އިންޑިޔާ ދަތުރުފުޅަށްފަހު ރައީސުލްޖުމްހޫރިއްޔާ މާލެ ވަޑައިގެންފި
ރައީސުލްޖުމްހޫރިއްޔާ މާލެވަޑައިގަތުމުން މަރުހަބާ ދަންނަވަނީ: ފޮޓޯ-ރައީސް އޮފީސް

އިންޑިޔާ ދަތުރުފުޅަށްފަހު ރައީސުލްޖުމްހޫރިއްޔާ މާލެ ވަޑައިގެންފި

8 days ago - 16:52
Oct 11, 2024 - 16:16
Advertisement

އިންޑިއާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މާލެވަޑައިގެންފިއެވެ.

އިންޑިއާގެ ރައީސް ދުރޫޕަދީ މުރުމޫގެ ދަޢުވަތަކަށް ކުރެއްވި މި ދަތުރުފުޅަކީ، މިދިޔަ އަހަރުގެ ނޮވެމްބަރު މަހު މަޤާމާ ހަވާލުވެވަޑައިގަތުމަށްފަހު ރައީސުލްޖުމްހޫރިއްޔާ އިންޑިއާއަށް ކުރެއްވި ފުރަތަމަ ފުރަމާނަ ދަތުރުފުޅެވެ.

މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވަނީ އިންޑިއާގެ ރައީސް ދުރުޕަދީ މުރުމޫ އާއި ބޮޑުވަޒީރު ނަރެންދްރަ މޯދީ އާއި އަދި އެ ޤައުމުގެ ސަރުކާރުގެ އިސް އޮފިޝަލުންނާ ބައްދަލުކުރައްވާފައެވެ. ދެ ބޭފުޅުންގެ މަޝްވަރާތައް ބިނާކުރައްވާފައިވަނީ، ދޭދޭ ގުޅުންތައް ހަރުދަނާކުރުމާއި، ދެ ޤައުމުގެ ދެމެދުގައި އޮންނަ ބަދަހިގުޅުން އިތުރުކުރުމުގެ މައްޗަށެވެ.

"އަ ވިޜަން ފޯ އިކޮނޯމިކް އެންޑް މެރިޓައިމް ސެކިއުރިޓީ ޕާޓްނަރޝިޕް" ގެ ނަމުގައި އެކުލަވާލި ކަރުދާހަކީ މި ދަތުރުގެ އެންމެ މުހިއްމު އެއް ނިންމުން ކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ. ތަފާތު ދާއިރާތަކުން ދެ ޤައުމުގެ ގުޅުން އިތުރަށް ހަރުދަނާކުރުމަށް، މި ކަރުދާސް އެހީތެރިވެދޭނޭކަމަށް ދެގައުމުންވެސް އެއްބަސްވާ ކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ.

Advertisement

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުގައި ދިވެހި ސަރުކާރާއި އިންޑިއާ ސަރުކާރާ ދެމެދު އެއްބަސްވުންތަކާއި، ފަހުމުނާމާތަކުގައި ސޮއިކޮށް، ނޯޓް ވަރބޭލް ބަދަލުކޮށް، ބައެއް މަޝްރޫޢުތައް ވަނީ ދާދިވަރުކޮށް އިފްތިތާޙުކޮށްފައެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއާއެކު ބޭއްވެވި މަތީ ފަންތީގެ މަޝްވަރާތަކުގައި، ދެ ޤައުމުން ގުޅިގެން މިހާރު ކުރަމުންދާ މަސައްކަތްތަކާއި، ކުރިމަގުގައި ކުރެވިދާނެ މަސައްކަތްތަކާމެދު މަޝްވަރާކުރައްވާފައި ވެއެވެ. އެގޮތުން ބޯހިޔާވަހިކަމާއި، ޢުމްރާނީ ތަރައްޤީ އާއި، ދަނޑުވެރިކަމާއި، މަސްވެރިކަމާއި، ވިޔަފާރި އާއި އިންވެސްޓްމަންޓާއި، އިންސާނީ ވަޞީލަތް ތަރައްޤީކުރުމާއި، ސިއްޙީ ޚިދުމަތާއި، އަންހެނުން ބާރުވެރިކުރުވުމާއި، އިޔާދަކުރަނިވި ހަކަތަ އާއި މެރިޓައިމް އަދި ސަލާމަތީ ކަންކަމުގައި އެއްބާރުލުންދިނުން ފަދަ މައުޟޫޢުތަކުގެ މައްޗަށް މަޝްވަރާކުރެއްވިއެވެ.

އިންޑިއާއިން ދިވެހިރާއްޖެއަށް ދެއްވި މާލީ އެހީތެރިކަމަށް ޝުކުރުއަދާކުރައްވަމުން، މޭ މަހާއި ސެޕްޓެމްބަރު މަހަށް ޓީ-ބިލުގެ ސަޕޯޓުގެ ގޮތުގައި، އިންޓްރަސްޓަކާއި ނުލައި 100 މިލިޔަން އެމެރިކާ ޑޮލަރު ހަމަޖައްސަވައިދެއްވައި، އިތުރު އެހީގެ ގޮތުގައި ބައިލެޓަރަލް ކަރަންސީ ސްވޮޕް އެއްބަސްވުމެއްގެ ދަށުން 30 ބިލިޔަން އިންޑިޔާ ރުޕީޒް އާއި 400 މިލިޔަން އެމެރިކާ ޑޮލަރު ހަމަޖައްސަވައިދެއްވިކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ފާހަގަކުރައްވާފައެވެ. އަދި ދިވެހިރާއްޖެ އެހީއަކަށް ބޭނުންވާ ކޮންމެ ދަނޑިވަޅެއްގައި އިންޑިއާއިން ދިވެހި ރައްޔިތުންނަށް އެއްބާރުލުން ދެއްވަމުންގެންދަވާކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މި ދަތުރުގައި ހިމެނިގެން، ރައީސުލްޖުމްހޫރިއްޔާ ވަނީ އާގްރާ އަށާއި، މުމްބާއީ އަށާއި، ބެންގަލޫރަށްވެސް ޒިޔާރަތްކުރައްވާފައެވެ. މި ސިޓީތަކުގައިވެސް މުހިންމު ގިނަ ހަރަކާތްތަކާއި ބައްދަލުވުންތައް ކުރިއަށްގެންދެވިއެވެ. ނިއުދިއްލީ އާއި މުމްބާއީ އަދި ބެންގަލޫރުގައި ބޭއްވެވި އިންޑިއާ- މޯލްޑިވްސް ބިޒްނަސް ފޯރަމްގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ކުރިއަށްއޮތް ދުވަސްތަކުގައި ދެ ޤައުމުން އެކުގައި ކުރެވިދާނެ މަސައްކަތްތައް ފާހަގަކުރައްވައި، ފަތުރުވެރިކަމުގެ ދާއިރާގައި ހުރި ފުރުޞަތުތަކުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. މީގެ ތެރެއިން، ޚާއްޞަ އިޤްތިޞާދީ ސަރަޙައްދުތަކުގައްޔާއި، ލަގްޒަރީ ޕްރައިވެޓް އައިލެންޑްތަކުގައްޔާއި، ތިމާވެއްޓާ ރަޙުމަތްތެރި ރިސޯޓާއި އިންޓަގްރޭޓަޑް ޓުވަރިޒަމުގެ މަޝްރޫޢުތަކުގައި އިންވެސްޓުކުރުމަށް ހުރި ފުރުޞަތުތައް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، ރާއްޖޭގައި ފަތުރުވެރިކަމުގެ ދާއިރާއިން އިންވެސްޓްކުރުމަށް ހުރި ފުރުޞަތުތައް އަންގައިދިނުމުގެ ގޮތުން، މުމްބާއީގައި ބޭއްވި "މޯލްޑިވްސް-އިންޑިއާ ނެޓްވަރކިންގ އީވްނިންގ" ގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ބައިވެރިވެވަޑައިގެންނެވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިންޑިއާއަށް ކުރެއްވި ފުރަމާނަ ދަތުރުގައި ޘަޤާފީ ހަރަކާތްތައްވެސް ހިމެނިފައިވިއެވެ. އެގޮތުން ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ، އިންޑިއާގެ ތާރީޚީ މުހިންމު ބިނާއެއް ކަމުގައިވާ ތާޖް މަހަލަށް ޒިޔާރަތް ކުރައްވާފައެވެ. 

މީގެ އިތުރުން، ނިއުދިއްލީ އާއި ބެންގަލޫރުގައި ދިރިއުޅޭ ދިވެހި އާއިލާތަކާ ރައީސުލްޖުމްހޫރިއްޔާ ވަނީ ބައްދަލުކުރައްވާފައެވެ. އަދި އެ ފަރާތްތަކާއެކު ވަގުތުހޭދަކުރައްވައި، އެފަރާތްތަކުގެ ބޭނުންތަކާއި އިހުސާސުތައް އަޑުއައްސަވާފައިވެއެވެ.

އަންނަ އަހަރަކީ ދިވެހިރާއްޖެ އާއި އިންޑިއާއާ ދެމެދު ޚާރިޖީ ގުޅުން ޤާއިމުކުރިތާ 60 އަހަރު ފުރޭ މުނާސަބާކަން ފާހަގަކުރައްވަމުން ރައީސުލްޖުމްހުރިއްޔާ ވަނީ، އަންނަ އަހަރު ދިވެހިރާއްޖެއަށް ފުރަމަނަ ދަތުރުފުޅެއް ކުރެއްވުމަށް، އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއަށް ދަޢުވަތު އަރުވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ އިމްޑިޔާއަށް ވަޑައިގެންނެވީ މިމަހުގެ 6 ވަނަ ދުވަހު އެވެ. އަރިހުގައި ސަރުކާރުގެ ވަޒީރުން ހިމެނިވަޑައިގަންނަވާ ބޮޑުވަފްދެއް ބައިވެރިކުރެއްވިއެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement