓުގައި ބޭއްވި ރަސްމިއްޔާތެއްގައި މި ފަހުމުނާމާގައި އަބާރުނަ ޖަމްޢިއްޔާގެ ފަރާތުން ސޮއިކުރެއްވީ އެ ޖަމްޢިއްޔާގެ ކޯފައުންޑަރ އަޙްމަދު މަޢުރޫފުއެވެ.
ގާބެ އިންސްޓިޓިއުޓްގެ ފަރާތުން ސޮއި ކުރެއްވީ އެ އިންސްޓިޓިއުޓްގެ ޗެއާމަން އަދި ރާއްޖެއަށް މަޝްހޫރު އެސް.އެސް.ސީ އިސްލާ ސަރ، ގާސިމް މުޙައްމަދު ގާބެ ސަރ އެވެ.
އަބާރުނަ ޖަމްޢިއްޔާއިން ވިދާޅުވީ މި ފަހުމުނާމާއަކީ އަބާރުނަ ޖަމްޢިއްޔާއިން ހިންގާ ތަފާތު އެކިއެކި ހޭލުންތެރި ކުރުމުގެ ޕްރޮގްރާމް ތަކަކީ ޢިލްމީ ގޮތުން ރަނގަޅު ފެންވަރުގެ ޕްރޮގްރާމްތަކަކަށް ހެދުމުގެ ގޮތުން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން ގާބެ އިންސްޓިޓިއުޓާ ދެމެދު ވެވުނު ފަހުމުނާމާއެއް ކަމަށެވެ.
އެ ޖަމްޢިއްޔާއިން ވިދާޅުވި ގޮތުގައި މި ފަހުމުނާމާގެ ދަށުން އަބާރުނަ ޖަމްޢިއްޔާއިން ފުވައްމުލަކުގެ ސްކޫލްތަކުގެ ދަރިވަރުންނަށާއި ކުޑަކުދިންނަށް ހިންގަން ރާވާފައިވާ ހޭލުންތެރި ކުރުމުގެ ސެޝަންތައް ކުރިއަށް ގެންދިއުމުގައި ގާބެ އިންސްޓިޓިއުޓުން އިސްދައުރެއް އަދާކުރާނެއެވެ.
އަބާރުނަ ޖަމްޢިއްޔާއަކީ ފުވައްމުލަކުގައި އަންހެނުންނާއި ކުޑަކުދިންނާއި ޒުވާނުން ބާރުވެރިކުރުވުމާއި، އެކި ދާއިރާތަކުން މުޖުތަމަޢު ހޭލުންތެރިކުރުވުމާއި، އަދި އިޖްތިމާޢީ ތަރައްޤީއަށް މަސައްކަތްކުރުމަށް މިދިޔަ އަހަރު ފަހުކޮޅު ރަޖިސްޓަރީ ކޮށްފައިވާ ޖަމްޢިއްޔާއެއް ކަމަށް އެޖަމްޢިއްޔާއިން މައުލޫމާތު ދެއްވިއެވެ.
ގާބެ އިންސްޓިޓިއުޓަކީ ތައުލީމީ ދާއިރާއިން ގާބިލް ހުނަރުވެރި ދަރިވަރުންތަކެއް އުފެއްދުމަށްޓަކައި އުފައްދާފައިވާ އިންސްޓިޓިއުޓެކެވެ. އެ އިންސްޓިޓިއުޓް ނިސްބަތްވާ ގާސިމް މުޙައްމަދު ނުވަތަ އެސް.އެސް.ސީ އިސްލާމް، ގާބެ ސަރ އަކީ މުޅި ރައްޖެއަށް މަޝްހޫރު ހުނަރުވެރި މުދައްރިސެކެވެ.
ރިއެކްޝަންސް






