ހުރިހާ ރަށެއްގައިވެސް ޕްރޮޖެކްޓް ހިންގާނަން, އެއްވެސް ރަށެއް ބާކީއެއް ނުވާނެ- ޒަމީރު
ޕީއެސްއައިޕީ އަށް ކަނޑައަޅާފައިވަނީ 12.4 ބިލިއަން ރުފިޔާ
ހުރިހާ ރަށެއްގައިވެސް ޕްރޮޖެކްޓް ހިންގާނެ ކަމަށާއި, އެއްވެސް ރަށެއް ބާކީއެއް ނުވާނެ ކަމަށް ފިނޭންސް މިނިސްޓަރ މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ. ރައްޔިތުންގެ މަޖިލިހުގައި ބަޖެޓާ ގުޅޭގޮތުން މިނިސްޓަރ މިފަދައިން ވިދާޅުވީ ރަށްރަށުގައި ހިންގާ ޕްރޮޖެކްޓްތަކުގެ ތަފްސީލް އިނގެން ނެތުމުން އެކަން ބޮޑުވުން ފާޅުކުރައްވަމުން ގެންދަވާތީ އެވެ.
މިނިސްޓަރ ވިދާޅުވީ ޕްރޮޖެކްޓް ލިސްޓެއް ބާއްވައިގެން ޕްރޮޖެކްޓްތައް ފަށައިފިނަމަ ޕްރޮޖެކްޓްތައް ކުރިއަށް ގެންދިއުމުގައި ދަތިތަކެއް ކުރިމަތިވާ ކަމަށެވެ. މިސާލެއްގެ ގޮތުން ފާހަގަކުރެއްވީ ކުޑަ އަދަދެއް ޖަހާފަ ޕްރޮޖެކްޓް ފެށުމުން އެތައް ބައިވަރު ޕްރޮޖެކްޓެއް ކުރިއަށް ނުގޮސް ހުންނަ ކަމަށެވެ. އެއީ ބަޖެޓް ނެތިގެން ނުވަތަ ކޭޝްފްލޯ ނެތިގެންކަމަށް ވިދާޅުވިއެވެ.
އެމްޓީސީސީއަށް ކުރިން ގިނަ އަދަދެއްގެ ޕްރޮޖެކްޓްތައް ހަވާލުކުރުމުން އެކުންފުނީގެ ޕައިޕްލައިންގައި 18 ބިލިއަން ރުފިޔާ ފައިނޭންސް ކުރެވޭނެ ގޮތެއް ނެތި ހުރިކަންވެސް ވަޒީރު ފާހަގަކުރެއްވިއެވެ.
އޭގެ ބަދަލުގައި ސަރުކާރުގެ ޕްލޭނަކީ ޕްރޮޖެކްޓްތައް ޕްރޮއަރަޓައިޒްކޮށް, ޕްރޮޖެކްޓްގެ ޕްރޮޕަރޭޓްރީ ފަންޑް އެލޮކޭޓްކުރުމަށްފަހު ރައީސުލްޖުމްހޫރިއްޔާގެ ޕްރިއޮރިޓީ ލިސްޓްގެ ތެރެއިން ޕްރޮޖެކްޓްތައް ކުރިއަށް ގެންދިއުން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ނަމަވެސް ހުރިހާ ރަށެއްގައިވެސް ޕްރޮޖެކްޓް ހިނގާނެ ކަމުގެ ޔަގީންކަން ދެއްވިއެވެ.
" އަޅުގަނޑު ދޭން އޮތް ޔަގީންކަމަކީ މިހާރު އަޅުގަނޑުމެން ގެންގުޅޭ ލިސްޓްގައިވެސް އެއްވެސް ރަށެއް އުނިވެފަކާއެއް ނޯންނާނެ. ޕްރޮޖެކްޓްތައް ފަށަން ހަމަ ހުރިހާ ރަށަކަށް, ސިޓީތަކާއި މާލެއާ އަޅުގަނޑުމެންގެ ޕްރޮގްރާމްގައި އޮތީ ރޭވިފަ. އެހަމަ އިއުލާނުކުރަމުން ގެންދާނަން" ވަޒީރު ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލިހުގެ އިދިކޮޅު މެމްބަރުންނާއި, ރަށްރަށުގެ ކައުންސިލުތަކުގެ އެންމެ ބޮޑު ޝަކުވާއަކީ ކޮން ރަށަކަށް އޮތީ ކޮން މަޝްރޫއެއްކަން ބަޖެޓުން އިނގެން ނެތުމެވެ. އަންނަ އަހަރު ރަށްރަށުގައި ހިންގާނެ ތަރައްޤީގެ މަޝްރޫއުތަކުގެ ތަފްސީލް ނެތުމެވެ. ނަމަވެސް ޕީއެސްއައިޕީ ޕްރޮޖެކްޓްތައް ހުރިހާ ރަށެއްގައިވެސް ހިންގާނެ ކަމުގެ ޔަގީންކަން ސަރުކާރުން ދެއެވެ.
އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓްގައި ޕީއެސްއައިޕީ ޕްރޮޖެކްޓްތަކަށް 12.4 ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފައެވެ.
ރިއެކްޝަންސް