ދިވެހިންގެ އަޅާލުމާއި އޯގާތެރިކަން ފެނި ފަތުރުވެރިއަކު އިސްލާމްދީން ޤަބޫލުކޮށްފި
ދިވެހިރާއްޖެ އަށް އައި ފަތުރުވެރިއަކު ދިވެހިރާއްޖޭގައި ކުރި ތަޖުރިބާއަކަށްފަހު އިސްލާމްދީން ޤަބޫލުކޮށްފިއެވެ. އިޓަލީގެ އެ ފަތުރުވެރިޔާ ފޭސްބުކް ގުރޫޕެއްގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ އޭނާއާއި އޭނާގެ ބައިވެރިޔާ ސްނޯކްލިންގ އަށް ދިޔައީ ކުޑަކޮށް މޫސުމް ގޯސް ދުވަހެއްގައި ކަމަށެވެ. އެދުވަހު އޭނާގެ ބައިވެރިޔާގެ ފޯނު ފަރުމައްޗަށް ގެއްލުނު ކަމަށާއި, އެހިސާބުން އެ ފޯނު އޭގައި ރައްކާކޮށްފައިހުރި އެ ދެ މީހުންގެ ހަނދާންތަކާއެކު ގެއްލިގެން ދިޔައީކަމުގައި އޭނާއަށް ޤަބޫލުކުރެވުނު ކަމުގައެވެ.
"އަހަރެމެންނަށް މާ އަގުބޮޑު ރިސޯޓެއްގައި ތިބެވެން ނެތުމުން އަހަރެމެންތިބީ މީހުން ދިރިއުޅޭ ރަށެއްގަ. ފޯނު ގެއްލުމާއެކު އަހަރެންގެ ބައިވެރިޔާ ވަރަށް ދެރަވި. އެއީ ފޯނުގައި ހުރި އަހަރެމެންގެ ހަދާންތައް ބެކަޕްވެސް ނުކޮށް ހުރީމަ" ޕޯސްޓްގައި އޭނާ ބުނެފައި ވެއެވެ.
ނަމަވެސް އޭނާގެ ބައިވެރިޔާ ރަށުގެ މީހެއްގެ ކައިރީގައި އެވާހަކަ ބުނުމުން އޭނާ އާއި އޭނާގެ އެކުވެރިން އެ ފޯނު ހޯދުމަށް ފީނަންގޮސް ގިނަ އިރުތަކެއް ހޭދަކުރިކަމަށާއި އެނބުރި އައީ ފަރުމަތިން ފޯނު ހޯދައިގެން ކަމުގައި އޭނާ ބުނެފައި ވެއެވެ. އެމީހުން ދިއުމުގެ ކުރިން އެކަން ކުރަން އުޅުމަކީ ބޭކާރު މަސައްކަތަކަށް ވެދާނެތީ އެކަމުގައި ވަރުބަލިނުވުމަށް އެމީހުން ކައިރީ ބުނި ކަމަށްވެސް ފަތުރުވެރިޔާ ބުނެފައި ވެއެވެ.
ފޯނު އަނބުރާ ލިބުނު އިރު އެއްވެސް ގެއްލުމެއް ލިބިފައި ނުވާކަމަށާއި, އެއީ ފެން ނޭޅޭ ކަވަރަކަށް ފޯނު ލާފައި އޮތުމުންނާއި އެކު އެކަމުގައި އެމީހުންގެ ހަލުވި މަސައްކަތުންކަން އޭނާ ފާހަގަކޮށްފައި ވެއެވެ.
"ދިވެހިންގެ މި ހިތްހެޔޮ އަމަލާއެކު އަހަރެން ހައިރާންވި. އަހަރެން އެހިން ކަލޭމެން އެހާ ރަނގަޅީ މުސްލިމުންނަށް ވީމަހޭ! އެހެންކަމަށްވާނަމަ އަހަރެންވެސް އިސްލާމްވާން ބޭނުމޭ" އޭނާގެ ދަތުރު ދިގުކޮށް ކުރިއަށް އޮތް ފަސް ދުވަސްތެރޭ ވެރިރަށް މާލެއަށް ދާނެ ކަމަށާއި މުސްލިމެއްގެ ގޮތުގައި ރަޖިސްޓްރީން ވާންޖެހެނީ ކޮންތާކުތޯ އޭނާ ސުވާލުކޮށްފައި ވެއެވެ.
އަދި އެހެން ރަނގަޅު ޒުވާނަކު މެދުވެރިވެގެން އޭނާ ޝެއިޙްއަކާ ބައްދަލު ކުރުވި ކަމަށާއި ނަމާދު ވަގުތު ނިމުމަށްފަހު ޝެއިޙް އާއެކު އިސްލާމްދީނާބެހޭގޮތުން މައުލޫމާތު އޮޅުންފިލުވިކަމަށް އޭނާ ބުނެފައި ވެއެވެ. އިސްލާމް ދީނުގެ އަސާސްތަކާއި ދީނުގައި ކަން އޮންނަ ގޮތް ޝެއިޙް އޮޅުންފިލުވައިދިންކަމަށްވެސް އޭނާ ބުނެފައި ވެއެވެ.
"ނަމާދާއި ރޯދަ ހިފާނެގޮތާއި އަދި ޒަކާތް ދިނުމާގުޅޭ އިސްލާމްދީނުގެ ރުކުންތައް އޮޅުންފިލުވައިދޭ ވީޑިއޯތައް އަހަންނަށް އެމީހުން ހިއްސާކުރި. އަހަރެން ޝަހާދަތުގެ ދެކަލިމަ ކިޔައިފިން" އަހަންނަކީ މިހާރު ރަސްމީކޮށް މުސްލިމެއް" އޭނާގެ ޕޯސްޓް ނިންމާލަމުން ބުނެފައި ވެއެވެ.
ރިއެކްޝަންސް