މުޖުތަމައުގެ ކަންބޮޑުވުންތައް ހައްލުކުރުމަށް ފުލުހުންގެ ޖޮއިންޓް އެޖެންސީ ޓީމުން މަޝްވަރާ ކޮށްފި
މުޖުތަމައުގައި ހުރި ކަންބޮޑުވުންތަކާއި އެކަންކަން ހައްލުކުރުމަށް ހުރި ގޮންޖެހުންތަކާ ގުޅޭ ގޮތުން ފުލުހުންގެ ޖޮއިންޓް އޭޖެންސީ ޓިމުން މަޝްވަރާ ކުރައްވައިފިއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުގެ ގާނޫނުން ފުލުހުންގެ މައްޗަށް މަތިކުރެވިފައިވާ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް އެކުލަވައިލާފައިވާ މާލެ ސިޓީގެ ޖޮއިންޓް އޭޖެންސީ ޓީމުން އިއްޔެ ބޭއްވި ބައްދަލުވުމުގައި ވަނީ މާލެތެރޭގައި ހިނގާ ނޭދެވޭ ކަންތައްތައް ހައްލުކުރުމާއި އިތުރަށް ހައްލުކުރަންޖެހޭ މައްސަލަތައް ދެނެގަނެ ކަމާ ގުޅުންހުރި އިދާރާތަކާ ގުޅިގެން އެކަންކަން ހައްލުކުރުމަށް ގުޅިގެން މަސައްކަތްކުރުމަށް މަޝްވަރާކޮށްފައެވެ.
ފުލުހުން ވިދާޅުވީ ގުޅިގެން ކުރެވޭ މަސައްކަތްތަކުގެ ތެރެއިން ބިދޭސީންގެ މައްސަލަތައް ހައްލުކޮށް މިހާރަށް ވުރެ ރަނގަޅު ނަތީޖާއެއް ނެރުމަށް މަޝްވަރާކޮށްފައިވެއެވެ.
އަދި ފުލުހުންނާއި އިދާރާތަކުން ގުޅިގެން ކުރެވޭ މަސައްކަތްތައް އިތުރަށް ފަސޭހަކުރުމުގެ ގޮތުން ކޮންމެ އިދާރާއަކުން ވެސް ހާއްސަ ފޯކަލް ޕޮއިންޓެއް ކަނޑައަޅާފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއްވިއެވެ.
ޖޮއިންޓް އޭޖެންސީގެ ބައްދަލުވުމުގައި މާލެ ޕޮލިސް ހެޑް އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އާސިމް އަބްދުﷲ އާއި މާލެ ޕޮލިސްގެ އެކި ބަހާތަކުގެ އިސްވެރިންގެ އިތުރުން ސަރުކާރުގެ ބައެއް އިދާރާތަކާއި ކުންފުނިތަކުގެ އިސްވެރިން ބައިވެރިވެފައިވާ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން މައުލޫމާތު ދެއްވިއެވެ.
ރިއެކްޝަންސް