ގައުމިއްޔަތު ވަކި މާއްދާއެއްގެ ގޮތުގައި ކިޔަވައިދޭން ފަށަނީ
ދިރާސީ އާ އަހަރުންފެށިގެން ގައުމިއްޔަތު ވަކި މާއްދާއެއް ގޮތުގައި ކިޔަވައިދޭން ފަށަންނިންމައިފި
ދިރާސީ އާ އަހަރުންފެށިގެން ގައުމިއްޔަތު ވަކި މާއްދާއެއް ގޮތުގައި ކިޔަވައިދޭން ފަށަންނިންމައިފިއެވެ.
މިއަދު ރައީސް އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް އޮފީހުގެ ޕްރިންސިޕަލް ސެކެޓްރީ އޮން ޕަބްލިކް ޕޮލިސީ އަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވީ ދިވެހި ގައުމިއްޔަތު ކިޔަވައިދިނުމަށް ވަކި މާއްދާއެއް ތައުލީމީ ގައުމީ މަންހަޖުގައި ހިމެނުމަށް ޖެނުއަރީ 10، ގައި އޮތް ސޯޝަލް ކައުންސިލް ބައްދަލުވުމުގައި ނިންމައިފައިވާ ކަމަށެވެ.
ވަކި މާއްދާއެއްގެ ގޮތުގައި ދިވެހި ގައުމިއްޔަތު ކިޔަވައިދޭން ނިންމީ ދިވެހި ގައުމިއްޔަތުގެ ރުކުންތަކާއި އަގުތަކަށް އިސްކަންދީ، ގައުމިއްޔަތަށް ލޯބިކުރާ އަދި ގައުމިއްޔަތުގެ ބަހާތަކަށް އަހުލުވެރިވެފައިވާ ޖީލެއް ބިނާކުރުމަށްޓަކައި ކަމުގައި ނާޒިމް ވިދާޅުވި އެވެ.
"އެގޮތުން ދިވެހި ގައުމިއްޔަތުގެ ރުކުންތަކާއި، އަގުތަކަށް އިސްކަންދީ، ގައުމިއްޔަތަށް ލޯބިކުރާ އަދި ގައުމިއްޔަތުގެ ބަހާތަކަށް އަހުލުވެރި ވެފައިވާ ޖީލެއް ބިނާކުރުމަށް ދިވެހި ގައުމިއްޔަތު ދިރުވައި އާލާކުރުމުގެ މަގުސަދުގައި ދިވެހި ގައުމިއްޔަތު ކިޔަވައިދިނުމަށް ވަކި މާއްދާއެއް ގައުމީ މަންހަޖުގައި ހިމެނުއްވުން،" ނާޒިމް ވިދާޅުވިއެވެ.
އަދި ދިރާސީ އާ އަހަރު ސަރުކާރުގެ ސްކޫލްތަކުގައި ކިޔަވާ ދިނުމަށް ކުރަން ޖެހޭ މަސައްކަތްތައް ޓައިމްލައިނާއި އެއްގޮތަށް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށްވެސް ނާޒިމް ވިދާޅުވިއެވެ. އޭގެ އިތުރުން ގައުމީ މަންހަޖުގައި މި މާއްދާ ހިމަނާއިރު، އެކަން ރައީސް އޮފީހުގައި މަޝްވަރާ ކޮށްގެން ކުރިއަށް ގެންދިއުމަށް ނިންމުނު ކަމަށްވެސް ނާޒިމް ވިދާޅުވިއެވެ.
ގައުމިއްޔަތު ވަކި މާއްދާއެއް ގޮތުގައި ކިޔަވައިދިނުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ.
ރިއެކްޝަންސް