ޔުއެފާ ނޭޝަންސް ލީގު: ސްޕެއިން އާއި ޕޯޗްގަލް ކުއާޓާ ފައިނަލަށް
ގޯލް ޖެހުމަށްފަހު ސްޕެއިންގެ ކުޅުންތެރިން އުފާފާޅުކުރަނީ, ފޮޓޯ: ރޮއިޓާސް

ޔުއެފާ ނޭޝަންސް ލީގު: ސްޕެއިން އާއި ޕޯޗްގަލް ކުއާޓާ ފައިނަލަށް

2 days ago - 07:08
Oct 16, 2024 - 07:15

އަންގާރަ ދުވަހު ސާބިއާއާ ދެކޮޅަށް ކުޅުނު މެޗު 3-0 ކާމިޔާބުކޮށް ޔޫރަޕުގެ ޗެމްޕިއަން ސްޕެއިން ނޭޝަންސް ލީގުގެ ކުއާޓާ ފައިނަލަށް ދަތުރުކޮށްފިއެވެ. ސްޕެއިން ކުއާޓާ އަށް ދަތުރުކުރީ ލީގު އޭ, ގްރޫޕް 4 ގެ އެއްވަނަ ޓީމްގެ ގޮތުގައި 10 ޕޮއިންޓާއެކުއެވެ. ލީގު އޭގެ ގްރޫޕް 1 ގައި ލަނޑެއް ނުޖެހި ސްކޮޓްލެންޑާ އެއްވަރުވި ނަމަވެސް 10 ޕޮއިންޓާއެކު ޕޯޗްގަލްވެސް ވަނީ ކުއާޓާ ފައިނަލަށް ދަތުރުކޮށްފައެވެ.

ސްޕެއިން ކުއާޓާގެ ޖާގަ ކަށަވަރުކުރި އިރު ގްރޫޕްފައި އަދި އެޓީމުގެ ދެ މެޗު ބާކީ އެބައޮތެވެ. ސްޕެއިން އިން އަންގާރަ ދުވަހުގެ މެޗު ކުޅުނީ މުޙިއްމު ގިނަ ކުޅުންތެރިންތަކެއް ނެތިއެވެ. ޑިފެންޑަރު ޑެނީ ކަވަހާލް އާއި ރޮޑްރީ ކަކުލަށް ލިބުނު އަނިޔާއާ ގުޅިގެން ތިބީ ކުޅުމާ ދުރުގައެވެ. ނިކޯ ވިލއަމްސް, ޑެނީ އޮލްމޯ އަދި ރޮބިން ލެ ނޯމަންޑްވެސް ޓީމުގައި މިވަގުތު ނެތެވެ. ޒުވާންތަރި ލަމީން ޔަމާލްއަށް ވެސް އަނިޔާވެ, ވަނީ ޓީމާ ވަކިވެފައެވެ.

ސްޕެއިންއަށް ލީޑު ނަގައިދިނީ މެޗުގެ ފަސްވަނަ މިނިޓްގައި ޑިފެންޑަރު އައިމެރިކް ލަޕޯޓްއެވެ. އެއީ ފެޑްރޯ ޕޮރޯ ނަގައިދިން ހުރަހެއް ބޮލުންޖަހާ ގޯލްގެ ތެރެއަށް ފޮނުވާލައިގެންނެވެ. 54 ވަނަ މިނިޓްގައި ސްޕެއިންއަށް ލިބުނު ޕެނަލްޓީ ކެޕްޓަން އަލްވާރޯ މޮރާޓާ އަތުން ވަނީ ނާކާމިޔާބުވެފައެވެ. ނަމަވެސް އޭގެ 11 މިނިޓްފަހުން މޮރާޓާ ވަނީ ގޯލެއްޖަހާ ސްޕެއިންގެ ނުތަނަވަސްކަން ފިލުވާލާފައެވެ. ދެ ވަނަ ގޯލް ކާމިޔާބުކުރީ ނުރައްކާތެރި ހަމަލާއެއްގައި ފަބިއަން ރުއިޒް ތަނަވަސްކޮށްދިން ފުރުޞަތެއްގައެވެ.

ސްޕެއިންގެ ތިންވަނަ ލަނޑު ކާމިޔާބުކޮށްދިނީ އެލެކްސް ބީނާ އެވެ. 78 ވަނަ މިނިޓްގައި އޭނާ ލަނޑުޖެހީ ހިލޭޖެހުން ސީދާ ގޯލްގެ މަތީކަނަށް ފޮނުވާލައިގެންނެވެ. އޭގެ ކުރިން 76 މިނިޓޤގައި ސާބިއާގެ ސްޓްރަހިންހާ ޕަވްލޮވިޗްއަށް ވަނީ ރަތްކާޑެއް ދައްކާ ދަނޑުން ފޮނުވާލާފައެވެ. ސްޕެއިންގެ މިކޭލް އޮޔަތަބެލްއަށް ކުރި ފައުލަކާ ގުޅިގެން ދެއްކި ރަތްކާޑާއެކު ސާބިއާއިން މެޗު ކުރިއަށް ގެންދިޔައީ އެއް ކުޅުންތެރިއަކު މަދުކޮށެވެ.

Advertisement

ލީގު އޭގެ ގްރޫޕް 1 ގައި ޕޯޗްގަލްއާއި ސްކޮޓްލެންޑް ވާދަކުރިމެޗު އެއްވެސް ޓީމަށްކަށް ގޯލެއް ކާމިޔާބު ނުކުރެވި ނިމުނު ނަމަވެސް ޕޯޗްގަލްވެސް ވަނީ ކުއާޓާގެ ޖާގަ ކަށަވަރުކޮށްފައެވެ. ނަމަވެސް ޕޯޗްގަލް ނޮވެމްބަރު މަހު 15 ގައި ޕޮލަންޑާ ދެކޮޅަށް ކުޅޭ މެޗު އަދި ކުރިއަށް އެބައޮތެވެ. އަންގާރަ ދުވަހުގެ މެޗުން ބަލިވި ނަމަވެސް ލީގުގައި ކުޅުނު އަނެއް ތިން މެޗު ރޮބާޓޯ މާޓިނޭޒްގެ އިރުޝާދުގެ ދަށުން ކުޅެމުން އަންނަ ޕޯޗްގަލް ވަނީ ކާމިޔާބުކޮށްފައެވެ.

މެޗުގައި ރަނގަޅަށް ކުޅުނު ނަމަވެސް ގޯލްޖަހާނެ މާގިނަ ފުރުޞަތުތަކެއް ޕޯޗްގަލްއަށް ލިބިފައެއް ނުވެއެވެ. ފާއިތުވި ތިން މެޗުގައިވެސް ގޯލްޖެހި ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯއަށް ދެވަނަ ހާފުގައި ރަނގަޅު ފުރުޞަތެއް ލިބި ގޯލަކަށް ބަދަލުކޮށްލެވޭ ގޮތެއް ނުވިއެވެ. ބޮލުން ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ ދަނޑިއަށެވެ.

މެޗުގައި ސްކޮޓްލެންޑަށްވެސް ރަނގަޅު ހަމަލާއެއް އުފެއްދިފައެއް ނުވެއެވެ. ނަމަވެސް ގޯލްކީޕަރު ކްރެއިގް ގޯޑަން ވަނީ ފަހުވަގުތު ރަނގަޅު ސޭވްތަކެއް ކޮށްފައެވެ. މި ނަތީޖާ އާއެކު ސްކޮޓްލެންޑް އޮތީ އެންމެ ޕޮއިންޓާކާއެކު ތާވަލްގެ ފުލުގައެވެ. ކްރޮއޭޝިއާއަށްވުރެ ތިން ޕޮއިންޓް އިތުރަށް ހޯދައިގެން ޕޯޗްގަލް އެއްވަނައިގައި އޮތްއިރު, އަންގާރަ ދުވަހު 3-3 ން ކޮރޮއޭޝިއާއާ ވާދަކޮށް އެއްވަރުވި ޕޮލަންޑް އޮތީ ތާވަލްގެ ތިން ވަނައިގައެވެ. 

އަންގާރަ ދުވަހު ކުޅުނު އިތުރު މެޗުތަކަށް ބަލާއިރު ލީގު އޭގެ ގްރޫޕް 4 ގައި ސްވިޒަލޭންޑާއި ސާބިއާ ބައްދަލުކުރި މެޗު ވަނީ 2-2 ން އެއްވަރުވެފައެވެ. ލީގު ސީގެ ގްރޫޕް 2 ގައި ކޮސޯވޯ އިން 3-0 ން ސައިފްރަސްގެ މައްޗަށް ކުރި ހޯދާފައިވާއިރު, ލިތުއޭނިއާ ވަނީ ރޮމޭނިއާ އަތުން 2-1 ން ބަލިވެފައެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow