ދެކުނުގެ ފަތުރުވެރިކަމަށް ޚާއްޞަކޮށް އައްޑޫސިޓީގައި ސިމްޕޯޒިއަމްއެއް ބާއްވަނީ
ދެކުނުގެ ފަތުރުވެރިކަމަށް ޚާއްޞަކޮށް އައްޑޫސިޓީގައި އަންނަ އަހަރު ސިމްޕޯޒިއަމްއެއް ބާއްވާނެ ކަމަށް ފަތުރުވެރިކަމާބެހޭ ވަޒީރު އިބްރާހީމް ފައިސަލް ވިދާޅުވެއްޖެވެ. ވަޒީރު މިހެން ވިދާޅުވީ އައްޑޫގެ ބްރޭންޑިންގ އިފްތިތާހުކުރަން ރޭ ކެނަރީފް ރިސޯރޓްގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.
އައްޑޫ ސިޓީގައި ފަތުރުވެރިކަން ކުރިއަރުވަން މިސަރުކާރުން ރައީސް ޑރ.މުޙައްމަދު މުއިއްޒު ވެވަޑައިގެންފައިވާ ވައުދުތައް ފުއްދަވައި ދެއްވުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާކަން ތަކުރާރުކޮށް ފާހަގަކުރައްވަމުން މިނިސްޓަރ ފައިސަލް ވިދާޅުވީ އަންނަ އަހަރުގެ ތެރޭގައި ޓޫރިޒަމް ސިމްޕީޒިއަމްއެއް އައްޑޫ ސިޓީގައި ބާއްވާނެ ކަމަށެވެ. އެސިމްޕޯޒިއަމް ބާއްވާނީ މޯލްޑިވްސް ޓޫރިޒަމް ޕްރޮމޯޝަން ބޯޑް (އެމްއެމްޕީއާރުސީ) މެދުވެރިކޮށް ކަމަށް ވިދާޅުވިއެވެ.
ސިމްޕޯޒިއަމްގައި އިންޑިޔާއާއި ޗައިނާގެ ޓުއަރ އޮޕަރޭޓަރުން ބައިވެރި ކުރައްވާނެ ކަމަށް ވިދާޅުވިއެވެ. އަދި ބައެއް އެއަރލައިންތަކާއި ބުކިންގ ޑޮޓްކޮމްއާއި އަގޯޑާ ފަދަ ފަރާތްތައް ބައިވެރިކުރަން މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވިއެވެ. އެސިމްޕީޒިއަމް ބާއްވާނީ ދެކުނުގެ އަތޮޅުތަކުގެ ބައިވެރިވުމާއެކު ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ. އެގޮތުން ފުވައްމުލަކު ސިޓީގައި ގެސްޓްހައުސް ހިންގާ ފަރާތްތަކާއި, ޑައިސް ސްކޫލްތައް ހިންގާ ފަރާތްތައް ބައިވެރި ކުރައްވަން ބޭނުންވާ ކަމަށް ވިދާޅުވިއެވެ. އަދި ގއ އާއި ގދ އަތޮޅުގައި ފަތުރުވެރިކަމުގައި މަސައްކަތް ކުރާ ފަރާތްތައްވެސް ބައިވެރި ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ އެހުރިހާ ފަރާތްތައް ބައިވެރިކޮށްގެން ބާއްވާ ސިމްޕޯޒިއަމްގެ ބޭނުމަކީ ;ކަނެކްޓިވިޓީ' އުފެއްދުން ކަމަށެވެ. ފަތުރުވެރިކަން ކުރިއަރުވަން އެއީ ވަރަށް މުހިއްމު ކަމެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ. އައްޑޫ ސިޓީގެ ފަތުރުވެރިކަމަށް އިހުލާސްތެރި ނިޔަތާއެކު ސަރުކާރުން މަސައްކަތް ކުރައްވާކަން ފާހަގަކުރައްވާ ފައިސަލް ވިދާޅުވީ ޝަންގްރިއްލާވެސް އޮޕަރޭޝަނަށް ގެންނަވާނެ ކަމަށެވެ. އެމަސައްކަތް ކުރައްވާކަމުގެ ޔަގީންކަން ދެއްވިއެވެ.
މީގެއިތުރުން އައްޑޫ ސިޓީގެ އެއަޕޯރޓްގެ އެއް ހިއްސާދާރު ކާސާ ހޯލްޑިންގ އިން ގަމުގައި 130 ހަކަށް އެނދު ތަރައްޤީ ކުރުމުގެ ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ. އައްޑޫ ސިޓީގައި މިވަގުތު ހުރީ 1100 އެއްހާ އެނދެވެ.
ރިއެކްޝަންސް