ސެޓެލައިޓް ފޮޓޯ: އުތުރު ޣައްޒާގައި 'ސްޓަރ އޮފް ޑޭވިޑް' ކަނޑާނަގާ އިޒްރާއިލްގެ ސިއްކަ ޖަހާފައިވާ މަންޒަރު
މިއީ އެންމެ ފަހުން ދޫކޮށްލާފައިވާ ސެޓެލައިޓް ފޮޓޯގެ މަންޒަރެކެވެ. މަތިން ފެންނަ އުތުރު ޣައްޒާގެ ބެއިތް ޙަނޫންގެ ދަނޑުބިމެއްގައި ބޮޑުކޮށް 'ސްޓަރ އޮފް ޑޭވިޑް' ކަނޑާނަގާފައިވާ މަންޒަރެވެ.
މިއީ ޔަހޫދީންނާއި އިޒްރާއިލް ދައުލަތުގެ ނިޝާނެވެ. މާނައަކީ އުތުރު ޣައްޒާގެ ބެއިތް ހަނޫންގައި ކަނޑާނަގާފައިވާ މި ނިޝާނާއެކު ރަސްމީކޮށް އެއީ އިޒްރާއިލްގެ ބިމެއްކަމަށް އެމީހުން ސިއްކަ ޖެހުމެވެ.
އިޒްރާއިލްއިން 2023 އޮކްޓޯބަރު މަހު ޣައްޒާގައި ފެށި ނަސްލުނައްތާލުމާއި ބިން ފޭރުމުގެ ބިޔަ ހީލަތްތެރި މަސައްކަތުގައި މުޅި އުތުރު ޣައްޒާ އެމީހުންގެ ފުރިހަމަ ބާރުގެ ދަށަށް ގެނައެވެ.
'ސްޓަރ އޮފް ޑޭވިޑްގެ ކައިރީގައި 7979 މިއަދަދު ފެންނަން ހުއްޓެވެ. މިއީ އިޒްރާއިލްގެ އަސްކަރިއްޔާގެ 97ވަނަ ނެޓްޒަން ޔަހޫދާ ބެޓާލިއަންގެ ނަންބަރެވެ. ނެޓްޒަން ޔަހޫދާ ބެޓާލިއަން އަކީ ފާއިތުވި ޖެނުއަރީ މަހު ހިޞާރުކޮށްފައިވާ ހުޅަނގު އައްސޭރިން އުތުރު ޣައްޒާގެ ބެއިތް ޙަނޫން އަށް ފޮނުވާފައިވާ އަސްކަރިއްޔާގެ އޯތޮޑޮކްސް ޔުނިޓެކެވެ.
މި ޔުނިޓް ބެއިތް ޙަނޫން އަށް ފޮނުވުމުގެ ކުރިން ހުޅަނގު އައްސޭރީގައި ހަނގުރާމައިގެ އެތައް ޖަރީމާއެއް ހިންގާފައި ވެއެވެ. އޭގެ ތެރޭގައި އިންސާނިއްޔަތާއި ޚިލާފް އެތައްޖަރީމާއއް ހިންގާ, ފަލަޞްޠީނުގެ އާންމުންގެ އެތައް ބަޔަކު މެރުމާއި އިޒްރާއިލްގެ ޖަލުތަކުގައި ތިބި ފަލަޞްޠީނުގެ ރައްޔިތުންނަށް ޖިންސީ އަނިޔާކުރުންވެސް ހިމެނެއެވެ.
'ސްޓަރ އޮފް ޑޭވިޑް އަކީ މިގޮތަށް އިޒްރާއިލްގެ އަސްކަރިއްޔާއިން ދޫކޮށްލި ފުރަތަމަ ނިޝާނެއް ނޫނެވެ. ޣައްޒާގެ އެކި ސަރަހައްދުތަކުގައި ޔަހޫދީންގެ ހަނުއްކާ ފާހަގަކުރަން ބޭނުންކުރާ އުއްބައްތީގެ ތަސްވީރުތަކާއި އެނޫންވެސް އެފަދަ ޔަހޫދީންގެ ދިނާ ގުޅޭ ރަމްޒުތައް ކުރަހާފައި ވެއެވެ.
"މި ގޮތަށް ކަނޑާނެގުމަކީ އަމިއްލަ ކުރުމުގެ އަމަލެއް. އެއީ އެމީހުންގެ ބަޔަކަށް އެތަން ހެދުން" އެ ނިޝާނާ ގުޅެގޮތުން ވާހަކަދެއްކި ކްރިއޭޓިވް ސެމިއޯޓިކްސްގެ ޑިރެކްޓަރ ކްރިސް އާނިންގް ވިދާޅުވިއެވެ. އޭނާ އިތުރަށް ބުނީ އެއީ އެބިމަކީ އެމިހުންގެ މިލްކެއްކަން ދެއްކުމުގެ އަމަލެއް ކަމެވެ.
ބެއިތް ޙަނޫންގެ ބިމުގައި ސްޓަރ އޮފް ޑޭވިޑް ކަނޑާނެގުމުގެ އަމަލަކީ 'ސިމްބޮލިކް ވަޔަލެންސް' ގެ އަމަލަކަށް ވެދާނެކަމަށް އޭނާ ޤަބޫލުކުރެއެވެ.
ރިއެކްޝަންސް