މަކަރާއި ހީލަތުގެ މައްސަލާގައި ފުލުހެއްގެ ބައިވެރިވުމެއް ނެތް- ފުލުހުންގެ އިދާރާ
މިދިޔަ އަންގާރަ ދުވަހު ފުލުހުންގެ ޚިދުމަތަށް ހުށަހެޅުނު މަކަރާއި ހީލަތުގެ މައްސަލާގައި ފުލުހެއްގެ ބައިވެރިވުމެއް ނެތް ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ. އެމައްސަލާގައި ފުލުހެއްގެ ބައިވެރިވުން ނެތްކަން ބަޔާންކޮށް, ފުލުހުންގެ މުއައްސަސާއިން މިރޭ ބަޔާނެއް ނެރެފައިވަނީ އެކަމުގައި ފުލުހަކާއި, އޭނާގެ އަންހެނުން ބައިވެރިވާކަމަށް ބުނެ ސޯޝަލް މީޑިޔާގައި ޕޯސްޓްތަކެއް ދައުރުކުރަމުން ދަނިކޮށެވެ. އެޕޯސްޓް ހިއްސާކޮށް އެފުލުސް މީހާ ވަނީ އެކަން ދޮގުވެސް ކޮށްފައެވެ.
ފުލުހުން ޢާއްމުކުރި ބަޔާނުގައި ބުނީ އެފަދަ މައްސަލައެއްގެ ތަހުގީގު ކުރަމުންދާ ކަމަށާއި, ނަމަވެސް އެކަމުގައި ފުލުހެއްގެ އެއްވެސް ބައިވެރިވުމެއް އަދި ތުހުމަތުކުރެވިދާނެ ފަދަ އެއްވެސް ކަމެއް ތަހުގީގަށް ފާހަގަކުރެވިފައި ނުވާކަމަށެވެ. މައްސަލައިގައި އޮޅުވާލައިގެން ހޯދި ފައިސާ ދައުރުކުރުމުގައި ބޭނުންކުރި އެއް ބޭންކް އެކައުންޓަކީ ފުލުހެއްގެ އަނބިމީހާގެ ބޭންކް އެކައުންޓް ކަމށް ފުލުހުން ބުންޏެވެ. އެހެން ނަމަވެސް އެ އެކައުންޓަކީ އެއަންހެންމީހާގެ އީމެއިލްއާއި ބޭންކް އެކައުންޓް ކޮމްޕްރޮމައިޒް ކޮށްގެން އެހެންބައެއްގެ ބާރުގެ ދަށަށް ގެންގޮސްފައިވާ އެކައުންޓެއްކަން ފާހަގަކުރެވިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
" މިމައްސަލައިގެ ތަހުގީގުގައި އެއްވެސް ހިސާބަކުން ފުލުހެއްގެ ބައިވެރިވުން މިކަމުގައި ފާހަގަކުރެވިއްޖެނަމަ އެފުލުހެއްގެ މައްސަލަ ބަލާނެ ވާހަކަ ދަންނަވަމެވެ." ބަޔާނުގައި ބުނެފައި ވެއެވެ.
ހުށަހެޅިފައިވާ މައްސަލައިގެ ކަންހިނގާފައިވާގޮތް ސާފްކޮށްދެމުން ފުލުހުން ބުނެފައިވަނީ މައްސަލައަކީ މީހެއްގެ ވައިބަރ އެކައުންޓް ކޮމްޕްރޮމައިޒް ކޮށްގެން އެމީހާގެ ދަންނަ މީހުންނަށް މެސެޖްކޮށް އޮޅުވާލައިގެން ފައިސާ ހޯދާފައިވާ މައްސަލައެއް ކަމަށެވެ. މައްސަލައާއި ގުޅުންހުރި އިތުރު ތިން މައްސަލައެއް ބަލަމުންދާކަމަށް ފުލުހުން ބުންޏެވެ.
މައްސަލައާ ގުޅިގެން ތަހުގީގުގެ ތެރެއިން އަޅަންޖެހޭ ފިޔަވަޅުތައް އަޅާ ވައިބަރ އެކައުންޓް ރިކަވަރކޮށް, އެކައުންޓްގެ ވެރިފަރާތުގެ ބާރުގެ ދަށަށް ގެނެވިފައިވާ ކަމަށް ފުލުހުން ބުންޏެވެ. ތަފާތު ތިން މީހެއްގެ އަތުން އޮޅުވާލައިގެން ހޯދި 10,100 ރުފިޔާ އީމެއިލްއާއި ބޭންކް އޮކައުންޓް ކޮމްޕްރޮމައިޒް ވެފައިވާ އެކައުންޓްތަކަށް ޖަމާކޮށްފައިވާކަމަށް ފުލުހުންގެ ބަޔާނުގައި ވެއެވެ. އެފައިސާގެ ތެރެއިން 5600 ރުފިޔާ ދައުރުވެފައިވާ އެކައުންޓް ތަކުގެ ތެރެއިން އެކައުންޓެއްގައި ހޯލްޑް ކުރެވިފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.
ރިކަވާ ނުކުރެވިވާ ފައިސާ ހޯދުމުގެ މަސައްކަތް ތަހުގީގުގެ ތެރެއިން ކުރަމުންދާނެ ކަމަށް ފުލުހުން ބުންޏެވެ. މައްސަލަ ތަހުގީގު ކުރަމުން ދަނީ ފުލުހުންގެ އިކޮނޮމިކް ކްރައިމް އިންނެވެ. ދިވެހި ފުލުހުންގެ ޚިދުމަތުގެ ނަން ކިލަނބުވާގޮތަށް މީޑިޔާގެ އެކި ވަސީލަތްތަކުގައި މައުލޫމާތު ފަތުރާތީ ފުލުހުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
ރިއެކްޝަންސް