
ލޯންގް ވޯކް ހޯމް: އުތުރު ޣައްޒާއަށް ދިއުމަށް ފަލަޞްޠީނުގެ ރައްޔިތުން ފައިމަގުގައި
ނެޓްޒަރިމް ކޮރިޑޯ ހުރަސްކޮށް އެތައްހާސް ރައްޔިތުންވަނީ އުތުރު ޣައްޒާއަށް އެތެރެވެފައި
ސުންނާފަތިވެފައިވާ އުތުރު ޣައްޒާގައި ހުރި އަމިއްލަ ގެދޮރަށް ދިއުމަށް ފަލަޞްޠީނުގެ ރައްޔިތުން ދަތުރުފަށައިފިއެވެ. މިއީ އިޒްރާއިލްއިން 15 މަސްދުވަސްވަންދެން ޣައްޒާގައި ހިންގި ޤަތުލްއާންމަށްފަހު އެމީހުންގެ އަމިއްލަ ގެދޮރަށް ދާ ފުރަތަމަ ފަހަރެވެ.
ހަމާސް އާއި އިޒްރާއިލްއާ ދެމެދު އުފެދިފައިވާ ޚިލާފެއްގައި އުތުރުގެ ރައްޔިތުން އެނބުރި ވަޒަނަށްދިއުން ދެ ދުވަހަށްވަނީ ލަސްވެފައެވެ. އެއީ މީގެ ހަފުތާއެއް ކުރިން މެދުކަނޑާލި ހަމަލާތައް ހުއްޓާލުމަށްވީ އެއްބަސްވުމާ އެއްގޮތަށް އަސީރަކު މިނިވަންކޮށްފައި ނުވާތީ ކަމުގައި އިޒްރާއިލްއިން ވަނީ ބުނެފައެވެ.
ނަމަވެސް ހޯމަ ދުވަހު ހެނދުނުން ފެށިގެން ވަނީ ފަލަޞްޠީނުގެ ރައްޔިތުން އެނބުރި އެމީހުންގެ ވަޒަނަށް ދިއުމަށް ދިއުމަށް ހުއްދަދީފައެވެ. ކޯސްޓަލް އަލް ރާޝިދު މަގުން ހެނދުނު 7 ޖެހީއްސުރެ ޣައްޒާގެ ރައްޔިތުން އެމީހުންގެ މަދު ސާމާނުތައް ކޮތަޅުތަކަށާއި ގޯނިތަކަށް އަޅައިގެން ފައިމަގުގައި އެމީހުން އެދަނީ އެމީހުންގެ ގެދޮރުން ބާކީ ސަލާމަތުން އެއްމެ ގަލެއްވެސް އިންނާނެ ކަމުގެ އުއްމީދުގައެއް ނޫނެވެ. އަދި އާއިލާގެ މީހުން ދިރިތިއްބާ އަލުން ދިމާވާނެ ކަމަށް އުއްމީދުކޮށްގެނެއް ނޫނެވެ. އެހެންނަމަވެސް އަމިއްލަ ވަޒަނަށް އެނބުރި ދިއުމަކީ ކިހާވަރެއްގެ އުފަލެއްކަން އިޙްސާސް ކުރެވޭނީ އެކަމުން މަޙްރޫމްވެފައިވާ ބަޔަކަށެވެ.
ފާއިތުވެދިޔަ ދިގު މަސްތަކުގައި ޣައްޒާގެ ރައްޔިތުންނަށް އުތުރު ޣައްޒާ ދޫކޮށްދާން އިޒްރާއިލްއިން ކުރި މަޖުބޫރާއެކު ދިރިއުޅެމުންދިޔައީ މެދުރެތޭ އަދި ދެކުނު ޣައްޒާގައެވެ. އެއްބަޔަކު ޓެންޓްތަކުގައި ދިރިއުޅެމުން ދިޔަ އިރު އަނެއްބަޔަކު ދިރިއުޅެމުންދިޔައީ ސްކޫލްތަކުގައެވެ.
ނަމަވެސް ހަމަލާތައް ހުއްޓާލުމާއެކު އެމީހުންބޭނުންވީ ގާފުނިތަކެއްގޮތަށް ހުރި ނަމަވެސް އެމީހުންގެ ގެދޮރަށް އަނބުރާ ދާށެވެ. އެމީހުންގެ ލުނބޯގަސްތަކާއި ޒައިތޫނި ދަނޑުތައް އޮތްގޮތް އަމިއްލަ ލޮލުން ދެކިލާށެވެ.
ހަމާސްއިން ބުނެފައިވަނީ ޣައްޒާގެ ރައްޔިތުން އެނބުރި ވަޒަނަށްދާން ލިބުމަކީ ފަލަޞްޠީނުގެ ރައްޔިތުންނަށް ލިބުނު ނަޞްރެއް ކަމުގައެވެ. އަދި އެއީ އިޒްރާއިލްއިން ޣައްޒާ އަޅުވެތިކުރަން އެމީހުން ގެންގުޅުނު ޕްލޭނަށް ލިބުނު ނާކާމިޔާބީއެއް ކަމަށްވެސް ހަމާސްއިން ވަނީ އިއުލާނުކޮށްފައެވެ.
2023 އޮކްޓޯބަރުގައި އިޒްރާއިލް އިންވަނީ އުތުރު ޣައްޒާގެ އެންމެހާ ރައްޔިތުން އުތުރު ދޫކޮށް ދިއުމަށް އަމުރުކޮށް މުޅި އުތުރަށް އިޒްރާއިލް އަސްކަރިއްޔާ ވެރިވެގަނެފަވެ. ނެޓްޒަރިމް ކޮރިޑޯގެ ނަމުގައި އުތުރާއި ޣައްޒާގެ އެހެން ސަރަހައްދުތައް ވަކިކޮށް އޭގެ ފަހުން ވަނީ އުތުރުން އެއްވެސް މީހަކަށް ނުނިކުމެވޭ އަދި ނުވަދެވޭ ގޮތަށް އުތުރު ޣައްޒާ, އަސްކަރިއްޔާގެ ބާރުގެ ދަށަށް ގެނެސްފައެވެ.
އުތުރުން ނުނިކުމެ ތިބި 400,000 އެއްހާ ރައްޔިތުންގެ މައްޗަށް ފާއިތުވި ތިންމަހާއި ބައި ވަންދެން އިޒްރާއިލްއިން ވަނީ ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފައެވެ. ކާނާއާއި, ބޯފެނާއި ސިއްހީ ހިދުމަތް ލިބުމުން ރައްޔިތުން މަޙްރޫމްކޮށްފައެވެ. ކަރަންޓާއި މުވާސަލާތީ ޚިދުމަތް އެއްކޮށް ހުއްޓުވާ, ކަނުއަނދިރީގައި އިންސާނީ އެހީތެރިކަން ވެސް ލިބުމުގެ އެންމެހާ މަގުތައް ބަންދުކޮށް ބައިތިއްބާފައެވެ.
ނަސްލުނައްތާލުމުގެ ހަނގުރާމަ ފެށުމާއި އެކު ގާތްގަނޑަކަށް މިލިއަނެއްހާ ރައްޔިތުން ޣައްޒާގެ ދެކުނަށް ބަދަލުވިއެވެ. ބާކީ ތިބި އެންމެން ދެން ޤަބޫލުކޮށްގެންތިބީ އެމީހުން ދޫކޮށްދިޔަ މީހުންނާ ދެން ދުވަހަކުވެސް ބައްދަލު ނުވާނެކަމުގައެވެ. އަދި އުތުރުގައި އެމީހުންގެ ނިމިދިޔުންވެސް ކައިރިވެއްޖެ ކަމުގައެވެ. ނަމަވެސް މަރާލިއަސް, ފަނާކޮށްލިއަސް އެމީހުންގެ އަޒުމަކީ އެމީހުން ގެދޮރާއި ވަޒަން ދޫކޮށް ނުދިއުމެވެ. 1948ގެ ނަކްބާ ތަކުރާރުވިޔަ ނުދިނުމެވެ.
"އަހަރެން އަހަރެންގެ ގެ ގަލަކަށްފަހު ގަލެއް ޖައްސާ, ފާރަކަށްފަހު ފާރެއްޖައްސާ އަލުން ހަދާނަށް. ގާފުނިތައް ސާފުކޮށް މުޅި އުތުރު ޣައްޒާ އަލުން އާބާދުކުރާނަން" ދެކުނަށް ބަދަލުވާން މަޖުބޫރުވި އުތުރު ޣައްޒާގެ ރައްޔިތަކު އަލްޖަޒީރާއަށް ބުނެފައި ވެއެވެ.
އިންތިހާއަށް އުފާވެފައި ތިބި ފަލަޞްޠީނުގެ އެތައްބަޔަކު ވަނީ މީޑިއާއަށް އެމީހުންގެ އުފާވެރި އިޙްސާސްތައް ބަންޑުންކޮށްލާފައެވެ.
"އެންމެންގެ މޫނުމަތިން ފެނުނި އުފާވެރިކަން. އަހަރެން ނުދެކެން ފާއިތުވެދިޔަ 15 މަސްދުވަހުގެ ތެރޭގައިވެސް މީހުން މިހާ އުފާވެފައި ތިއްބައެއް. މިއީ ތާރީޙީ ވަގުތުކޮޅެއް. ގެދޮރަށް އެނބުރިދާން ހުއްދަލިބުނު ވަގުތުކޮޅު. މިއީ ހަމަލާތައް ހުއްޓާލިކަން އިއުލާނު ކުރި ކަހަލަ ވަގުތުކޮޅެއް" ޒުވާނަލު އަލްޖަޒީރާއަށް ބުނެފައިވެއެވެ.
އޭނާ އިތުރަށް ބުނެފައިވަނީ މިވަގުތު ކުރެވޭ އިޙްސާސް ބުނެދޭން ނޭނގޭ ކަމަށާއި މިއީ އެމީހުންނަށް އީދެއް ކަމަށެވެ. އެމީހުން އަލުން ދިރި ސުވަރުގެއަށް ދެވޭކަހަލަ އިޙްސާސެއް މިއަދު އެބަކުރުވާ ކަމުގައި ވެސް އޭނާ އުފަލުން ރޮވިފައި ހުރެ ބުންޏެވެ.
"އަހަރެންގެ އެބައޮތް މެސެޖެއް. އަހަރެމެން ފަލަޞްތީނުގެ މީހުންނަކީ މިބިމުގެ ހަޤީގީ ހައްޤުވެރިން. އަހަރެމެން މިބިމުން ދުވަހަކުވެސް ނުފައިބާނަން. އަހަރެމެން އަތުން މިބިމުގެ ހައްޤުވެރިކަން ފޭރިއެއް ނުގަނެވޭނެ. 467 ދުވަހުގެ އެކަނިވެސް އަހަރެމެންގެ 50,000 މީހުން މިބިމަށްޓަކައި ޤުރުބާންވެއްޖެ. 110,000 މީހުން މި ވަޒަނަށްޓަކައި އެމީހުންގެ ހަށިތަކުން ލޭއޮހޮރުވާލައިފި. އަހަރެމެންގެ ގެދޮރާއި މުދާ އަހަރެމެން ޤުރުބާންކުރިން. ސްކޫލްތަކާ, ހޮސްޕިޓަލްތަކާއި އުމްރާނީ ތަރައްޤީ އަހަރެމެން ގުރުބާންކުރިން. އަހަރެމެން މިތަނުން ފައްސާނުލެވޭނެ" ޓްރަމްޕްގެ ޣައްޒާ 'ސާފުކުރުމުގެ' ޕްލޭނަށް އިޝާރާތްކޮށް ޣައްޒާގެ ރައްޔިތަކު ބުނެފައި ވެއެވެ.
ރިއެކްޝަންސް






