ފަތުރުވެރިކަމަށްޓަކައި ސަވާހެލި އައްޑޫ ސިޓީގެ އިޚްތިޞާޞުން ވަކިކޮށްފި
ފަތުރުވެރިކަމަށްޓަކައި އައްޑޫ ސިޓީގެ އިދާރީ ދާއިރާގެ އިޚްތިޞާޞުން އެ އަތޮޅު ސަވާހެލި ވަކިކުރައްވައި، އައްޑޫ ސިޓީގެ އިދާރީ ދާއިރާގެ އިޚްތިޞާޞަށް ބަދަލުގެނައުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު ނިންމަވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ މި ބަދަލު ގެންނަވާފައިވަނީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ ދަށުން އެމަނިކުފާނަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުންނެވެ. އެގޮތުން، ޤާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ 1-56 ވަނަ މާއްދާގެ (ހ) ގެ ދަށުން، ރާއްޖޭގެ އިދާރީ ދާއިރާތަކުގެ އިޚްތިޞާޞް ކަނޑައެޅުމަށް ރައީސުލްޖުމްހޫރިއްޔާއަށް މަތިކޮށްފައިވާ މަސްއޫލިއްޔަތުގެ ދަށުން މިއަދު ވަނީ ރައީސުލްޖުމްހޫރިއްޔާގެ ޤަރާރު (ނަންބަރު 13/2026) ނެރުއްވާފައެވެ.
މި ނިންމެވުމާއެކު، އައްޑޫ ސިޓީގެ އިދާރީ ދާއިރާގެ އިޚްތިޞާޞަށް ގެނައި ބަދަލުތައް ހިމެނޭ ޗާޓު މިހާރު ވަނީ ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރައްވާފައެވެ. މި ބަދަލަކީ އައްޑޫ ސިޓީގައި ފަތުރުވެރިކަން ފުޅާކޮށް، އިޤްތިޞާދީ ގޮތުން އެ ސަރަޙައްދަށް ކުރިއެރުން ހޯދައިދިނުމުގެ މަޤްޞަދުގައި ގެނައި ބަދަލެއްކަމަށް މަސްދަރުތަކުން މަޢުލޫމާތުލިބެއެވެ.
ސަވާހެލި އަކީ އައްޑޫގެ ފަތުރުވެރިކަމުގެ މަޝްރޫޢުތަކަށް މުހިންމު ސަރަޙައްދަކަށް ވާއިރު، މި ގެނެވުނު އިދާރީ ބަދަލާއެކު އެ ސަރަޙައްދުގައި ފަތުރުވެރިކަމުގެ މަޝްރޫޢުތައް ހިންގުމަށް މަގުފަހިވެގެންދާނެއެވެ.
ރިއެކްޝަންސް





