ލުބުނާނުން ބޮޑެތި ގޮވުންތަކެއް, ޣައްޒާގެ ނުސައިރަތު ރެފިއުޖީ ކޭމްޕަށް ހަމަލާދީ 12 މީހަކަ މަރާލައިފި
އިޒްރާއިލްއިން ލުބުނާނަށް ދޭންފަށާފައިވާ ވައިގެ ހަމަލާތަކުގައި ހޮނިހިރު ދުވަހު ވެރިރަށް ބެއިރޫތަށް ބޮންއަޅާ, ދެކުނު ލުބުނާނުގެ އާންމުން ދިރިއުޅޭ ސަރަޙައްދުތަކަށް ވައިގެ ހަމަލާތަކެއް ދީފިއެވެ. ބެއިރޫތުން "ބޮޑެތި ގޮވުންތަކެއް" ފެނިފައިވާކަމަށް މަންޒަރުދުށް މީހުންނާ ހަވާލާދީ އަލްޖަޒީރާއިން ރިޕޯޓްކޮށްފައިވެއެވެ. ގޮވުންތަކާއެކު ލުބުނާނުގެ ޖައްވާ ހަމައަށް ބޮޑެތި އަލިފާންގަނޑުތަކެއްވެސް އުފެދުނު ކަމަށް ރިޕޯޓް ކޮށްފައިވެއެވެ.
ލުބުނާނުގެ ސަލާމަތީ މަސްދަރަކާ ހަވާލާދީ އަލްޖަޒީރާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި ހުކުރު ދުވަހުން ފެށިގެން ހިޒްބުالله ލީޑަރުކަމަށް އިސްވާނެ ކަމަށްބެލެބޭ ހާޝިމް ސަފިއްދީންއާ ވަނީ ގުޅުން ކެނޑިފައެވެ.
ލުބުނާނަށް ހަމަލާ ދޭން ފަށާފައިވާއިރު އިޒްރާއިލްއިން ޣައްޒާގައި ހިންގާ އޮޕަރޭޝަން ތަކަށް ކުޑަނަމަވެސް ލުއެއް ދީފައެއް ނުވެއެވެ. ވިއްސިވިހާލި ވެފައިވާ އެތައް ރައްޔިތުންތަކެއް ދިރިއުޅޭ މެދުތެރޭ ޣައްޒާގެ ސަރަޙައްދުތަކަށް އިއްޔެވެސް ސަރަޙައްދު ދޫކޮށް ދިއުމުގެ އަމުރުތަކެއް އިއްވާފައިވެއެވެ. އަދި އާންމުން ދިރިއުޅޭ ނުސައިރަތު ރެފިއުޖީ ކޭމްޕަށް ހަމަލާދީ 12 މީހަކު މަރާލާފައި ވެއެވެ. ސަރަޙައްދު ދޫކޮށް ދާން އެންގި އަމުރުތަކުގައި އިޒްރާއިލްއިން ބުނެފައިވަނީ އަސްކަރިއްޔާއިން އެސަރަޙައްދުގައި ވަރުގަދަ އޮޕަރޭޝަން ތަކެއް ކުރިއަށް ގެންދާނެ ކަމުގައެވެ. އިޒްރާއިލްއިން ފަލަސްޠީނުގެ އެކި ސަރަޙައްދުތަކުން ހޮނިހިރު ދުވަހު އެކަނިވެސް ވަނީ 37 މީހުން މަރާލާފައެވެ.
އިޒްރާއިލްއިން ޣައްޒާގައި ދެމުން ގެންދާ އުދުވާނަށް ގާތްގަނޑަކަށް އަހަރެއް ވެފައިވާއިރު މިހާތަނަށް 41,825 މީހުން ޣައްޒާއިން މަރާލާފައިވާކަމަށް ފަލަޞްތީނުގެ ރަސްމީ ހިސާބުތައް ދައްކައެވެ. ލައްކައެއްހާ މީހުން ޒަޙަވެފައިވާކަމަށް ފަލަޞްޠީނުގެ ހެލްތު މިނިސްޓްރީން މަޢުލޫމާތު ދޭއިރު, މުޅި ޣައްޒާގެ އާބާދީ އެއްކޮށްހެން ވަނީ ވިއްސިވިހާލިވެފައެވެ.
ރިއެކްޝަންސް