ހުޅުމާލޭ އަޒީޒާ މޫސާ މިސްކިތަށް ގެއްލުންދިން މީހާ މުޖުތަމައުން އެކަހެރިކޮށްފި
ހުޅުމާލޭގައި ހުންނަ އަޒީޒާ މޫސާ މިސްކިތަށް ގެއްލުންދިން މައްސަލައިގައި ތުހުމަތުކުރެވޭ ފަރާތް، ކަމާގުޅުންހުރި މުއައްސަސާތަކާ ގުޅިގެން މުޖުތަމައުން އެކަހެރިކޮށްފައިވާ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން މިއަދު ހާމަކޮށްފިއެވެ.
ފުލުހުން ވިދާޅުވީ، މި މައްސަލައިގައި ތުހުމަތުކުރެވޭ ފަރާތް މިހާރު ވަނީ މުޖުތަމައުން އެކަހެރިކުރެވިފައި ކަމަށާއި، އެ ފަރާތަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކަމާބެހޭ އިދާރާތަކުން މިހާރު ކުރަމުންދާ ކަމަށެވެ.
މި ހާދިސާގެ ތަފްޞީލް ހާމަކުރަމުން ފުލުހުން ބުނީ، މި މަހުގެ 20 ވީ ހޯމަ ދުވަހުގެ ފަތިހު 3:47 އެހައިކަންހާއިރު ހުޅުމާލޭ އަޒީޒާ މޫސާ މިސްކިތަށް ގެއްލުންދިން މައްސަލައެއް ހުށަހެޅުމާ ގުޅިގެން އެ މައްސަލަ ތަހުގީގު ކުރަން ފަށާފައިވާ ކަމަށެވެ. އަދި އެ މައްސަލައިގައި ތުހުމަތުކުރެވޭ ފަރާތް އިއްޔެ ދެނެގަނެވިފައިވާ ކަމަށާއި، އެ ފަރާތުގެ ނަފްސާނީ ހާލަތަށް ރިއާޔަތްކޮށް، ކަމާބެހޭ އިދާރާތަކާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް ފުލުހުން އިއްޔެ ބުނެފައިވެއެވެ.
ނަމަވެސް، މި މައްސަލައިގައި ތުހުމަތު ކުރެވޭ ފަރާތުން ރޭގެ ވަގުތެއްގައި އަނެއްކާވެސް ހަމަ އެ މިސްކިތަށް ގެއްލުން ދީފައިވާ ކަމަށް ފުލުހުން މިހާރު ވަނީ ތުހުމަތު ކޮށްފައެވެ. މި ހާދިސާގައި އެއްވެސް މީހަކަށް ޖިސްމާނީ އަނިޔާއެއް ލިބިފައި ނުވި ނަމަވެސް، މިސްކިތަށް ލިބުނު ގެއްލުންތަކާ ގުޅިގެން މި މައްސަލަ ވަކި މައްސަލައެއްގެ ގޮތުގައި ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.
މުޖުތަމައުގެ ރައްކާތެރިކަމާއި މިސްކިތްތަކުގެ ހުރުމަތް ހިފެހެއްޓުމަށްޓަކައި، ކަމާބެހޭ މުއައްސަސާތަކުން ދަނީ މި މައްސަލައިގައި ޝާމިލްވާ ފަރާތަށް ބޭނުންވާ ފަރުވާއާއި އެހެނިހެން އެހީތެރިކަން ފޯރުކޮށްދިނުމުގެ އިންތިޒާމުތައް ހަމަޖައްސަމުންނެވެ.
ރިއެކްޝަންސް





