ވޭޕް އެތެރެކޮށް ބޭނުންކުރުން މަނާކުރާ ބިލް ފާސްކޮށްފި
ވޭޕް އެތެރެކޮށް ބޭނުންކުރުން މަނާކުރާ ބިލް ރައްޔިތުންގެ މަޖިލިހުން މިއަދު ފާސްކޮށްފި އެވެ.
މިބިލް ތަސްދީޤުކޮށް ޤާނޫނަކަށް ވުމުން އަންނަ ބުރާސްފަތި ދުވަހުން ފެށިގެން ވޭޕާއި, ވޭޕްގެ ބައިތައް އެތެރެކުރުން މަނާވާނެއެވެ. އަދި އެތެރެކޮށް ވިއްކާނަމަ ޖޫރިމަނާގެ އަދަބުތައް ވަނީ ކަނޑައަޅާފައެވެ. ވޭޕް ބޭނުންކުރުން މަނާވަނީ އަންނަ ޑިސެމްބަރު މަހުގެ 15 ވަނަ ދުވަހުން ފެށިގެންނެވެ.
ސަރުކާރުގެ ފަރާތުން ހެންވޭރު އިތުރު ދާއިރާގެ މެމްބަރު އަހުމައު އައިފާނު ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ ޤާނޫނަށް ހުށަހެޅި އިސްލާހުތަކާއެކި ބިލް ފާސްވެ, ތަސްދީޤު ކުރެއްވުމުން ވޭޕް ވިއްކައިފި ނަމަ 20,000 ރުފިޔާ އިން ޖޫރިމަނާ ކުރާނެއެވެ. މީގެއިތުރުން ވިއްކި ކޮންމެ ވޭޕަކަށް 10,000 ރުފިޔާގެ ޖޫރިމަނާއެއް އަންނާނެއެވެ. ހިލޭ ވޭޕެއް ދިނަސް އެއަދަދުން ޖޫރިމަނާ ކުރާނެއެވެ. އަދި ބޭނުން ކުރާ މީހުންނަށްވެސް 5000 ރުފިޔާގެ ޖޫރިމަނާ އެއް އަންނާނެއެވެ. ކުޑަކުއްޖަކަށް ވޭޕް ވިއްކައިފި ނަމަ ޖޫރިމަނާ އަކީ 50,000 ރުފިޔާ އެވެ.
މިޤާނޫނުގެ ދަށުން ދުންފަތް ވިއްކޭނީވެސް 21 އަހަރުން މަތީގެ މީހުންނަށެވެ. ބިލް ފާސްކުރީ ރައްޔިތުންގެ މަޖިލިހުގެ 54 މެމްބަރުންގެ ވޯޓުންނެވެ. ވަކިކޮޅަކަށް ވޯޓް ނުދެއްވާ 8 މެމްބަރުން ތިއްބެވިއެވެ.
ރިއެކްޝަންސް