އެމް.ޑީ.ޕީ އާއެކު ކޯލިޝަނެއް ނަހަދާނަން: ޔާމީން
ޔާމީން ވިދާޅުވީ އެމް.ޑީ.ޕީގެ ފިކުރާއި އެމަނިކުފާނުގެ ފިކުރަކީ ތަފާތު ފިކުރެއް ކަމަށް.
ސިޔާސީ ގޮތުން ވާދަވެރި މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ އެމް.ޑީ.ޕީ އާއެކު ކޯލިޝަނެއް ނަހައްދަވާނެ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް ވިދާޅުވެއްޖެއެވެ.
ރާއްޖެޓީވީގެ ފަށާއިރު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ އެމް.ޑީ.ޕީއާ އެމަނިކުފާނުގެ ފިކުރަކީ ތަފާތު ފިކުރެއް ކަމަށާއި އެކުގައި ސިޔާސީ މަސައްކަތް ނުކުރައްވާނެ ކަމަށެވެ.
ޔާމީން ވިދާޅުވީ ސިޔާސީ ކަންކަމުގައި އެމް.ޑީ.ޕީއާއެކު ވާހަކަ ދެކެވިދާނެ ކަމަށާއި އެހެން ނަމަވެސް އެކުގައި މަސައްކަތް ނުކުރެވޭނެ ކަމަށެވެ.
ޔާމީން ވިދާޅުވި ގޮތުގައި މިއަދު މި ރާއްޖެއަށް ދިމާވެފައިވާ އިގްތިޞާދީ ހީނަރުކަމަކީ އެމް.ޑީ.ޕީގެ ވެރިކަމުގައި ކަންކޮށްފައިވާ ގޮތުގެ ސަބަބުން ދިމާވެފައިވާ ކަންކަން ކަމަށާއި އިންޑިއާއަށް މިހާރު ރާއްޖެ ބަރޯސާވެފައިވާ މިންވަރަށް ބަރޯސާ ވެފައިވަނީ އެމް.ޑީ.ޕީގެ ސަރުކާރުތަކުން ކަންތައް ކޮށްފައިވާ ގޮތުން ކަމަށެވެ.
މީގެ އިތުރުން ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނު ޖަލުގައި ބަންދުކޮށްގެން އުޅުނީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިހުގެ ވެރިކަމުގައި ކަމަށާއި އެސަބަބާހުރެވެސް ކޯލިޝަނެއް ހަދައިގެން ސިޔާސީ މަސައްކަތް ނުކުރައްވާނެ ކަމަށް ޔާމީން ވަނީ ވިދާޅުވެފައެވެ.
ރައީސް ޔާމީންގެ މިފަދައިން ތުހުމަތު ކުރެއްވި ނަމަވެސް އެމަނިކުފާނު ވިދާޅުވީ މިދިޔަ އަހަރުގެ ރިޔާސީ އިންތިޚާބު ނިމުމާއެކު އެމަނިކުފާނު ޖަލު ބަންދުން ގެއަށް ބަދަލު ކުރެއްވީވެސް ރައީސް ސާލިހު ކަމަށެވެ.
އަދި އެކަމަކީ މިހާރުގެ ރައީސް ޑރ. މުޙައްމަދު މުޢިއްޒު އަށް އެނގިވަޑައިގެންވެސް ކުރެއްވި ކަމެއް ނޫން ކަމަށް ޔާމީން ވިދާޅުވިއެވެ.
މިފަދައިން ޔާމީން ވާހަކަ ދައްކަވާފައިވާއިރު އޭނާ އަންނަނީ އަމިއްލަފުޅު ޕާޓީގެ ހަރުގެ ޖަލްސާތަކުގައި މިހާރުގެ ސަރުކާރަށާއި އެމް.ޑީ.ޕީއަށްވެސް އެކި ފަހަރުމަތިން ފާޑުކިޔަމުންނެވެ.
ރިއެކްޝަންސް