އައު ފިއުލް ފާމް އާއި ފިއުލް ހައިޑްރަންޓް ސިސްޓަމް ބޭނުން ކުރަން ފަށައިފި
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގެ އައު ފިއުލް ފާމް އާއި ފިއުލް ހައިޑްރަންޓް ސިސްޓަމް ބޭނުން ކުރަން ފަށައިފި އެވެ. ފިއުލް ފާމް އާއި ހައިޑްރަންޓް ސިސްޓަމް ހުޅުއްވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އެވެ.
އައު ފިއުލް ފާމްގެ ސަބަބުން ފިއުލް ރައްކާކުރެވޭ ކެޕޭސިޓީ 13.5 މިލިއަން ލީޓަރުން 45 މިލިއަން ލީޓަރަށް އިތުރުވެގެންދާނެއެވެ. މިއީ އެއަރޕޯޓުގައި ތެޔޮ ރައްކާކުރުމުގެ ޤާބިލުކަން ތިން ގުނަ އިތުރުކޮށްދޭނެ މަޝްރޫޢެކެވެ. މޯލްޑިވްސް އެއާޕޯޓް ކޮމްޕެނީ ލިމިޓެޑް (އެމް.އޭ.ސީ.އެލް) އިން މި މަޝްރޫއު ފުރިހަމަ ކުރެއްވީ ޗައިނާގެ އެގްޒިމް ބޭންކްގެ ލޯނު އެހީ އާއިއެކުއެވެ.
މި މަޝްރޫޢުގެ އެންމެ ބޮޑު އެއް ކުރިއެރުމަކީ 8.4 ކިލޯމީޓަރުގެ ދިގުމިނުގެ ފިއުލް ހައިޑްރަންޓް ސިސްޓަމެއް ޤާއިމުކުރުމެވެ. މިއީ ތެޔޮ ރައްކާކުރާ ތަނުން ފެށިގެން މަތިންދާ ބޯޓުތައް ޕާކުކުރާ ސަރަޙައްދާ ހަމައަށް ބިމުގެ އަޑީގައި ޤާއިމުކޮށްފައިވާ ވިއުގައެކެވެ. މީގެ ކުރިން ބޯޓުތަކަށް ތެޔޮ އެޅުމަށް މުޅިންވެސް ބޭނުންކުރަމުން އައީ ރިފިއުލަރއެވެ.
އެހެންނަމަވެސް މިއަދު ބޭނުންކުރަން ފެށި ނިޒާމުގެ ސަބަބުން އެއަރ ސައިޓުގައި އުޅަނދުތަކުގެ ހަރަކާތްތައް މަދުވެ ސަލާމަތާ ރައްކާތެރިކަން އިތުރުވެ ތެޔޮއެޅުމަށް ހޭދަވާ ވަގުތުވެސް މަދުވެގެން ދާނެއެވެ. ނަތީޖާއެއްގެ ގޮތުން އަވަސް އަދި ރައްކާތެރިކޮށް މަތިންދާބޯޓުތަކަށް ތެޔޮ އެޅުމުގެ ޚިދުމަތް، މި ނިޒާމުގެ ސަބަބުން ފަހިވެގެންދާނެއެވެ.
އައު ފިއުލް ފާމް އާއި ފިއުލް ހައިޑްރަންޓް ސިސްޓަމާއެކު ރައީސުލްޖުމްހޫރިއްޔާ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް އެކުލަވާލައްވާފައިވާ މާސްޓަރ ޕްލޭންގައި ވާގޮތަށް އޮޕްރޭޝަންސް ފުޅާކޮށް ސަރަޙައްދީ އަދި ބައިނަލްއަޤްވާމީ ގޮތުން، މަތީ ފަންތީގައި ގުނާލެވޭ އެއާޕޯޓަކަށް މި އެއާޕޯޓް ހެދުމަށްކުރާ ދަތުރު އިތުރަށް ހަލުވިވެގެންދާނެ ކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ. އަދި އޭގެ މަންފާއާ ހެޔޮ އަސަރު ދިވެހި ރާއްޖޭގެ އިޤްތިޞާދަށް ލިބިގެންދާނެކަން ފާހަގަކުރެއްވިއެވެ.
ރިއެކްޝަންސް