ކަނޑުހުޅުދޫ ބަނދަރުވެސް މިއަހަރުގެ ލިސްޓަށް!
ރައީސުލްޖުމްހޫރިއްޔާއަށް ކަނޑުހުޅުދޫން މަރުހަބާ ދަންނަވަނީ: ފޮޓޯ-ރައީސް އޮފީސް

ކަނޑުހުޅުދޫ ބަނދަރުވެސް މިއަހަރުގެ ލިސްޓަށް!

ބިންހިއްކުން އަންނަ އަހަރަށް

16 hours ago - 19:01
Jan 8, 2025 - 19:01
Advertisement
Advertisement

ގއ.ކަނޑުހުޅުދޫ ބަނދަރުގެ ޖާގައިގެ ދަތިކަން ހައްލުކޮށްދެއްވުމުގެ މަސައްކަތް މިއަހަރު ކޮށްދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. މިއަދު އެރަށަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާ ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ބަނދަރުގެ ޖާގައިގެ ދަތިކަމަށް ޙައްލު ހޯއްދަވައިދެއްވުމަށްޓަކައި ސަރުކާރުގެ ބަޖެޓުގެ ތެރެއިން މި އަހަރު ޢަމަލީ މަސައްކަތްތައް ފަށްޓަވައި، ބަނދަރުގެ ޖާގައިގެ ދަތިކަން ޙައްލުކޮށްދެއްވާނެ ކަމަށެވެ. 

ބަނދަރުގެ ޖާގައިގެ ދަތިކަމަށް ޙައްލު ހޯއްދަވައިދެއްވާނީ ސަރުކާރާއި ކައުންސިލާ ދެމެދު މަޝްވަރާތަކެއް ކުރެވި، ކައުންސިލުން އެދިވަޑައިގެންނެވި ގޮތަށް ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މީގެއިތުރުން އެރަށު ސްކޫލަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމުގެ މައްސަލައާއި، ސްކޫލަށް ބޭނުންވާ ތަރައްޤީގެ ކަންކަމަށް ޢަމަލީ ސިފަ ގެނައުން މަޑުޖެހިފައި އޮތް އޮތުންވެސް ނިމުމަކަށް ގެންނަވާނެކަމުގެ ޔަގީންކަން ރައީސް ދެއްވިއެވެ. އަދި އެރަށުގައި މިހާރު ހުއްޓިފައިވާ މަޝްރޫޢުތައް ހިންގަވައިދެއްވާނެ ކަމުގެ ޔަޤީންކަންވެސް ރަށުގެ ރައްޔިތުންނަށް ދެއްވިއެވެ. ހިންގަން ފަށައި، މަޑުޖެހިފައިވާ މަޝްރޫޢުތައް ހިންގެވުމުގެ އިތުރަށް، ޢުމްރާނީ ގޮތުން އިތުރު ތަރައްޤީތަކެއް ސްކޫލަށް ގެނެސްދެއްވާނެ ކަމުގެ ޔަޤީންކަންވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ކަނޑުހުޅުދޫ ރައްޔިތުންނަށް ދެއްވާފައެވެ.

ޞިއްޙީ ދާއިރާ ތަރައްޤީ ކުރެއްވުމަކީވެސް ސަރުކާރުން ޚާއްޞަ އިސްކަމެއް ދެއްވާ ކަމެއްކަން ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ގއ. ކަނޑުހުޅުދޫގެ ޞިއްޙީ މަރުކަޒަށް ދިމާވެފައިވާ ގޮންޖެހުންތަކަށްވެސް ޙައްލު ހޯއްދަވައިދެއްވާނެ ކަމަށް ވިދާޅުވެފައެވެ. އެގޮތުން އެ މަނިކުފާނު ވަޢުދުވެވަޑައިގެންފައިވާ ގޮތަށް، 24 ގަޑިއިރު ޚިދުމަތް ދެވޭ ފެންވަރަށް ޞިއްޙީ މަރުކަޒު ތަރައްޤީ ކުރުމާއި، އެ މަރުކަޒުން ހުށަހަޅުއްވާފައިވާ އިތުރު ކަންކަން ފުރިހަމަކޮށްދެއްވުމުގެ ޢަމަލީ މަސައްކަތްތައް މި އަހަރުގެ ތެރޭގައި ކޮށްދެއްވާނެ ކަމަށް ވިދާޅުވިއެވެ.

Advertisement
Advertisement

ގއ. ކަނޑުހުޅުދޫއަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ދަތިކަމުގެ މައްސަލައަށްވެސް އަލިއަޅުއްވާލައްވާ ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ރަށަށް ބޭނުންވެފައިވާ އިތުރު ހައުސިންގ ޔުނިޓްތައް އެޅެން އޮތީ ބިން ހިއްކައިގެން ކަމަށެވެ. ނަމަވެސް މި އަހަރު ތެރޭގައި އެ މަޝްރޫޢު ފެށިދާނެކަމަށް ޤަބޫލުފުޅުނުކުރައްވާ ކަމަށް ވިދާޅުވިއެވެ. ކަން އެހެން ދިމާވި ނަމަވެސް، 2026 ވަނަ އަހަރުގެ ބަޖެޓުގެ ތެރެއިން ބިން ހިއްކުމުގެ މަޝްރޫޢު ހިންގަވައިދެއްވާނެ ކަމަށާ، އެ މަޝްރޫޢު ނިމުމާއެކު އެންމެ ލަސްވެގެން ދެން އަންނަ އަހަރެއްގައި ރޯ-ހައުސްގެ މަޝްރޫޢު ހިންގަވައިދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement