އިޒްރާއިލްއިން ރަފަޙްގައި 14 އަހަރުގެ ކުއްޖެއްގެ ގަޔަށް ބަޑިޖަހާ ޝަހީދުކޮށްލައިފި
އިޒްރާއިލްއިން ވަނީ ހިފާފައިވާ ހުޅަނގު އައްސޭރީގައި ދެމުންދާ ހަމަލާތައް ވަރުގަދަކޮށް އެތައްބަޔަކު ހައްޔަރުކޮށްފަ
ހަމަލާތައް މެދުކަނޑާލިކަން އިއުލާންކުރިތާ ދެވަނަ އަށް ވީދުވަހު އިޒްރާއިލްގެ ސްނައިޕަރަކު ޣައްޒާގެ 14 އަހަރުގެ ކުއްޖެއްގެ ގަޔަށް ބަޑިޖަހާ ޝަހީދުކޮށްލައިފިއެވެ. ދައުރު ވަމުންވާ ވީޑިއޯއިން ފެންނަ ގޮތުގައި އެކުއްޖާ ސަލާމަތްކުރަން މަސައްކަތްކުރި މީހާގެ ގަޔަށްވެސް ބަޑިޖަހާ އޭނާވެސް ވަނީ ޝަހީދުކޮށްލާފައެވެ.
ޒަކަރިއްޔާ ބަރަބަޙް ކިޔާ މި ކުއްޖާގެ ގަޔަށް ބަޑިޖަހާ ޝަހީދުކޮށްލާފައިވަނީ ރަފްޙްގެ މެދުތެރޭގެ އަލް- އަވްދާ ސަރަޙައްދުގައެވެ. މިއީ އިޒްރާއިލް-ހަމާސްގެ ހަމަލާތައް ހުއްޓާލުމާބެހޭ އެއްބަސްވުމާ ކަނޑައެޅިގެން ޚިލާފަށް އިޒްރާއިލްއިން ހިންގާފައިވާ އަމަލެކެވެ.
އިޒްރާއިލްއިން ދިން ބަޑީގެ އިތުރު ހަމަލާތަކެއްގައި އިއްޔެ ރަފަޙްގައި އިތުރު 8 މީހަކުވެސް ވަނީ ޒަޚަމްވެފައެވެ. ފަލަޞްޠީނުގެ ބައެއް މީޑިއާ ރިޕޯޓްތައް ބުނާގޮތުން މި ހަމަލާތައް ދީފައިވަނީ ރަފަޙްގެ ބަފަރ ޒޯން ސަހަޙައްދުގައި ޣައްޒާގެ އާންމުންނާ ދިމާކޮށެވެ.
މީގެ އިތުރުން އިޒްރާއިލްގެ ޝެލް އެއްގެ ބައެއް ގޮވައި ރަފަޙްގައި ވަނީ އިތުރު މީހަކުވެސް މަރުވެފައެވެ. މެދުތެރޭ ޣައްޒާ އާއި ނެޓްރިޒަމް ކޮރިޑޯ ގުޅޭ ސަރަޙައްދުގައިވެސް އިޒްރާއިލްގެ ސިފައިންނާއި ފަލަޞްޠީނުގެ އާންމުންނާ ދެމެދު ހިނގި ހަމަނުޖެހުމެއްގައި ދެ މީހަކު ވަނީ ޒަހަމްވެފައެވެ. ނެޓްރިޒަމް އަކީ އިޒްރާއިލް އަސްކަރިއްޔާގެ ގިނަ މަރުކަޒުތަކެއް ހިމެނޭ ގޮތަށް ޣައްޒާގެ އުތުރާ ޣައްޒާގެ އެހެނިހެން ސަރަހައްދުތަކާ ބިމުގެ ގޮތުން ބައިކޮށް އިޒްރާއިލްއިން ދަމާފައިވާ ރޮނގެކެވެ.
މެދުތެރޭ ޣައްޒާގެ އަލް ބުރެއިޖް ރެފިއުޖީ ކޭމްޕްގައި ހުންނަ އަލް-އަވްދާ ހޮސްޕިޓަލްއަށް ވަނީ ޒަޚަމްވެފައިވާ ބައެއް މީހުން ގެންގޮސްފައެވެ.
އިޒްރާއިލްއިން ބުނެފައިވަނީ ހަމަނުޖެހުންތައް ހިނގާފައިވަނީ އަސްކަރިއްޔާއާ ދެކޮޅުވެރިކަން ދެއްކި ފަރާތްތަކާ މެދުގައި ކަމުގައެވެ. އަދި އެމީހުން އަމަލުކޮށްފައިވާނީ ހަމަލާތައް މެދުކަނޑާލުމާ ގުޅޭ އެއްބަސްވުމާ އެގޮތަށްކަމަށެވެ.
ޣައްޒާގައި އިޒްރާއިލްގެ އަސްކަރީ އޮޕަރޭޝަން ތައް އެއްބަސްވުމުގެ ދަށުން 'ހުއްޓާލާފައި' ވާއިރު ހިފާފައިވާ ހުޅަނގު އައްސޭރީގައި އަސްކަރިއްޔާއިން ދޭ ހަމަލަތައް ވަނީ އިތުރުވެފައެވެ. އިއްޔެ އެކަނިވެސް 60 ށްވުރެ ގިނަ ފަލަޞްޠީނުގެ ރައްޔިތުން ވަނީ ހިފާފައިވާ ހުޅަނގު އައްސޭރިން ހައްޔަރުކޮށްފައެވެ. އިޒްރާއިލްއިން އިއްޔެ ވަނީ ހުޅަނގު އައްސޭރީގެ ޤަލްގިލިޔާގެ އިރުމަތީގައި އޮންނަ އައްޒުންގައި ވަރުގަދަ އަސްކަރީ އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފައެވެ. އަދި ހިފާފައިވާ ހުޅަނގު އައްސޭރީގެ އެކި ސަރަޙައްދުތަކުގައި ގިނަ ހަމަލާތަކެއް ދީފައެވެ.
ރިއެކްޝަންސް